އަލޮންސޯ އަށް ފާޑުކިޔުމަކީ ހައްލެއް ނޫން ކަމަށް ރައުލް ބުނެފި އަލޮންސޯ އަށް ފާޑުކިޔުމަކީ ހައްލެއް ނޫން ކަމަށް ރައުލް ބުނެފި

މެޑްރިޑް (ޖެނުއަރީ 1) - ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރި ޒަބީ އަލޮންސީ އަށް ފާޑުކިޔުމަކީ ހައްލެއް ނޫން ކަމަށް ރެއާލަށް ކުރިން ކުޅުނު ފޯވާޑް، ރައުލް ގޮންޒާލޭޒް ބުނެފި އެވެ.
ސްޕެއިނުގެ މީޑިއާ އާއި ރެއާލްގެ ގިނަ ސަޕޯޓަރުން އަންނަނީ، އެ ޓީމުގެ ކޯޗަކަށް އަލޮންސޯ ހުރި ފުރަތަމަ ހަ މަސް ދުވަހު އެކަށީގެންވާ ކުރިއެރުންތަކެއް ނުލިބޭ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. ކުރިން ރެއާލްގެ ބީ ޓީމަށާއި ބަޔާ ލެވަކޫސަނަށް ކޯޗުކޮށްދިން އަލޮންސޯ އެ ޓީމުގެ ކޯޗުކަމާ މިދިޔަ މެއި މަހު ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު، މިހާރު ވެސް އަލޮންސޯ އަށް ވަނީ މަގާމުގައި ދެމިހުރުމަށް ޕްރެޝަރު ބޮޑުވެފަ އެވެ.
އެކަމަކު، ރެއާލްގެ ޔޫތު ޓީމުތަކަށް ކޯޗުކޮށްދީފައިވާ ރައުލް ބުނެފައިވަނީ، އަލޮޮންސޯ އަށް ފާޑުކިޔުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އެއީ، ރެއާލް އޮތީ ޗެމްޕިއަންސް ލީގުގެ ވެސް ގަދަ 8 ޓީމުގެ ތެރޭގައި ކަމަށާއި ސްޕެނިޝް ލީގުގައި ވެސް އެ ޓީމު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށް ރައުލް ވަނީ ބުނެފަ އެވެ.
"ތެދެއް، އަހަރެމެން އަތުގައި ލީޑު އޮވެފައި މި ދަނީ، އެކަމަކު، އަދި ވެސް ސީޒަން ކުރިއަށް އޮތީ، އޭޕްރީލަކީ ހަގީގަތުގައި ސީޒަނެއްގެ އެންމެ މުހިންމު ދުވަސްވަރު، އެހާތަނަށް ރެއާލް ރަނގަޅު ފޯމެއްގައި އޮތުން މުހިންމީ،" ރައުލް ބުންޏެވެ.
އަލޮންސޯ ކަހަލަ ކޯޗިންގެ ތަޖުރިބާ މަދު ކޯޗަކާ އެކު، ރެއާލް ކަހަލަ ބޮޑު ކްލަބަކުން ރަނގަޅު މިސްރާބަކަށްދާނަމަ، އެކަށީގެންވާ ވަގުތު މަސައްކަތް ކުރަން ވެސް ދޭން ޖެހޭނެ ކަމަށް ރައުލް ވަނީ ބުނެފަ އެވެ.
"އާ ކޯޗެއް އަންނާނީ އާ ވިސްނުންތަކެއް ހިފައިގެން، އާ ފިލޯސަފީއެއް އޮންނާނެ. މިއީ ހަ މަސް ތެރޭ ހުރިހާ ކަމެއް ބަދަލުކުރެވޭ ވަރަށް ވުރެން ބޮޑު ކްލަބެއް. އަހަރެމެންގެ ވާދަވެރިން، ބާސެލޯނާ އާއި އެތުލެޓިކޯ ވެސް އެ އޮތީ ވަރުގަދަކޮށްފައި. އެ ޓީމުތަކާ ވާދަކުރަން ޓީމުގެ ހާލަތު ރަނގަޅު ކުރަން ކޯޗަށް އެއްބާރުލުން ދޭން ޖެހޭ،" ރައުލް ބުންޏެވެ.
ރެއާލްގެ ކުރީގެ ކެޕްޓަން ރައުލް ބުނީ، އަލޮންސޯ ވަކިކުރުމުގެ ވާހަކައެއް އެންމެ އަވަހަށް ވެސް ދައްކަން ރަނގަޅުވާނީ މި ސީޒަން ނިމުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ