އިންތިހާބު މޫސުމަށް އޮއްސާލާ ވައުދުތަކަށް ރައްޔިތުން މިހާރު ފަރިތަ!
ރާއްޖެ އަދި ވަކިން އަތޮޅުތެރެ ތަރައްގީ ކުރާ ވާހަކަ ހުރިހާ ސިޔާސީ ލީޑަރުން ވެސް ދައްކަވަ އެވެ. ވެރިކަމަށް ވަޑައިގަންނަވަން ކުރައްވާ ކެމްޕެއިންގައި ކޮންމެ ލީޑަރަކު ވެސް އެންމެ އިސްކަން ދެއްވާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރީގައި ހިމަނާ އެއް ކަމަކީ "ސަރުކާރުން" ތަފާތު ކުރުމެއްނެތި ދިވެހިން ތަރައްގީ ކޮށްދޭނެ ވާހަކަ އެވެ. ނަމަވެސް ވެރިކަން ކާމިޔާބުވުމާ އެކު ދެން އެ ވާހަކަ އެ ހިސާބުން ނިމުނީ އެވެ. ވައުދެއްވީ ކަމުގެ ހަދާން ވެސް ނެތެނީ އެވެ. މިކަމެއް ރިޕީޓް ވާތާ ކިތަންމެ ދުވަހެކެވެ.މީގެ އެއް މިސާލަކީ ހޯރަފުށި ދާއިރާ އެވެ. ކައުންސިލް އިންތިހާބުގެ ވޯޓަށް ރައްޔިތުންގެ ގާތަށް އަންނައިރު ނިމުނު ދެ އިންތިހާބަށް ހޯރަފުށި ދާއިރާއަށް ވީ ވައުދުތައް އަދި ހުރީ ނުފުއްދި އެވެ. ވެރިކަން ހޯދަން ގިނަ ވައުދުތަކެއް ރައީސް މުއިއްޒު ސަރުކާރުން މުޅި ރާއްޖެ ހިމެނޭހެން ހއ. ހޯރަފުށި ދާއިރާ އަށް ވެސް ވިއެވެ. މަޖިލިސް އިންތިހާބަށް ސަރުކާރުގެ ވެރިން އައިސް ދެއްކި ދަޅަ އެވެ. އެންމެ ފާހަގަ ކުރެވެނީ ނިމުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބުނި ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވީ ވައުދުތަކެވެ. ޝޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯގައި ހަލީލް ވަނީ ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވި ކަމަށް ބުނެ ހޯރަފުއްޓަށް ގިނަ ވައުދުތަކެއް ވެފައި އެވެ. މިހާރު ދިވެހިންގެ ހާލަތަކީ ގިނަ މީހުންނާއި އަނގަޔާއި އަތް ދިމާނުވުމެވެ. މީގެ މާނަ އަކީ ބަނޑުފުރާނަ މުއްތިކުރަން ނުލިބޭ ވާހަކައެއް ނޫނެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އަގުތައް އުފުލި، އާމްދަނީން ދެކޮޅު ނުޖެހުމެވެ. އެހެންކަމުން ފްލެޓް ލިބޭތޯ އާއި ވަޒީފާ އަކާއި އެހެން އެހީތައް ހޯދަން ސިޔާސީ މީހުންގެ ފަހަތުން އުޅެން އެތައް ބަޔަކަށް ޖެހެ އެވެ.ކަން މިހެން ހުރުމުން އުފެދޭ ސުވާލަކީ ކުރިން ލީ ވޯޓަށް ވީ ކިހިނެއް؟ ދެން ވޯޓު ދޭނީ ކާކު ބުނާ ބަހަކަށް އިތުބާރު ކޮށްފަ ހެއްޔެވެ؟ މާޒީގެ ހުރިހާ ކަމަކަށް ބަލާ އިރު ކުރިއަށް ލަފާކުރެވެނީ މި ސުވާލުތަކުގެ އަޑު ގަދަވާނެ ކަމަށެވެ. "ދިއްކޮށްލާ ހަދިޔާއެއް"ގެ ގޮތުގައި ނަގުދު ފައިސާ އިން ފެށިގެން ގޮސް ދޮންނަ މެޝިނާއި އެއާކޯނަކުން ރައްޔިތުންގެ މަޖުބޫރީ ހާލަތްތާއި ފަގީރުކަން ބަދަލެއް ނުވެ އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ރަށު ކައުންސިލުން އިންތިހާބު ކުރުމުގެ ވަގުތު ކުޑަތަން ވަނީ އެވެ. ރިޔާސީ އިންތިހާބުގެ މެދުން އަންނަ މި އިންތިހާބަށް އެއް ބަޔަކު ދެކޭ ގޮތުގައި ވޯޓު ދެނީ "ސަރުކާރު" ދަމަހައްޓާށެވެ. ކުރިމަތިލާ ކެންޑިޑޭޓުންނާ މެދު އޮންނަ އާއިލީ "ލޯތްބަކަ"ށެވެ. އަނެއް ބަޔަކު ޕާޓީ "ލޯބީގެ" ހިޔަނީ އަނެއް ޕީޓީ ދެކެ އަންނަ ރުޅީގަ އެވެ. ނަމަވެސް އިންތިހާބުގެ މޫސުންތަކުގައި އޮއްސާލާ ސަރުކާރުގެ ވައުދުތަކަށް ރައްޔިތުން މިހާރު ފަރިތަ އެވެ. އަދި އޭރެއްގައި އޮންނަ ސަރުކާރަކަށް އިދިކޮޅުން އިލްޒާމް އަޅުވަނީ ކީއްވެކަން ވެސް އެނގެ އެވެ. މިހާލަތުގައި އަންނަ ކައުންސިލް އިންތިހާބުގައި ރައްޔިތުން އަތަށް އަރާ ވޯޓު ކަރުދާސް ކޮޅުން ފިސާރި ވަރުގަދައަށް ރައްދު ދޭނެ ކަމަށް ބެލެވެ އެވެ. ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އަކީ ރައްޔިތުންގެ ބާރު ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނަނީ ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި އެ ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ