ވޯލްޑްކަޕް ވޯލްޑްކަޕް ހައިޑްރޭޝަން ބްރޭކުން ނަތީޖާއަށް އަސަރެއް ނުކުރޭ، އިތުރަށް ބޭނުންކުރުމާ މެދު އަދި ގޮތެއް ނުނިންމަން: ވެންގާ

މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލަށް ތައާރަފުކުރި ’ހައިޑްރޭޝަން ބްރޭކް‘ (ފެން ބޯންދޭ ވަގުތު) ތަކުގެ ސަބަބުން ކުޅުމުގެ އޮއިވަރަށް ނުވަތަ މެޗުތަކުގެ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވި ނަމަވެސް، މީގެ މުސްތަގުބަލާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް ޗީފް އާސެން ވެންގާ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެންގާ ވިދާޅުވީ، ވޯލްޑް ކަޕް 2026 ނިމުމުން ނިމުމުން ހައިޑްރޭޝަން ބްރޭކްތަކުގެ އަސަރުތައް ފުންކޮށް ދިރާސާކުރާނެ ކަމަށެވެ.
”ހައިޑްރޭޝަން ބްރޭކްތަކުގެ ސަބަބުން މެޗުތަކުގެ ނަތީޖާއަށް އެއްވެސް އަސަރެއް ނުކުރޭ. ކުރިއަށްއޮތް ތަނުގައި މުބާރާތްތަކުގައި ހައިޑްރޭޝަން ބްރޭކް ދިނުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވާނެ،“ އޭނާ ވިދާޅުވިއެވެ.
ކޮންމެ ހާފެއްގެ މެދުތެރެއިން ދޭ ތިން މިނެޓުގެ މި ބްރޭކަކީ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ހޫނު މޫސުމުގައި ކުޅުންތެރިންނަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން މުބާރާތުގެ ކޮންމެ މެޗެއްގައި ދިނުމަށް މަޖުބޫރުކުރި ކަމެކެވެ. ނަމަވެސް، ދަނޑުގެ މޫސުމަށް ނުވަތަ ދަނޑު އޮތް ތަނަށް ބެލުމެއް ނެތި މި ބްރޭކް ދިނުމަށް ނިންމުމުން، އިންޑޯގައި ކުޅުނު އެޓްލާންޓާ، ޑެލަސް، ހިއުސްޓަން އަދި ވެންކޫވާގެ މެޗުތަކުގައި ވެސް މި ބްރޭކް ދިނުމުން ދަނޑުގައި ތިބި ސަޕޯޓަރުންގެ ފާޑުކިޔުންތަކާއި ނުރުހުން ވަނީ އަމާޒުވެފައެވެ.
މި ބްރޭކްތަކުގެ ސަބަބުން ކޯޗުންނަށް މެޗުގެ މެދުތެރެއިން ’ޓައިމްއައުޓް‘ އެއްގެ ގޮތުގައި ބޭނުންކޮށްގެން ކުޅުންތެރިންނަށް ޓެކްޓިކަލް އިރުޝާދު ދިނުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން، ބްރޯޑްކާސްޓަރުންނަށް މިއީ އިޝްތިހާރު ދެއްކުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވުމުން، ކުރިއަށް އޮތް ތަނުގައި މީޑިއާ ރައިޓްސްގެ މަޝްވަރާތަކުގައި މިއީ މުހިންމު މައުޟޫއަކަށް ވާނެ ކަމަށް ބެލެވެއެވެ. އެގޮތުން އެމެރިކާގައި މުބާރާތް ދައްކާ ފޮކްސް ޗެނަލުން ހަމައެކަނި މި ބްރޭކްތަކުގެ އިޝްތިހާރުން މަދުވެގެން 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފީފާ އިން އެންމެ ފުރަތަމަ މިފަދަ ކޫލިންގް ބްރޭކެއް ތައާރަފުކުރީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އެއީ ހޫނުމިން 89.6 ޑިގްރީ ފަރަންހައިޓަށް ވުރެ މަތިވާ ނަމަ ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ދިނުމަށް ކޯޓަކުން އަމުރުކުރުމާ ގުޅިގެންނެވެ.
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ސްޕެއިނާއި އާޖެންޓީނާ މިރޭ ބައްދަލުކުރާ ފައިނަލް މެޗަކީ ސްޕެއިނުން މިއަހަރުގެ މުބާރާތުގައި ކުޅޭނެ ދެވަނަ އައުޓްޑޯ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ