ގަސް ހެއްދުމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ލުއިތަކެއް ލިބޭ ކަމެއްކަން އެތައް ދިރާސާއަކުން ވަނީ ހޯދިފަ އެވެ. ގަސް އިންދުމުގެ އަނެއް ފައިދާއަކީ ގެއާއި ވަށައިގެންވާ މާހައުލު ރީތިވެ ޒީނަތްތެރިވުމެވެ.
މި ރޫހުގައި ގަސް އިންދާ މީހުން ހާއްސަކޮށް މާ އަޅާ ގަސްތައް ހައްދަ އެވެ. މިގޮތުން އެކި ކުލައިގެ ބޯގަންވިލާ ވަރަށް ބޮޑަށް ވައިގައިހިފި އެވެ. ބޯގަންވިލާއަށް ފަހު މިހާރު ވައިގައިހިފައިގެން އުޅޭ އަނެއް ގަހަކީ މަލިކުރުވާމަލެވެ.
މަލިކުރުވާމާ ނުވަތަ އިނގިރޭސި ބަހުން ނަމަ ވިންސާ އަކީ، ބުނެ އުޅޭ ގޮތުގައި، މަޑަގަސްކަރައިގެ އަސްލެކެވެ. ހޫނުގަދަ ގިނަ ގައުމުތަކުގައި ވަރަށް ފަސޭހައިން ހެއްދޭ މި ގަހުގައި އެކި ކުލަކުލައިގެ މާ އަޅަ އެވެ. މާ ގިނަ ކަނާއެއް ބޭނުމެއް ނުވެ އެވެ. ޗަކަނުވާ ފަސްގަނޑެއް ނަމަ އަވަހަށް ހެދިގަނެ އެވެ.
ބިމުގައި އަވަހަށް ފެތުރޭވަރުން ބޭރު ގައުމުތަކުގައި އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ސަހަރާތަކުން މި ގަސް އާއްމުކޮށް ފެނެ އެވެ.
ރަށްރަށުގެ ގޭގެ ދޮރާށި ބުޑުގައި މާ ބޮޑު ކަމަކަށް ނަހަދާ ހެދިފައި ހުންނަ ފިޔާތޮށި މަލަކީ ކުޑައިރުގެ ހަނދާނަކަށް ވެސް ވެދާނެ އެވެ. ހިރިގަލުން ހަދާފައިވާ ފާރެއް ކައިރީ މަޑު ފިޔާތޮށި ކުލައިގެ މަލިކުރުވާމާ ގަހެއް ހުއްޓާ ފެނިއްޖެއްޔާ ހަނދާންތައް ގެންދާނީ ރަށްފުށު ދިރިއުޅުމަށްކަން ޔަގީނެވެ. ކުރިން އާއްމުކޮށް ހަމައެކަނި ފެންނަނީ ހުދާއި މަޑު ފިޔާތޮށި ކުލައިގެ މަލިކުރުވާމަލެވެ.
ހިރިގަލުގެ ފާރު އާއްމެއް ނޫނެވެ. އާއްމީ އެކި ކުލަކުލައިގެ މަލިކުރުވާމަލެވެ. މި ދުވަސްކޮޅު ހާއްސަކޮށް ވަރަށް ބޮޑަށް ވައިގައިހިފައިގެން އުޅޭކަން އެނގެނީ ގަސް ވިއްކާ ފިހާރަތަކުން ކުޑަ މަލިކުރުވާމާ ގަހެއް 150 ރުފިޔާ ވިއްކަން ޖަހާފައި ހުންނަތަން ފެންނާތީ އެވެ. އަދި ބަލާލާ އިރު އެ ގަސް ހުންނަނީ ވަގުތުން ވިކިފަ އެވެ. މި މަލުގެ ތަފާތު ކުލަތައް މީހުން ހޯދަ އެވެ. މަޑު ފިޔާތޮށިން ފެށިގެން އެންމެ ގަދަ ވައިލެޓު ކުލަޔާ ހަމައަށް މަލިކުރުވާމާ ގަހުގެ ޑިމާންޑް އެބައޮތެވެ.
ސްޕްރައުޓްއެމްވީ އަކީ ތަފާތު ވައްތަރުގެ އިންޑޯ އަދި އައުޓްޑޯ މާ އަޅާ ގަހާއި މޭވާ އަޅާ ގަހާއި ޕޮޓިން މިކްސް ވިއްކުމުގެ އިތުރުން ލޭންޑްސްކޭޕިން ހަދައިދޭ ވިޔަފާރިއެކެވެ.
ގަސް ހައްދާ ވިއްކުމުގެ ވިޔަފާރީގައި 2021 ވަނަ އަހަރު ފެށިގެން ހަރަކާތްތެރިވަމުން އަންނަ ސްޕްރައުޓްއެމްވީ އިން ބުނާ ގޮތުގައި ދިވެހިންގެ ތެރޭގައި އެންމެ ގިނައިން ވިކެނީ ބޯގަންވިލާ ގަހާއި ހުވަނދުމާ އަދި ސައިމާ ގަސްތަކެވެ.
ނަމަވެސް މި ދުވަސްކޮޅު މަލިކުރުވާމާ ގަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށް އެތަނުން ބުންޏެވެ. އަދި އެންމެ ޑިމާންޑް ބޮޑީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ކުލަކުލައިގެ މާ އަޅާ ގަސްތަކަށެވެ. އޭގެ ތެރޭގައި ދަނބުކުލަ، އޮރެންޖް އަދި ޕީޗް ކުލައިގެ މާ ހިމެނެ އެވެ.
ކުދި ގަސްތައް އާއްމުކޮށް 150 ރުފިޔާއަށް ވިއްކުމުގެ އިތުރުން، މިހާރު އެ މީހުން ވަނީ ކަސްޓަމަރުންގެ އެދުމަށް ބޮޑެތި މަލިކުރުވާމާ ގަސް ހައްދައިގެން ވިއްކަން ގެނެސްފަ އެވެ.
ޑިމާންޑް އޮތީ ހަމައެކަނި ގަހަކަށް ވެސް ނޫނެވެ. ތަފާތު ކުލަކުލައިގެ މަލިކުރުވާމާ އަޅާ ގަހުގެ އޮށް ވަކިން ވިއްކާ ވިޔަފާރިތައް ވެސް އެހާމެ ގިނަ އެވެ. މިގޮތުން އެކި ކުލަކުލައިގެ މާ އަޅާ 50 އޮށް 150 ރުފިޔާއަށް ވިއްކަން އެބަހުއްޓެވެ. ބައެއް މީހުން ގަންނަނީ އޮށެވެ. އެ ގަނެގެން ހައްދަނީ އެވެ.
މަލިކުރުވާމާ ހައްދަން ފަސޭހަ އެވެ. އަގުބޮޑުކޮށް ގަހެއް ގަތުމަށް ވުރެ އޮށަކުން ގަހެއް ހެއްދުން އެއް ބަޔަކަށް ފަސޭހައީ އެވެ.
ވައިގައި ހިފައިގެން އުޅޭ މާ ގަހާ ބެހޭގޮތުން، ގަސް އިންދާ މީހަކާ ސުވާލުކުރީމެވެ. އޭނާ ބުނިގޮތުގައި މިއީ ފައިސާ ދީފައި ގަންނަވަރު އެއްޗެއް ނޫނެވެ. އަމިއްލައަށް އިންދުން މާ ސަޅިވާނެ އެވެ. ސަބަބަކީ އެ ހެއްދުމުގެ އުފާ ވެސް ލިބުމެވެ. އަނެއް ބަޔަކަށް ނެތީ އެ ވަގުތާއި ކެތްތެރިކަމެވެ.
ބޯގަންވިލާއެއް ނޫން، މިހާރުގެ ޓްރެންޑަކީ މަލިކުރުވާމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ