އީރާނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމާ ބެހޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު މަޝްވަރާކުރެއްވުމަށް، ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިސްހާގު ދާރު މިއަދު ވޮޝިންޓަނަށް ވަޑައިގެންފި އެވެ.
މި ޒިޔާރަތް މި ކުރެއްވީ މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގެ ބުރެއް، ވަކި ސީދާ އެއްބަސްވުމަކަށް ނާދެވި ނިމުނު ފަހުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މިދިޔަ މަހު އިއުލާނުކުރި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ދަންމާލުމަށާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތަކަށް ލުއިދިނުމަށް ވޮޝިންޓަނާއި ތެހެރާނުން އެއްބަސްވުމަކަށް އައިސްފައިވެ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މި ހުށަހެޅުމަށް ހުއްދަ ދެއްވާފައިނުވާއިރު، އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ އެއްބަސްވުން އަދި މުޅިން ނުނިމޭ ކަމަށާއި ދާދި ފަހުން އެއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްގެންދާ މެދުވެރިއެއްގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ލީޑުކުރައްވަނީ އެ ގައުމުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރެވެ.
ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުއްޓާ ވެސް މި މަޝްވަރާތައް ދަނީ ކުރިއަށެވެ. އެގޮތުން އީރާނުން އެދެނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށާއި ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށާ އަދި އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތައް މަދުކުރުމަށެވެ. ނަމަވެސް ވޮޝިންޓަނުން ބާރުއަޅަނީ ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމް މުޅިން ހުއްޓާލުމަށެވެ.
މިވަގުތަށް އެންމެ އަވަސް ހައްލެއް ބޭނުންވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ މައްސަލައަށެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ މި މަގުންނެވެ.
މި ހަފުތާގެ ކުރީކޮޅު ބައެއް ތެޔޮ ޓޭންކަރުތަކާއި ގުދުރަތީ ގޭސް (އެލްއެންޖީ) އުޅަނދުތައް ދަތުރު ފެށި ނަމަވެސް، ކަނޑުގެ ދަތުރުފަތުރު އަދިވެސް އޮތީ ވަރަށް މަދުންނެވެ. އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ކަނޑުއޮޅިން ދަތުރުކުރީ 24 އުޅަނދެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ހުއްދަނެތި އެއްވެސް އުޅަނދަކަށް އެތަން ހުރަސްނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި، ދާރު އާއި ރޫބިއޯގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށާއި ވާހަކަދައްކައިގެން އަދި ހާރިޖީ މަގުން ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ގެނައުމަށް ޕާކިސްތާނުން ކުރަމުން އަންނަ މަސައްކަތްތަކަށެވެ.
އީރާނާ ބެހޭ މަޝްވަރާތަކަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު އެމެރިކާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ