ސިއްޙީ ދާއިރާގެ ލައިސަންސިން ސޮފްޓްވެއަރ އިފްތިތާޙްކޮށްފި

ސިއްޙީ ދާއިރާގެ ލައިސަންސިންގ ސޮފްޓްވެއަރ އިފްތިތާޙުކޮށްފިއެވެ.
މި ސޮފްޓްވެއަރ އިފްތިތާޙު ކޮށްފައިވަނީ ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުއެވެ.
މި ސޮފްޓްވެއަރ އާ އެކު ޤާނޫނު ނަމްބަރ 2015/29 (ސިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނު) ގައި ބަޔާން ކުރާ ހެލްތު އެސްޓެބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް އަދި ޞިއްޙީ ޚިދުމަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓިގެންދާނެއެވެ. އެގޮތުން ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރ ކުރުމާއި ލައިސަންސް ހޯދުމަށް ހުށަހަޅަން ޖެހޭނީ މި ޕޯޓަލްއިންނެވެ.
މިއީ މި ސަރުކާރުން އަމާޒު ހިފާފައިވާ ޑިޖިޓަލް މޯލްޑިވްސް 2.0 ސިޔާސަތު ތަންފީޒު ކުރުމަށް ހެލްތް ސެކްޓަރ ކުރަންހުރި ކަންތައްތަކުގެ ތެރއިން އެއްކަންތައްކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ޕްލެޓްޕޯމްގެ ޒަރީއާއިން ދިވެހިރާއްޖޭގައި ޚިދުމަތްދޭ މަރުކަޒުތަކުގެ ރަޖިސްޓްރީ، އޮޕަރޭޓިންގ ލައިސަންސް އަދި ހެލްތް ޕްރޮފެޝަނަލްސްގެ ލިސްޓް ޑިޖިޓަލައިޒް ވެގެންދާނެއެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ބަލި މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހެވެ.
މިއަހަރު ބަލިމީހުންގެ ރައްކާތެރި ކަމުގެ ދުވަހުގެ ޝިޢާރުގައި ބާރު އަޅާފައިވަނީ ކުޑަކުދިންނާއި، ޚާއްޞަކޮށް އަލަށް އުފަންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. އަދި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުން އެހިސާބުން ފެށިގެން ކުރިއަށް ގެންދިއުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.
މިދުވަހުގެ ޝިއާރާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި 5 އަމާޒަކަށް މަސައްކަތް ކުރުމަށް ގޮވާލެވިފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ކުދިންނާ، މައިންބަފައިން އަދި އާއިލާތަކުގެ ބައިވެރިކުރުވުމާއި، ކުޑަކުދިންނަށް ބޭސް ދިނުމުގައި ރައްކާތެރި މިންގަނޑުތައް ކަނޑައަޅާ އިމްޕްލިމެންޓް ކުރުމާއި، ބަލި ދެނެގަތުން ހަރުދަނާކުރުމުގެ އިތުރުން، ސިއްޙީ ޚިދުމަތްދޭ ތަންތަނުން ދިމާވެދާނެ އިންފެކްޝަންތަކުން ރައްކާތެރިކުރުމާއި، އަދި ތުއްތު ކުދިންނާއި ބަލިތައް ތަޙައްމަލު ކުރަމުންދާކުދިން ހުށަހެޅޭ އެކި އެކި ނުރައްކާތައް މަދުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ