މެންޗެސްޓާ (ޑިސެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯމޭޝަން ބަދަލުނުުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނަމުން އައި ނަމަވެސް މިއީ އެކަން ކުރަން ރަނގަޅު ވަގުތެއް ކަމަށް ބުނެފި އެވެ.
މީގެ ކުރިން، 3-4-3 އަށް އަމޮރިމްގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅެމުން އައި ކަމުގައި ވިޔަސް، ލީގުގައި އެންމެ ފަހުން ނިއުކާސަލް ޔުނައިޓެޑް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ކުޅުވީ ހަތަރު ޑިފެންޑަރުން ލައިގެން، ދެ ހޯލްޑިން މިޑްފީލްޑަރުން ކުޅޭ ސިސްޓަމަކަށެވެ. އެ ގޮތަށް ކުޅެގެން، ލީގުގައި މި ފަހަރު ޔުނައިޓެޑް ދެ ވަނަ ފަހަރަށް ކޮޅަށް ގޯލެއް ނުވަދެ ވަނީ ނިންމާލައިފަ އެވެ.
ސްޕޯޓިން ލިޒްބަންގައި ވެސް އަމޮރިމް ބޭނުންކުރި 3-4-3 ސިސްޓަމްގައި ޔުނައިޓެޑް ލައްވައި ކުޅުވާާތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ. އެކަމަކު، އެއް ފެންވަރެއްގައި ނަތީޖާ ނުނެރެވޭތީ ފާޑުކިޔުން އަމާޒުވެފަ އެވެ. ތަކުރާރުކޮށް ޓީމުގެ ފޯމޭޝަނާ ބެހޭގޮތުން ސުވާލުކުރަމުން މީޑިއާ އިން ދިޔައިރު ވެސް އަމޮރިމް ވަނީ އޭނާގެ ސިސްޓަމްގެ ދިފާއުގައި މީގެ ކުރިން ވާހަކަ ދައްކައިފަ އެވެ. އެކަމަކު، މިހާރު ވިސްނުން ވަނީ ބަދަލުވެފަ އެވެ.
އަމޮރިމް ބުނީ، ކުރިން ވެސް ވިސްނުމުގައި ހުރީ ތަފާތު އެކި ފޯމޭޝަންތަކަށް ކުޅެވޭނެ ގާބިލު ޓީމަކަށް ޔުނައިޓެޑް ހެދުމަށް ކަމަށެވެ.
"މިދިޔަ ސީޒަނުގައި މި ޓީމަށް އަހަރެން އައިއިރު، އަހަންނަށް ހީވި ވަކި ސިސްޓަމަކަށް ކުޅެވޭނެ ރަނގަޅު ކުޅުންތެރިން ނެތޭ. އެކަމަކު، އެއީ މި ދަތުރުގެ ފެށުން. އަހަރެމެން އުޅުނީ ހާއްސަ ވައްޓަފާޅިއަކަށް ޓީމު ސެޓްކުރަން، އެކަމަކު، މިހާރު މި އޮތީ ހާލަތު ތަފާތުވެފައި. އަހަރެމެން އަތުގައި މާ ގިނަ ކުޅުންތެރިންނެއް ނެތް، ހާލަތަށް ހޭނެންޖެހޭ. އެހެންވެ، (ފޯމޭޝަނަށް) މި ބަދަލު އަންނަން ޖެހޭކަން އެންމެންނަށް އެނގޭ،" އެފްރިކަން ކަޕަށް މުހިންމު ކުޅުންތެރިން ދިއުމުން އުނދަގޫ ހާލަތެއްގައި އޮތް ކަން ހާމަކޮށް އަމޮރިމް ބުންޏެވެ.
އަމޮރިމް ބުނީ، މި ބަދަލު ގެނައީ ސަޕޯޓަރުންނާއި މީޑިއާގެ ޕްރެޝަރާ ހެދި ކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި މިއީ ކުރިން ވެސް ވިސްނުމުގައި ހުރި ކަންކަން ކަމަށެވެ.
ލީގުގައި މިރޭ ޔުނައިޓެޑުން ކުޅޭނީ އެންމެ ފުލުގައި އޮތް ވުލްވްސްއާ ދެކޮޅަށެެވެ.
ގޮތްދޫކޮށް އަމޮރިމް ޔުނައިޓެޑްގެ ފޯމޭޝަން ބަދަލުކުރަނީ ގޮތްދޫކޮށް އަމޮރިމް ޔުނައިޓެޑްގެ ފޯމޭޝަން ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ