އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާގެ ވައްކަމެއް، ހޯދުނީ 50،000 ރުފިޔާ

މަޖީދީމަގުގައި ހުންނަ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 17:49 ހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ފަސް މީހަކަށް ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ. ނައިފަރު، މުޙައްމަދު ނޫރު އަހުމަދު (40އ) އާއި މޫންލައިޓްވިލާ / ސ. މީދޫ، މުހައްމަދު އަފްރާހު (40އ) އާއި ދާރުލް އައްވަލް / ރ. މަޑުއްވަރި، އިސްމާއީލް އާސިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ އިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ