ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެއްވަދޫ، ތިމަރަފުށި، ވިލިމާލެ އަދި ކުޑަހުވަދޫ ވެސް ކުއާޓާ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެއްވަދޫ، ތިމަރަފުށި، ވިލިމާލެ އަދި ކުޑަހުވަދޫ ވެސް ކުއާޓާ އަށް

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ގަދަ 16 ބުރުގެ މެޗުތަކުން މޮޅުވެ، ގއ. ދެއްވަދޫ، ތ. ތިމަރަފުށި، ވިލިމާލެ އަދި ދ. ކުޑަހުވަދޫން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެ ގޮތުން، ރޭ ފުރަތަމަ ކުޅެން އޮތް ގަދަ 16 ބުރުގެ މ. ދިއްގަރާއި ހދ. ނައިވާދޫ ބައްދަލުުކުރާ މެޗާއި ލ. އިސްދޫ އާއި އއ. މަތިވެރި ކުޅެން އޮތް މެޗުތައް ވިއްސާރައިގެ ސަބަބުން މިރެ އަށް ވަނީ ފަސްކޮށްފަ އެވެ. ތިމަރަފުށިން ވަނީ 3-0 އިން ހއ، މާރަންދު ބަލިކޮށްފަ އެވެ. ދެއްވަދޫން 4-2 އިން ވ. ކެޔޮދޫގެ މައްޗަށް ކުރިހޯދިއިރު، ކުޑަހުވަދޫން ވަނީ 3-1 އިން ށ. ކަނޑިތީމުގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި، 0-0 އިން މެޗު އެއްވަރުވެ، ވިލިމާލޭން ޕެނަލްޓީގައި 9-8 އިން ކ. ގާފަރު އަތުން ވަނީ މޮޅުވެފަ އެވެ.
ތިމަރަފުށްޓަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޒިޔާން ދެ ގޯލުގެ އިތުރުން، މާރަންދޫގެ ހުމައިދު ހުސެއިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ތިމަރަފުށްޓާ ދެކޮޅަށް ކުއާޓާގައި ކުޅޭ ދެއްވަދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަހްނަފް ރަޝީދު (އަހުއްކޮ) ދެ ގޯލާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި އަލީ ހައިސަމް (ޗުމްޕު) ގޯލެކެވެ. ކެޔޮދޫން ލަނޑުތައް ޖެހީ، ނާއިލް މުހައްމަދު ނަސީރު އާއި އަހުމަަދު ރައްޔާން އާދަމް އެވެ.
ކުޑަހުވަދޫ އަށް މުހައްމަދު އަޔާޒް ދެ ލަނޑު ޖަހައިދިންއިރު، ޖުމައިލް ޖަމީލް (ޖުމްބެ) ވެސް ލަނޑެއް ޖެހި އެވެ. ކަނޑިތީމުގެ ލަނޑު ޖެހީ އިސްމާއިލް ނިހާން އެވެ. ކުޑަހުވަދޫއާ ދެކޮޅަށް ކުއާޓާގައި ކުޅޭ ވިލިމާލޭން ރޭ ޕެނަލްޓީގައި 10 ޕެނަލްޓީގެ ތެރެއިން ނުވަ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ގާފަރަށް ކާމިޔާބުވީ އަށް ޕެނަލްޓީ އެވެ.
ގަދަ 16 ބުރުގެ މިރޭގެ މެޗުތައް:
20:00: ހދ. ނައިވާދޫ - މ. ދިއްގަރު
20:00: އއ. މަތިވެރި - ލ. އިސްދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ