މިއީ ރައްޔިތުން އެދޭ ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރާނެ އަހަރެއް

މި އަހަރު ވާނީ، ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބު ހާސިލުކުރާނެ އަހަރަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް މުއިއްޒު މިހެން ވިދާޅުވީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބު ގައެވެ.ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންނަކީ، އެއް އަހަރަށް ވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލްކުރެވޭތޯ މަސައްކަތްކުރާ އަދި ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން ތާރީހުން ސާބިތުކޮށްދޭ ކަމަށެވެ.ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ވަފާތެރި، ގާބިލް ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަންނަ އަހަރަކީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚުގެ ގޮތުގައި ސިފަކުރައްވާފައެވެ."މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށެވެ،" ރައީސް ވިދާޅުވި އެވެ.ރައީސް ވަނީ ކޮންމެ އައު އަހަރަކީވެސް، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ތިމާއަށް، ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތުކަންވެސް ހަނދުމަފުޅުކޮށްދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ