ގޫގުލް މެޕްސްގެ ފޮޓޯތަކަށް އޭއައި ބޭނުންކޮށްގެން ކެޕްޝަން ލިޔެވޭ ގޮތް ހަދައިފި

ގޫގުލް މެޕްސް ބޭނުންކުރާ ފަރާތްތަކަށް، އެމީހުން ހިއްސާކުރާ ފޮޓޯތަކާއި ވީޑިއޯތަކާ ގުޅޭ މައުލޫމާތު ނުވަތަ 'ކެޕްޝަން' ލިޔުމަށް އެހީތެރިވެދޭ އޭއައި ފީޗާއެއް ގޫގުލް އިން ތައާރަފުކޮށްފިއެވެ. ގޫގުލް އިން ބުނި ގޮތުގައި، މިހާރު މެޕްސްގެ 'ޖެމިނައި' އޭއައި މެދުވެރިކޮށް ފޮޓޯތައް ދެނެގަނެ، އެ ފޮޓޯއަކާ ގުޅޭ އެންމެ އެކަށީގެންވާ ކެޕްޝަންތައް އަމިއްލައަށް އުފައްދައިދޭނެއެވެ. މީގެ ސަބަބުން ފޮޓޯ ހިއްސާކުރާ މީހުންނަށް ވަގުތު ސަލާމަތްވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތަށް އޭއައި އިން ތައްޔާރުކޮށްދޭ ކެޕްޝަންތައް ބޭނުންކުރާ މީހާއަށް ބަދަލުކޮށް ނުވަތަ އުނިކުރުމުގެ އިޚުތިޔާރު ވެސް އޮންނާނެއެވެ. މި ވަގުތު މި ފީޗާ ލިބެން ހުރީ އެމެރިކާގެ އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް އިނގިރޭސި ބަހުންނެވެ. ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި މުޅި ދުނިޔެއަށް އަދި އެންޑްރޮއިޑް ފޯނުތަކަށް ވެސް މި ފީޗާ ތައާރަފުކުރާނެ ކަމަށް ގޫގުލް އިން ބުނެއެވެ. ކެޕްޝަންގެ ސަބަބުން ފޮޓޯތަކާއި ވީޑިއޯތައް ދެނެގަންނަން ފަސޭހަވޭ --- މީގެ އިތުރުން، ގޫގުލް އިން ވަނީ ފޮޓޯ ހިއްސާކުރުން އަވަސްކުރުމަށްޓަކައި މެޕްސްގެ 'ކޮންޓްރިބިއުޓް' ޓެބުން ފަސޭހައިން ފަހުގެ ފޮޓޯތައް ފެންނާނެ ގޮތް ހަދާފައެވެ. މީގެ ސަބަބުން އެމީހަކު ދާ ތަންތަނުގެ ތަޖުރިބާ ހިއްސާކުރުން އިތުރަށް ފަސޭހަވެގެންދާނެއެވެ. ގޫގުލް މެޕްސްއަށް މައުލޫމާތާއި ފޮޓޯ އިތުރުކުރާ 'ލޯކަލް ގައިޑުން'ގެ މަސައްކަތްތައް ފާހަގަކުރުމަށް ވެސް އައު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ލިބިފައިވާ ޖުމްލަ ޕޮއިންޓްތައް ފަސޭހައިން ބަލާލެވޭނެ ގޮތް ހެދުމާއި، ލޯކަލް ގައިޑްގެ ލެވެލްތައް ޕްރޮފައިލްގައި ފާހަގަކޮށްފައި ހުންނާނެއެވެ. އަދި ބޮޑެތި ކޮންޓްރިބިއުޓަރުން ފާހަގަކުރުމަށްޓަކައި ރަންކުލައިގެ (ގޯލްޑް) ޕްރޮފައިލްތަކާއި، "މާސްޓާ ފޮޓޯގްރާފާ" ފަދަ އައު ބެޖުތައް ވެސް ވަނީ ތައާރަފުކޮށްފައެވެ. ގޫގުލް އިން ހާމަކުރި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 500 މިލިއަނަށް ވުރެ ގިނަ މީހުން ގޫގުލް މެޕްސްއަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެއެވެ. މި ގެނެވުނު ބަދަލުތަކަކީ މެޕްސްގައިވާ މައުލޫމާތުތައް ތާޒާކޮށް ބެލެހެއްޓުމަށް އެހީތެރިވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ