ނަތަންޔާހޫ ހައްޔަރުކޮށް ބައިނަލްއަގްވާމީ ކޯޓާ ހަވާލުކުރުމަށް ގޮވާލުމުން ޕްރެޒެންޓަރު ބިރުގެންފި

އިސްލާމްއާބާދު (11 ޖަނަވަރީ 2026) : ބޮންއަޅައިގެންނާއި ބަނޑަށް ޖައްސައިގެން ޣައްޒާގެ އާންމުން މެރުމާއި ނަސްލު ނައްތާލުމުގެ ތުހުމަތު ކުރެވިފައިވާ އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކޮށް އޭނާ ބައިނަލްއަގްވާމީ ކޯޓާ ހަވާލުކުރުމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް ގޮވާލައްވައިފިއެވެ. ބޮން އަޅައިގެން ޣައްޒާގެ 70 ވަރަކަށް ހާސް މީހުން މެރުމާއި ހޮސްޕިޓަލްތަކަށް ބޮންއަޅައި އެތަންތަން ބިމާހަމަކޮށް ކާބޯތަކެތި ނުދީ ބަނޑަށް ޖައްސައިގެން ޣައްޒާގެ ރައްޔިތުން މަރަމުން ގެންދާ މައްސަލާގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަނީ ނަތަންޔާހޫ ހައްޔަރުކޮށްގެން އެ ކޯޓާ ހަވާލުކުރުމަށް ދުނިޔޭގެ ގައުމުތަކަށް އަމުރެއް ނެރެފައެވެ. ނަމަވެސް އެ އަމުރަށް ގޮންޖަހައި އެމެރިކާ ގެންދަނީ ނަތަންޔާހޫއަށް ހިމާޔަތްދީ އޭނާގެ މައްޗަށް ޝަރީއަތް ހިންގާތީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ބިރުދައްކަމުންނެވެ. އަދި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރުނެރުނު ފަނޑިޔާރުންނާއި އެ ކޯޓުގެ ޕްރޮސެކިއުޓަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބައިނަލްއަގްވާމީ އަދާލަތަށް އަތްބޭނުމަށް ވެސް އެމެރިކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީ ގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް، ތުރުކީ އަށާއި އެމެރިކާއަށް ގޮވާލެއްވީ ނަތަންޔާހޫ ހައްޔަރުކޮށްގެން ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކުރުމަށެވެ. މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫ އަކީ "އިންސާނިއްޔަތު ދުށް އެންމެ ނުރައްކާތެރި މުޖްރިމުންގެ ތެރޭގައި ހިމެނޭ ބޮޑު ޖައްލާދެއް" ކަމަށް އާސިފް ވަނީ ސިފަކުރައްވާފައެވެ. އާސިފް މިހެން ވިދާޅުވުމުން ޖިއޯ ޓީވީ ގައި އޭނާއާ ސުވާލުކުރި ޕްރެޒެންޓަރުގެ ހިތުގައި ބިރުވެރިކަން އުފެދުނު ކަމަށާއި އެއަށްފަހު ކުޑައިރު ކޮޅެއްގެ ތެރޭގައި ޖިއޯ ޓީވީން އެޕްރޮގްރާމު ހުއްޓާލިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޕްރެޒެންޓަރު ބިރުގަނެ މީގެ އިތުރުން ޕްރޮގްރާމު ހުއްޓާލަން ޖިއޯ ޓީވީން ނިންމީ ނަތަންޔާހޫ އާ ދެކޮޅަށް މިފަދަ އެއްޗެއް ބުނުމަކީ އާދަޔާ ޚިލާފަށް ނުރައްކާތެރި ކަމަކަށްވާތީ ކަމަށް ވަނީ ބެލެވިފައެވެ. އިސްރާއީލުގެ ޖައްބާރު ވެރިންނާ ދެކޮޅަށް ވާހަަކަ ދެއްކުުމަކީ އެމީޑިއާ އަަކަށް ބޮންއެޅުން ނޫނީ ޕްރެޒެންޓަރު މަރާލުންފަދަ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއް އިސްރާއީލުން ހިންގަފާނެކަމުގެ ބިރުއޮންނަ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލަކީ އެގައުމުގެ ޓެރަރިޒަމާއި ލާއިންސާނީ ޖަރީމާތައް ކަވަރުކުރާ ރިޕޯޓަރުން މެރުމުގެ ކަޅު ތާރީޚެއް އޮތް ޣައިރު ގާނޫނީ އެންޓިޓީއެކެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ކަވަރުކުރާތީ އިސްރާއީލުންވަނީ 300 އަށް ވުރެގިނަ ރިޕޯޓަރުން މަރާލާފައެވެ. މީގެއިތުރުން ބައެއް ރިޕޯޓަރުންގެ ދަރިންނާއި މައިންބަފައިންނާއި އާއިލާ އެއްކޮށްވެސް އިސްރާއީލުުންވަނީ މަރާލާފައިވެއެވެ. މިދިޔައަހަރުވެސް އިސްރާއީލުން ޣައްޒާގައި 100 އަށް ވުރެގިނަ ރިޕޯޓަރުންވަނީ މަރާލާފައެވެ. އިސްރާއީލުން ކޮންމެފަދަ ނުރައްކާތެރި ޓެރިޒަމްގެ އަމަލުތަކެއް ހިންގި ނަމަވެސް އެމެރިކާއާއި ޔޫރަޕުން އަދި ޔަހޫދީން ކޮންޓްރޯލް ކުރާ ހުޅަނގުގެ މިޑިއާ ތަކުން ގެންދަނީ އެކަން ދިފާއުކޮށް އިސްރާއިލު ހިމާޔަތް ކުރަމުންނެވެ. އެހެންކަމުން އިސްރާއީލާ ދެކޮޅަށް އެއްޗެއް ބުނުމާއި ފާޑުކިޔުން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް އަދުގެ ދުނިޔޭގައިވެސް ގިނަ ބަޔަކު ބިރުގަންނަ ކަމަކަށް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ