އިރާންގައި ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ ކޮންމެ މީހަކީ "މާތްﷲގެ ދުޝްމަނެއް" ކަމަށް ބަލައި، އެމީހުންނަށް މަރުގެ އަދަބު ދެވިދާނެ ކަމުގެ ހަރުކަށި އިންޒާރު އެގައުމުގެ އެޓާނީ ޖެނެރަލް މުހައްމަދު މުވާހިދީ އާޒާދު ދެއްވައިފިއެވެ.
ހޮނިހިރު ދުވަހު އިރާނުގެ ދައުލަތުގެ މީޑިއާއިން މިކަން ހާމަކޮށްފައިވާއިރު، އިރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވެސް ވަނީ 1979 ވަނަ އަހަރުގެ އިންގިލާބުގެ ކާމިޔާބީތަކާއި ގައުމުގެ ސަލާމަތަށް ބުރޫއެރުވުމަކީ ހުރަސްކޮށްގެން ނުވާނެ "ރަތް ރޮނގެއް" ކަމަށް ބުނެ، މުޒާހަރާތައް ހުއްޓުވަން ކޮންމެ ފަދަ ފިޔަވަޅެއްވެސް އަޅާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
ހޮނިހިރު ދުވަހު އިރާންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމުގެ އަމާންކަން ނަގާލުމަށް އިސްރާއީލާއި "ޓެރަރިސްޓް ޖަމާއަތްތަކުން" މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ އަމުރަށް، ގައުމުގެ މުހިންމު ބިނާތަކާއި އާންމު މުދާ ހިމާޔަތް ކުރުމުގައި އަސްކަރިއްޔާ ދެމިއޮންނާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އިރާންގައި މިފަހަރު މުޒާހަރާތައް ފެށިފައިވަނީ ތަކެތީގެ އަގު އިންތިހާއަށް އުފުލި، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާ އެކުގައެވެ. ނަމަވެސް، މިހާރު މުޒާހަރާގެ ބައިވެރިން ދަނީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު ގައުމުގައި އޮތް ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ.
ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ އިން ބުނާ ގޮތުގައި، މިދިޔަ ޑިސެމްބަރު 28 އިން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 62 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 48 މީހުންނަކީ މުޒާހަރާގެ ބައިވެރިންނެވެ. ސިފައިންގެ 14 މީހަކު ވެސް މަރުވި އެވެ.
މުޒާހަރާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 2300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިރާނުން ބުނެ އެވެ.
އިރާން ސަރުކާރުން މިހާރު ވަނީ މުޅި ގައުމުން އިންޓަނެޓް ކަނޑާލާފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލުން ބުނާ ގޮތުގައި މިއީ ސިފައިން ހިންގާ ލޭއޮހޮރުވުންތައް ދުނިޔެއަށް ފޮރުވުމަށް ކުރާ ކަމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އިރާން ސަރުކާރުން އާންމުން މަރަން ފަށައިފިނަމަ، އެމެރިކާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން އާ ސަބްސިޑީ ސްކީމެއް ތައާރަފު ކުރި ނަމަވެސް، އިގްތިސާދީ މާހިރުން ބުނަނީ އިންފްލޭޝަން ރޭޓް 60 ޕަސެންޓާ ގާތްކުރާއިރު، މިފަދަ ފިޔަވަޅުތަކުން އާންމުންގެ ހިތްހަމަނުޖެހުން ކުޑަނުވާނެ ކަމަށެވެ.
އިރާނުގައި މުޒާހަރާކުރާ މީހުންނަކީ "ﷲގެ ދުޝްމަނުން" ކަމަށް ބުނެ މަރުގެ އަދަބުގެ އިންޒާރު ދީފި އިރާނުގައި މުޒާހަރާކުރާ މީހުންނަކީ "ﷲގެ ދުޝްމަނުން" ކަމަށް ބުނެ މަރުގެ އަދަބުގެ އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ