”ސިނަމާލެ ފްލެޓްތަކުގެ ވެރިންނަށް ފައިސާ ދެނީ އެތަންތަން މަރާމާތުކުރުމަށް“

”ސިނަމާލެ ފްލެޓްތަކުގެ ވެރިންނަށް ފައިސާ ދެނީ އެތަންތަން މަރާމާތުކުރުމަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ 1990ގައި ސިނަމާލެ ފްލެޓްތައް ހުޅުވިފަހުންވެސް އެތަންތަން މަރާމާތުކޮށްފައި ނުވާކަމަށާއި، އެތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭހާލަތުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ސިނަމާލެ ފްލެޓްތަކުގައި އުޅޭ ރައްޔިތުންނަށް  ފައިސާދޭން ނިންމުން އެއީ އިންތިޚާބާއި ގުޅިގެން ދޭ ރިޝްވަތެއްގެ ގޮތުގައި ނުދެކޭ ކަމަށާއި، އެވާހަކަ ދައްކާފައިވަނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިންއެއްގައިވެސް ނޫންކަމަށް ރައީސް ވިދާޅިވެއެވެ.
އެއީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނުވެފައިވާ ވައުދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ކެބިނެޓްގައި އެކަމުގެ މަޝްވަރާތައްކޮށް އެފައިސާ ދިނުމަށް ކެބިނެޓުން ނިންމާފައިވަނީ މި އަހަރުގެ ޖެނުއަރީގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެނިންމުން ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، ނަމަވެސް ކުރިން އެކަން ނުވެފައި އޮތީ ސިޓީކައުންސިލްގެ ތެރެއިން އެއްބާރުލުން ނުލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.
އެ ފުލެޓްތަކުގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތައް މަރާމާތުނުކޮށް ހުރުމުގެ ސަބަބުން ޝީޓްތައް ފަޅަފަޅައިގެން ގޮސް މީހުންގެ ބޮލަށް ޝީޓްގެ ތަންތަން ވެސް ވެއްޓެމުންދާ ކަމަށާއި ފެން ވެސް ލީކްވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެފުލެޓްތަކުގެ ފާހަނަތައް ވެސް ހަލާކުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ އިންސާނުން އުޅެމުންދާ ތަންތަން ކަމަށާއި ބައެއް ފަރާތްތަކުން ވަނީ ފައިސާ ދައްކާ ހަލާސްކޮށް އެތަންތަން އަމިއްލަކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އެތަންތަނުގެ ވެރިންނަށް ފައިސާ ދެނީ އެތަންތަން މަރާމާތުކުރުމަށް ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަކީ އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ރައްޔިތުން ބިކަ ހާލުގައި ޖައްސައިގެން އުޅުމަކީ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސޯޝަލް ހައުސިން ލިބިފައިވާ ފަރާތްތަކަށް މުޅި ރާއްޖޭގެ ހުރިހާ ދިމާލެއްގައި ޖޫރިމަނާތައް މާފްކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެގޮތުން 2024 ރަށްރަށުގައި ހުންނަ ތަންތަނަނާއި ސިނަމާލެ ފްލެޓާއި މާލެ ހިޔާ އަދި ހުޅުމާލޭގައި ހުރި ޕްލެޓްތަކުގައި އަރާފައި ހުރި ޖޫރިމަނާއެއް މާފްކުރުމަށް ކެބިނެޓުން ނިންމައި ކައުންސިލަތަށް ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ