ތިމާގެ މަރު ތިމާއާ ބައްދަލުކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބެންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ!" މި މައުޟޫޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ހެޔޮ ޢަމަލުކުރުމަކީ ވަކި މޫސުމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމަށެވެ. ޔަޤީންވެގެންވާ މަރު ބައްދަލުކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބެންޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ."
އެހެންކަމުން އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫނެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާންމަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ.
ޚުތުބާ
ހެޔޮ ޢަމަލެއް ކުރުމަށްފަހު، އެ ޢަމަލު الله ތަޢާލާ ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް ދުޢާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
ޚުތުބާގައި ވަނީ ޝައްވާލުމަހުގެ ހަ ރޯދައިގެ މައްޗަށް ވެސް ބަޔާންކޮށްފައެވެ. ރަމަޟާންމަހު ރޯދަހިފައި، ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ،، މުޅި އަހަރު ދުވަހު ރޯދަހިފިފަދަ ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. الله ތަޢާލާ ދެއްވި މި ބޮޑު ނިޢުމަތުގެ ބޭނުންހިފައި، ޝައްވާލުމަހުގެ ހަ ރޯދައަށް ރައްކާތެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ހެޔޮ ޢަމަލުތައް ކިތަންމެ މަދަސް، ހުއްޓައިނުލައި ކުރިޔަށްދިޔުމަށް ވެސް ޚުތުބާގައި ވަނީ ބާރުއަޅައިފައެވެ. الله ތަޢާލާގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް ދެމިހުންނަ ޢަމަލެއްކަން ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމާއި، ކޮންމެ ދުވަހަކު ޤުރްއާނުން ޞަފްހާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ގިނަގިނައިން ތައުބާވެ، الله ތަޢާލާއަށް އިސްތިޣުފާރު ކުރުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލައިފައެވެ. الله ތަޢާލާއަކީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވައި، ފާފަ ފުއްސަވާ ރަސްކަލާނގެ ކަމަށާއި، ކޯފާއަށްވުރެ ރަޙުމަތް ތަނަވަސް ރަސްކަލާނގެ ކަމަށް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ. الله ތަޢާލާގެ ރަޙުމަތުގެ ދޮރުކޮޅަކީ، ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައިވާ ދޮރުކޮޅެއް ކަމަށާއި، އެ ދޮރުކޮޅުން ވަނުމަށް ފަސްޖެހޭ މީހަކަށް ނުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ކުރެވިފައިވާ ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، ސުވަރުގެ ޔަޤީންވީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ބިރުވެރިކަމާއި ހިތާމަ ނޯންނާނީ الله ތަޢާލާ ވެރިރަސްކަލާނގެ ކަމަށް ޤަބޫލުކޮށް، ހެޔޮ ޢަމަލުކުރުންމަތީ އަބަދާ އަބަދު ދެމިތިބޭ މީހުންނަށް ކަމަށާއި، ބިރެއް ނެތް ހިތާމައެއް ނެތް ތަނަކީ ސުވަރުގެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މަރު ބައްދަލުކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބެންޖެހޭ: ޚުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ