ނޯވޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 100 އަށްވުރެ ގިނަ ގެ އަނދައިފި

ނޯވޭގެ ދެކުނުން ޑްރާމަން ސިޓީ ކައިރީގައި ހުކުރު ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި ސަތޭކައަށް ވުރެ ގިނަ ގެ އަނދައި ހުލިވެ، އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ވެރިރަށް އޮސްލޯއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަހައްދުގެ ވައިގެ ތެރެއަށް ބޯ ކަޅު ދުންތައް ފެތުރިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ނުވަތަ ގެއްލުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި 60 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. އަދި ބާރުމިނުގައި ފެތުރެމުންދާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުން ދިއުމާއި، ކައިރީގައި ހުރި ޖަންގަލިތަކަށް އޭގެ އަސަރު ކުރަން ފެށުމާ ގުޅިގެން ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުން ސަތޭކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ރޯވާން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެއީ ކޮން ހިސާބަކުން ފެށުނު އަލިފާނެއް ކަމެއް ކަމާ ބެހޭ އިދާރާތަކުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.
ނޯވޭއަކީ އާންމުގޮތެއްގައި ފިނި އަދި ތެތް މޫސުމެއް އޮންނަ ގައުމަކަށް ވީނަމަވެސް، ފަހަކަށް އައިސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޫނު މޫސުމުގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހިކި ފިނިހޫނުމިން މަތިވުމުގެ މައްސަލަ ދަނީ ފާހަގަކުރެވެމުންނެވެ.
މީގެ ސަބަބުން ޖަންގަލިތަކުގައި އަލިފާން ރޯވުމާއި، އޭގެ އަސަރު މީހުން ދިރިއުޅޭ އަވަށްތަކަށް ފޯރުމުގެ ހާދިސާތައް ވިލާތުގެ އެހެން ގައުމުތަކެކޭ އެއްފަދައިން ނޯވޭގައި ވެސް ފަހަކަށް އައިސް ވަނީ އިތުރުވާން ފަށައިފަ އެވެ.
އެ ގައުމުގެ ތާރީޚަށް ބަލާއިރު، މީގެ ކުރިން ވެސް ލަކުޑިން ހަދާފައި ހުންނަ ދިގު ތާރީޚެއްވީ ގަދީމީ އިމާރާތްތަކުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގައި، މުޅި އަވަށްތައް އެއްކޮށް އަނދައިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ނޯވޭގެ ކަމާބެހޭ އިދާރާތަކުން އިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރަމުންދާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ހިނގި އެންމެ ބޮޑު އަލިފާނުގެ އެއް ހާދިސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ