މި އަހަރުގެ ދަރިންގެ ހަރަދާއި ކޯޓުން ނިންމި އެހެން މައްސަލަތަކުގައި ފެމިލީ ކޯޓުން 25 މިލިއަން ރުފިޔާ ހޯދައިދީފައިވާކަން ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ފެމެލީ ކޯޓަށް މިދިޔަ ހަ މަހު 1،024 މައްސަލަ ހުށަހެޅިއިރު، 1،009 މައްސަލައެއް ވަނީ ބަލައި ނިންމައިފަ އެވެ.
ހަމައެއާއެކު، އެ މުއްދަތުގައި ދަރިންގެ ހަރަދާއި އިއްދައިގެ ހަރަދުގެ ގޮތުގައި 44 މިލިއަން ރުފިޔާ ސާބިތުކުރެވުނެވެ.
ނަމަވެސް، އޭގެ ތެރެއިން ކޯޓަށް އަދި ދެއްކީ 24 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ކޯޓުން ނިންމާފައި ހުރި ނިންމުމަތަކާ ގުޅިގެން ދޭން ޖެހޭ ފައިސާއެކު ޖުމްލަ 25 މިލިއަން ރުފިޔާ ވަނީ ކޯޓު މެދުވެރިކޮށް ހައްގުވެރިންނަށް ރައްދުކޮށްދީފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވުމާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ އަމުރުތައް ހިމެނޭ ގޮތަށް ޖުމްލަ 55 އަމުރެއް ފެމެލީ ކޯޓުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ނެރެފައިވެ އެވެ.
ފެމިލީ ކޯޓުން ބުނީ އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބަޔަށް 80 މައްސަލަ ހުށަހެޅިއިރު، 69 މައްސަލައަކަށް ސުލްހަވެރި ހައްލެއް ހޯދައިދެވުނު ކަމަށެވެ.
ކޯޓަށް ހާޒިރުވުމަށް އަންގައި، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި 5،767 އަމުރެއް ނެރެފައިވާ ކަމަށް ވެސް ފެމެލީ ކޯޓުން ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1،226 ކައިވެންޏެއް ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 19 ކައިވެންޏަކީ ދިވެހިންނާއި ބިދޭސީން ކޮށްފައިވާ ކައިވެންޏެވެ. ރާއްޖެއިން ބޭރުގައި ކޮށްފައިވާ 113 ކައިވެންޏެއް ރަޖިސްޓްރީކޮށްދީފައިވެ އެވެ. އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި 1،580 މީހަކު ބައިވެރިވެފައިވެ އެވެ.
ފެމެލީ ކޯޓުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވަނީ 588 ވަރި ކޮށްދީފައިވެ އެވެ.
މިއަހަރު ފެމިލީ ކޯޓުން ނިންމި މައްސަލަތަކުގައި 25 މިލިއަން ރުފިޔާ ހޯދައިދީފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ