ގަފޫރު ވިދާޅުވީ ވާހަކަ ދައްކަވަން ނަޝީދާއި ފައްޔާޒު އެދިވަޑައިގަތީ ޖަލްސާ އޮތް ރޭ ކަމަށް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެދިވަޑައިގަންނަވަނީ އެ ރޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ގަފޫރު މިހެން ވިދާޅުވާ ވީޑިއޯއެއް ދައުރުވަމުން ދަނީ، އޭނާ ވަކިކުރުމަށް ނަޝީދާއި ފައްޔާޒުގެ ފެކްޝަނުން ގައުމީ މަޖިލީހަށް ވައްދާފައިވަނިކޮށެވެ. މި މައްސަލަ ހޫނުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަދައްކަވަން ފުރުސަތު ނުދިން ކަމަށް ބުނެ ނަޝީދާއި ފައްޔާޒުގެ ފެކްޝަނުން ޖަލްސާ ބޮއިކޮޓް ކުރި ހިސާބުންނެވެ.
ދައުރުވަމުންދާ ވީޑިއޯގައި ގަފޫރު ކިޔައިދެއްވަނީ ކަން ހިނގައިދިޔަ ކަމަށް އޭނާ ވިދާޅުވާ ގޮތެވެ.
ތަފްސީލް - ގަފޫރު ވިދާޅުވި ގޮތުގައި، ޖަލްސާގެ އެޖެންޑާ ތައްޔާރުކޮށް ނިންމީ އެ ދުވަހުގެ މެންދުރުފަހު 2 ޖަހާކަށްހާއިރެވެ. އޭރު ވާހަކަ ދެއްކެވުމަށް ރާވާފައިވަނީ:
އިންތިހާބު ކާމިޔާބުކުރި ފަސް ސިޓީގެ މޭޔަރުން
އެ ސިޓީތަކަށް އިންތިހާބުވި އަންހެނުންގެ ކޮމިޓީގެ ރައީސުން
އެމްޑީޕީގެ އެންމެ އިސް ދެ މަގާމުގައި ތިއްބެވި ގަފޫރު އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
ކެމްޕެއިނަށް ހަމަޖެއްސި ދެ މެނޭޖަރުންކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) 
ގަފޫރު ވިދާޅުވީ ވާހަކަ ދެއްކެވުމަށް އެދިވަޑައިގެން ފައްޔާޒާއި ނަޝީދު ވެސް ގުޅުއްވަނީ އެ ރޭ ކަމަށެވެ. ނަމަވެސް އެޖެންޑާ ރާވައި ނިމިފައިވާތީ ކުޑަވަގުތުކޮޅެއް ދޭން ގަފޫރު އެ ދެ ބޭފުޅުން އަރިހުގައި ވެސް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޝީދު ގުޅުއްވައި ފޯނު ބޭއްވިތަނާ އެ އެރުވީ ބްރޭކިން ނިއުސް. ޖަލްސާ ބޮއިކޮޓްކުރި ކަމަށް. އެހެން ހިނގި ކަމެއް މިއީ،" ގަފޫރު ވިދާޅުވި އެވެ.
"އަޅުގަނޑު މީގައި ނުފޫޒު ފޯރުވައިގެން ކުރި ކަމެއް، ކުރާނެ ކަމެއް ވެސް ނެތޭ. ޖެހިގެން އަންނަ ދުވަހު ވެސް ހުރިހާ ބޭފުޅުން ވާހަކަ ދައްކަވާ ގޮތަށް ޖަލްސާއެއް ރޭވިދާނެތާ."
ގަފޫރު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި މި ފަހުން ބޭއްވި އިންތިހާބުތަކުން އެމްޑީޕީ ބަލިވީ، އޭރުގެ ލީޑާޝިޕް ފެއިލްވެފައި ވަނިކޮށް މި ފަހަރު ކާމިޔާބުވުމުން އެ ކަމުގެ ކްރެޑިޓް ނަގަން މަސައްކަތްކުރަން އެ ފަރާތްތަކުން އުޅެނީ އެވެ. ނަމަވެސް ޕާޓީ ނަގައި ކޮޅަށް ޖެހީ "އަޅުގަނޑު" ކަމަށާއި ދެން ޕާޓީގެ ހުރިހާ މެންބަރުން ކުރި މަސައްކަތެއް ކަމަށް ގަފޫރު ވިދާޅުވި އެވެ.
"ޕާޓީއަށް ކާމިޔާބު ލިބުނީމައި އެ ކްރެޑިޓް ކޮންމެހެން އަޅުގަނޑަށް ދޭށެކޭ ނުބުނަން. ޕާޓީގެ ދާއިރާތަކުގެ މީހުން، އެންމެން ކުރި މަސައްކަތް. މިއަދު އަޅުގަނޑު ކަތިލައިގެނެއް މި ކަމެއް ނުވާނެ، އެ ކަތިލަނީ އެމްޑީޕީ،" ގަފޫރު ވިދާޅުވި އެވެ.
އެނގުން މުހިންމު - ގަފޫރު ވަކިކުރުމަށް ވެއްދީ ގައުމީ މަޖިލީހުގެ 123 މެންބަރުންގެ ތެރެއިން 55 މެންބަރުން ސޮއިކޮށްފަ އެވެ. ބައްދަލުވުމެއް ބޭއްވުން ޕާޓީން ކަނޑައަޅާފައި އޮންނަ ކޯރަމަކީ 31 މެންބަރުންނެވެ. ހުރިހާ މެންބަރުން ބައްދަލުވުމަށް ހާޒިރުވެއްޖެނަމަ ގަފޫރު ވަކިކުރުމަށް ބޭނުންވަނީ 62 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ