މާޗުގެ ކުރިން "ވާނުވާ" ހައްލުކުރުމަށް އެވަރެޖްކޮށް މަހަކު 52 މައްސަލަ ނިންމަންޖެހޭނެ: ޝަމީމް
އެކި ކުށްކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ، ނުވަތަ "ވާނުވާ"ގެ މައްސަލަ އަންނަ މާޗް މަހުގެ ނިޔަލަށް ހައްލުކުރުމަށްޓަކައި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އެވަރެޖްކޮށް މަހަކު 52 މައްސަލަ ނިންމަންޖެހޭނެ ކަމަށް، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމްގެ އަމިއްލަ ބްލޮގުގައި މިއަދު ލިޔުއްވި ލިއުމެއްގައިވަނީ، ވާނުވާ ބަންދުގައި މިވަގުތު ތިބި މީހުންގެ އަދަދު ރިއަލްޓައިމްގައި ސާފުކުރެވޭނެ ގޮތް އަދި ފެންނަން ނެތް ނަމަވެސް، ސަރުކާރުގެ ރަސްމީ ލިޔުންތަކާއި އޭނާގެ ތަޖުރިބާގެ އަލީގައި، އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގެ އަލީގައި އެ އަދަދު 300 އަށްވުރެ ގިނަވާނެ ކަމަށެވެ. އޭގެ ތެރެއިން 145 މީހުންގެ މައްސަލަ އޮތީ އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކުގައި ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ހަވާލާދީ ޝަމީމް ލިޔުއްވާފައިވެއެވެ. ޝަމީމް ލިޔުއްވިގޮތުގައި އަތޮޅުތަކުގެ ކޯޓުތަކުން މިދިޔަ އަހަރު ޖުމުލަ 487 ޖިނާއީ މައްސަލައެއް ނިންމިއިރު، މިއަހަރު 540 ޖިނާއީ މައްސަލައެއް ނިންމާފައިވެއެވެ. އެހެންކަމުން އެއީ މިދިޔަ އަހަރު އެވަރެޖްކޮށް މަހަކު 40 މައްސަލަ، އަދި މިއަހަރު އެވަރެޖްކޮށް 45 މައްސަލައެވެ. އަދި ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 414 މައްސަލަ (އެވަރެޖުކޮށް މަހަކު 34.5 މައްސަލަ) ނިންމިއިރު، މިއަހަރު 701 މައްސަލަ (އެވަރެޖުކޮށް މަހަކު 58 މައްސަލަ) ނިންމިކަމަށާއި، ޖުވެނައިލް ކޯޓުން މިދިޔަ އަހަރު 19 މައްސަލައެއް (އެވަރެޖުކޮށް މަހަކު 1.5 މައްސަލަ) ނިންމިއިރު، މިއަހަރު ހަތަރު މައްސަލައެއް ނިންމިކަމަށް، ޝަމީމް ލިޔުއްވާފައިވެއެވެ. އެހެންކަމުން ރައީސް ވިދާޅުވި ގޮތަށް، އަންނަ މާޗު މަހުގެ ނިޔަލަށް ވާނުވާގެ މައްސަލަތައް ނިންމުމަށްޓަކައި އަތޮޅުތަކުގެ ކޯޓުތަކުން ނުނިމިހުރި މައްސަލަ ނިންމޭނީ މަހަކު އެވަރެޖުކޮށް 48 މައްސަލަ ނިންމައިގެން ކަމަށް، ޝަމީމް ލިޔުއްވާފައިވެއެވެ. އަދި މާލޭގެ ޖުވެނައިލް ކޯޓާއި ކްރިމިނަލް ކޯޓުގައިވާ 155 މައްސަލަ ނިންމޭނީ އެވަރެޖުކޮށް މަހަކު 52 މައްސަލަ ނިންމައިގެން ކަމަށް، އޭނާ ލިޔުއްވާފައިވެއެވެ. "އެއީ، ވޭތުވެދިޔަ ދެ އަހަރުގެ އެ މުއްދަތުގައި ނިންމެވި މައްސަލަތަކަށްވުރެ ގާތްގަނޑަކަށް 50 ޕަސެންޓު އިތުރު ޢަދަދެކެވެ. މިއީ ކުޑަނޫން މަސައްކަތެކެވެ." ޝަމީމްގެ ލިޔުއްވުމުގައިވެއެވެ. ޝަމީމް ފާހަގަކުރެއްވިގޮތުގައި ވާނުވާގައި ތިބި މީހުންގެ މައްސަލަތައް މާޗު މަހާ ހަމައަށް ނިންމޭނީ ބަންޑާރަނައިބު ހިމެނިވަޑައިގަންނަވާ ހެން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މައްސަލަތައް އަވަހަށް ނިންމަވަން ޚާއްސަ މަސައްކަތްތަކެއް ކޮށްގެންނެވެ. https://sun.mv/215658 ފާހަގަކުރެވޭ ގޮތުގައި، އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް ވިދާޅުވީ، މިމަހުގެ 22ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ބަންޑާރަނައިބު އަހުމަދު އުޝާމާ ހަވާލާދެއްވައި އެ މަނިކުފާނު ވިދާޅުވީ، ވާނުވާގައި ތިބި އިތުރު މީހުންގެ މައްސަލަތައް ވެސް އެއަށް ފަހުގައި ކުރިއަށް ދާނެ ކަމަށެވެ. އޭގެ އިތުރަށް، މި މައްސަލަތައް ސަރުކާރުގެ ތެރެއިން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އުޝާމް ކުރައްވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަހުގެ ކުރީކޮޅު ވެސް އެ މަނިކުފާނު ވަނީ ބޮޑެތި ކުށްކުށުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިގެންވާ ޙައްގެއް ނޫން ކަމަށާއި، އެއީ ކުރައްވާނެ ކަމެއް ނޫން ކަމަށް ކަމަށް ވިދާޅުވެފައެވެ. އެ ވާހަކައާ ގުޅިގެން ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން ބުނީ، "ވާނުވާ" ބަންދުގައި ތިބި މީހުންގެ ފައިގައި ޓެގު އަޅުވައި، އެ މީހުން މޮނިޓާކުރެވޭ ގޮތަށް ޝަރުތުތަކާއެކު ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ވާނުވާ ބަންދުގައި މީހުން ތިބުމުގެ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ މައްސަލައެކެވެ. ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވަނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭންގެ ތެރޭގައި ވައުދުވެލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ