ޕެންޝަން އޮފީހުގެ ބޮންޑު މުއާމަލާތް އޮތީ ސިޔާސީކޮށްފައި

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ސިޔާސީކޮށްފައި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުގެ ބޮންޑު މުއާމަލާތުގެ މައްސަލައިގައި އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ ބޯޑުގެ އެހެން ތިން މެންބަރަކާއި އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމާއި ސީއެފްއޯ ހައްވާ ފަޖުވާ ވަނީ އިސްތިއުފާދެއްވާފަ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޒަމީރު ވިދާޅުވީ ޕެންޝަން ފަންޑަކީ މިހާރަށް ވުރެ ބޮޑަށް އޭގެއިންވާ ފައިދާތައް އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭނެ ފަންޑެއް ކަމަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނުންފުޅު ގެންގުޅުއްވި ކަމަށާއި ޕެންޝަން އޮފީހުގެ ބޮންޑުގެ މުއާމަލާތުގެ ފައިސާ ބޭނުންކުރަން އުޅުނީ އެފޯޑަބަލް ހައުސިން އަދި އެމްޑީޕީ ސަރުކާރުން ދޫކޮށްލާފައި ދިޔަ ބައެއް ދަރަނިތައް އަދާކުރުމުގެ ކަންކަމަށް ކަމަށެވެ. ނަމަވެސް އެ މުއާމަލާތުގެ މައްސަލަ ކުއްލިއަކަށް އޮތީ ވަރަށް ބޮޑަށް "ސިޔާސީކޮށްފައި" ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ހަގީގަތަކީ ދެ ބިލިއަން ރުފިޔާ އަކީ، އެ ފައިސާ ސާކިއުލޭޝަނަށް ނިކުމެއްޖެނަމަ އޭގެއިން މުޅި ގައުމުގެ އިގްތިސާދު އެއްކޮށް ހައިޕާ އިންފްލޭޝަނަށް އައިސްދާނެ ކަމެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ހިސާބަށް އޮތް ކަމެއް ކަމަށް އަޅުގަނޑަކަށް އޭރު ނުވިސްނޭ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ޕެންޝަން އޮފީހުގެ ބޮންޑު މުއާމަލާތުގެ މައްސަލަ އަކީ މާބޮޑު މައްސަލައެއް އަދި ސަލާމަތް ނުވެވިގެން އުޅެންޖެހޭ ވަރުގެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މީގެއިން ވަރަށް ބޮޑަށް ފައިދާވާ ވާހަކަ ޕެންޝަން އޮފީހުން ވެސް ބުނެފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ވެސް އެހާ ގެއްލުން ވާނެ ކަމެއް ނޫން ކަމަށާއި ޕެންޝަން ބޯޑުން ނަގާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ