ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހު ބާއްވަނީ

ސުޕްރީމް ކޯޓުގެ ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ ހައެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި ގޮނޑި ހުސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ހުސްވެފައިވާ މި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ 2026 ޖޫން 6 ގައެވެ.
މި އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން ހުޅުވާލާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އެވެ.
އިންތިޚާބުގައި ބައިވެރިނުވެވޭނެ ހާލަތްތައް
ސާބިތު ދަރަންޏެއް އޮވެ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނާއި، 12 މަހަށްވުރެ ދިގު ޖިނާއީ ޙުކުމެއް ތަންފީޒުކުރަމުންދާ މީހުން ހިމެނެއެވެ. އަދި އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހުންނަށްވެސް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި އޭގެ އިތުރުން ފަނޑިޔާރުންނަށްވެސް މި އިންތިޚާބުގައި ކުރިމަތި ނުުލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ