ރާޖްގެ އާ ފިލްމު 'ޕްރަހާރު' ރިލީޒްކުރުން ފަސްކޮށްފި

ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯގެ ކުރިއަށް އޮތް ކޯޓުރޫމް ޑްރާމާ "ޕްރަހާރު" ރިލީޒްކުރުން ފަސްކުރެވިފައިވާކަން އިއުލާނުކޮށްފިއެވެ. މި އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކުރި ފިލްމު އެ ތާރީޚުގައި ރިލީޒްނުކުރަން ނިންމީ، ފިލްމީ ތަރިން ކަމަށްވާ ސަނީ ޑިއޯލްގެ "ބަޓްވާރާ 1947" އަދި އިމްރާން ހާޝިމީގެ ފިލްމު "އާވާރާޕަން 2" އޮގަސްޓް މަހު ރިލީޒްކުރަން ނިންމުމާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވަނީ، އޯގަސްޓް ހަތެއްގައި ފިލްމު ނެރުމާ މެދު ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، އެއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. ފިލްމު އުފައްދާ ދިނޭޝް ވިޖަން އަކީ އާންމުކޮށް ފިލްމު ރިލީޒްކުރުމުގެ މާ ކުރިން ވަރުގަދަ ޕްރޮމޯޝަންތަކެއް ފަށާ ފަރާތެކެވެ. ނަމަވެސް، ފިލްމު ރިލީޒްކުރަން ދެ ހަފުތާއަށް ވެފައިވާއިރުވެސް އެއްވެސް މާކެޓިން ހަރަކާތެއް ފެށިފައި ނެތުމަކީ ފިލްމު ފަސްކުރިކަން ދޭހަވާ ކަމުގެ ހެއްކެއް ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް، ފިލްމު އުފައްދާ ފަރާތުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ފިލްމު "ޕްރަހާރު: ދަ އުޖްވަލް ނިކަމް ސްޓޯރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ޕްރަހާރު: ދަ އުޖްވަލް ނިކަމް ސްޓޯރީ"ގައި ރާޖްކުމާރު ފެންނާނީ އިންޑިއާގެ މަޝްހޫރު ހާއްސަ ޕަބްލިކް ޕްރޮސިކިއުޓަރު އުޖްވަލް ނިކަމްގެ ރޯލުންނެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ލަލިތު ޕްރަބާކަރް، ވާމީގާ ގައްބީ އަދި ޖައިދީޕް އަހުލާވަތު ވެސް ފެނިގެންދާނެއެވެ. މި ފިލްމުގައި އުޖްވަލް ނިކަމްގެ ކާމިޔާބު ކެރިއަރާއި، އިންޑިއާގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކާއި ބޮޑެތި ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި އޭނާ ވެފައިވާ ގުރުބާނީތައް ދައްކުވައިދޭނެއެވެ. ޚާއްޞަކޮށް 2008 ވަނަ އަހަރު މުމްބާއީއަށް ދިން 26/11ގެ ޓެރަރިސްޓް ހަމަލާގެ އަޑީގައި ހުރި އަޖްމަލް ކަސާބަށް އަދަބު ދިނުމަށް ކުރި މަސައްކަތާއި، 1993 ވަނަ އަހަރުގެ ބޮމުގެ ހަމަލާތަކާ ގުޅޭ ޝަރީއަތްތަކުގެ މައްޗަށް މި ފިލްމުގައި އަލިއަޅުވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ