އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު: "ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނެ"

ކީރިތި ރަސޫލާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން އެނގޭ ކަމަކީ, ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނެކަން ކަމަށް, މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ, ޚާއްސަ ކޮށްފައިވަނީ އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތަކުގެ މައްޗަށެވެ. ޚުޠުބާގައި ބުނީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސީރަތުގައި އަހަރެމެން އިބުރަތް ހާސިލުކުރަން ޖެހޭ ގިނަގުނަ ހާދިސާތަކަކާއި ކަންތައްތަކެއް ވާ ކަމަށެވެ. އެގޮތުން މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވި ކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނެއެވެ. "މި ދަތުރުފުޅަކީ ބޮޑުވެގެންވާ މުޢުޖިޒާތެއް. އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި ޙާދިސާއެއް. މި ދުވަސްވަރަކީ މި މަތިވެރި ޙާދިސާގެ ހަނދާންތައް އަހަރެމެންގެ ހިތްމައްޗަށް އައިސްފައިވާ ދުވަސްވަރެއް." ޚުޠުބާގައި ބުންޏެވެ. "މި ޒިކުރާއަކީ ކީރިތި ރަސޫލާގެ ވަސްމީރު ސީރަތު އުނގެނި ދިރާސާކޮށް، އީމާންކަމާއި އަޚުވަންތަކަން ވަރުގަދަކޮށް ހަރުދަނާކުރާން ޢަޒުމުކަނޑައަޅާންވީ ވަގުތެއް. މި ޙާދިސާއަކީ މާތްالله ކީރިތި ރަސޫލާއަށް ދެއްވެވި މުޢުޖިޒާތެއް. މުސްލިމުންނަށް ކުރިމަތިކުރެއްވި ބޮޑު އިމްތިޙާނެއް." ޚުޠުބާގައި ބުނީ މުސްލިމުންގެ ތެރޭގައި މި ޙާދިސާ ހިނގިކަމަށް މަޝްހޫރުވެފައިވަނީ ރަޖަބުމަހުގެ ހަތާވީސް ވިލޭރޭގައި ކަމަށެވެ. އިސްރާގެ ހާދިސާ ހިނގައިފައިވާކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ. "އެކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." މިޢުރާޖުގެ ވާހަކައަށް އިޝާރަތް ކުރައްވައި މާތްالله ވަޙީކުރައްވައިފައި ވެއެވެ. ޚުޠުބާގައި ބުނީ ކީރިތި ރަސޫލާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށް ޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެއް ކަމަށެވެ. އެއީ އެކަލޭގެފާނުގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެއް ކަމަށް ޚުޠުބާގައި ބުންޏެވެ. "މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން." ޚުޠުބާގައި ބުންޏެވެ. "اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭކަންވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ ޢިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަން ވޭ. އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައި." ޚުޠުބާގައި އިތުރަށް ބުނީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ނަބިއްޔާގެ މާތްކަމާއި ނަބީބޭކަލުންގެ އަރިހުގައި އެކަލޭގެފާނުގެ މަޤާމުގެ މަތިވެރިކަން ހާމަވި ކަމަށެވެ. އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތްالله މާތްކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި އެއަށް ފަހު ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގެންވަނީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ، އެއްވެސް ކަމެއް ވަންހަނާވެގެންނުވާ اللهُ سُبْحَانَهُ وَتَعَالَىއެވެ. ކީރިތި ރަސޫލާ ކުރީން ވެސް އަދި ފަހުން ވެސް، އެއްވެސް މީހަކަށް ވާޞިލު ނުވެވޭނޭ މަތިވެރި މަޤާމަކަށް މި ދަތުރުފުޅުގައި ވާޞިލުވެވަޑައިގަތެވެ. ޚުޠުބާގައި އިތުރަށް ބުނީ ކީރިތި ރަސޫލާ އަށާއި މި އުންމަތަށް މިޢުރާޖުގެ ދަތުރުފުޅުގައި މާތްالله ދެއްވެވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ކަމަށެވެ. އެއީ އެއްވެސް މެދުވެރިއަކާ ނުލައި، ރަސޫލާގެ މައްޗަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ފަރުޟުކުރެއްވި އަޅުކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. ޚުޠުބާގައި އިތުރަށް ބުނީ ކީރިތި ރަސޫލާ އިސްރާއާއި މިޢުރާޖުގެ ވާހަކަފުޅުތައް މައްކާގެ އަހުލުވެރީންގެ ގާތުގައި ދެއްކެވުމުން، އެކަލޭގެފާނު ދޮގުކުރުމުގައްޔާއި، މުއުމިނުންގެ ހިތްތަކުގައި އެކަލޭގެފާނާ މެދު ޝައްކު އުފެއްދުމަށް، މުޝްރިކުން އަވަސްވެގަތް ކަމަށެވެ. މި ނާޒުކު ދަނޑިވަޅުގައި، އެއްވެސް ޖެހިލުންވުމަކާނުލައި، ސާބިތުކަމާއެކު އެކަލޭގެފާނުގެ ބަސްފުޅުތައް ތެދުކުރެއްވި ބޭކަލަކީ އަބޫބަކުރުގެފާނު ކަމަށް ބުންޏެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު ލިބިވަޑައިގަތެވެ. "އިސްރާއާއި މިޢުރާޖުން ކަށަވަރުވާ އަނެއް ކަމަކީ، އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް މާތްالله މަތިވެރި ސަވާބާއި ދަރުމަ ދެއްވާނޭކަމެވެ. އޭނާގެ ދޫ ރައްކާތެރިކޮށް، اللهގެ މަތީން ހަނދުމަކުރުމުގައި ދެމިހުންނަ މީހާއަށް ގިނަގުނަ ސަވާބު ދެއްވާނޭކަމެވެ." ޚުޠުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ