"ކޮން ތާކު؟ އިބޫ ވެސް ވާހަކަ ދައްކާކަށް ނެތް. ނުލާހިކު ސިމްޕަލްކޮށް ބާއްވަން އުޅުނު ކަމެއް. މިހާރު ދެން އެ އުޅެނީ ބޮޑުކޮށްލައިގެން."
މިއީ މިދިއަ ހޯމަދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އޮތް އެމްޑީޕީގެ އުފާ ފާޅުކުރުމުގެ ހަފުލާގެ އެޖެންޑާއާ ބެހޭ ގޮތުން ޕާޓީގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި ފުރަތަމަ ވާހަކަ އެވެ.
އެކަމަކު ސާދާކޮށް ބާއްވަން އުޅުނު ހަފުލާ މިހާރު މި އޮތީ އެމްޑީޕީގެ އެތެރޭގެ 'ބޮޑު ފަންޏަށް' ވެފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެތި އެމްޑީޕީއަށް މިވަރުގެ ކާމިޔާބީއެއް ނުލިބޭނޭ ބުނެ އެމަނިކުފާނުގެ ސަޕޯޓަރުން އުތުރި އަރައިފި އެވެ. ޗެއާޕާސަން ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މޫސާ މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ދަނީ ކުރިއަށެވެ.
އޭގެ ކުރިން ގަފޫރު ވަނީ އޭނާގެ ބާރު ވެސް ދައްކަވަން ފައްޓަވައިފަ އެވެ. އޭގެ ތެރޭގައި ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ފަހަތުގައި ތިއްބެވި ކަމަށް ބެލެވޭ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދާއި ލީގަލް ޑިރެކްޓަރުކަމުގެ މަގާމުން އަހުމަދު މައުރޫފް ވަކިކުރުން ހިމެނެ އެވެ.
މިހާރު އަނެއްކާ މި އޮތީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމުގެ ހުޅުގަނޑު ރޯވެފަ އެވެ.
އެކަމަކު ކޮން ކަމަކާ ހެއްޔެވެ؟ ކައުންސިލް ކެމްޕޭން ދިޔަ ގޮތް ފެންނަން އެ ހުރީ އެވެ. އޭގައި ކުރީގެ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދަށް ވެސް 'މިއީ ތިމަންނަގެ މަސައްކަތޭ' ވިދާޅުވެވޭކަށް ނޯންނާނެ އެވެ. ޕާޓީ ހިންގަވަން ހުންނެވީ ގަފޫރެވެ. ދެން ނަޝީދުގެ ފަރާތްޕުޅުން އެ ކްރެޑިޓް ނަންގަވަން އުޅުއްވުމުގެ ބޭނުމެއް، އެމްޑީޕީގެ ކެމްޕޭންގައި މިދިއަ ފަސް މަސް ދުވަހު، އުއްމީދާއި ނާއުއްމީދާއި އުނދަގުލާއި ކެތްތެރިކަމުގައި ވަގުތު ހޭދަކުރި ހަރަކާތްތެރިންނަކަށް ނުވިސްނެ އެވެ.
އެ ހަފުލާގައި ނަޝީދު ބައިވެރިވެވަޑައިނުގަންނަވަނީ "މިރޭގެ ޖަލްސާގެ އެޖެންޑާއެއް، އަދި ހަދާންވީ އެއްވެސް ގޮތެއް ނޭނގޭތީ ޖަލްސާއަށް ނުދާނެ ވާހަކަ ދަންނަވަން" ކަމަށް ވިދާޅުވަމުންނެވެ. އެ މެސެޖް ފޮނުއްވީ އެމްޑީޕީގެ ގްރޫޕަކަށެވެ.
އެހާ ހިސާބުން ހުޅުގަނޑު ފަޅައިގެން ދިޔައީ އެވެ. އެކަމަކު ޖަލްސާ އިންތިޒާމްކުރުމުގައި އުޅުއްވި ބައެއް ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު ކަން ހިނގި ގޮތަކީ މި އެވެ.
މިއީ ކުރީގެ އެއްވެސް ރައީސަކު ވާހަކަ ދައްކަން އޮތް ހަފުލާއެއް ނޫން
ކުރީގެ ޗެއާޕާސަން ފައްޔާޒަށް ވާހަކަ ދައްކަން ދޭން ޖެހޭ ހައިސިއްޔަތެއް ނެތް
އެޖެންޑާ ތައްޔާރުކުރަމުން އައީ ކެމްޕޭންގެ ޒިންމާތަކެއް ނެގި މީހުންނަށް އިސްކަންދީގެން
އަބްދުﷲ ޝާހިދު: އެމްޑީޕީގެ ރައީސް
އަބްދުލްގަފޫރު މޫސާ: އެމްޑީޕީގެ ޗެއާޕާސަން
ސިޓީތަކުގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅުން
ސިޓީތަކުގެ ޑަބްލިޔުޑީސީ ކާމިޔާބުކުރެއްވި ބޭފުޅުން
ހަގީގަތުގައި މިއީ މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި އާދަމް އާޒިމް ހަރަދުކުރައްވައިގެން ބޭއްވި ޖަލްސާއެއް ކަމަށް، އިންތިޒާމުގައި އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"ސީދާ އާޒިމް ހަރަދުކުރީ އެމްޑީޕީން ބޭއްވިޔަސް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ޖަލްސާ ވެސް މިހާރު އެވަނީ މާޒީވެފަ އެވެ. އެކަމަކު އެ ޖަލްސާއާ އެކު، އެމްޑީޕީ ތެރޭގައި ނަޝީދު ބާރު ގަދަކުރައްވަމުން ގެންދަވާކަން މި އޮތީ ފެންނާށެވެ. ނަޝީދާ އިދިކޮޅު ބައެއް ބޭފުޅުން ސިފަކުރައްވަނީ އަނެއްކާވެސް އެމްޑީޕީގައި 'އަންނި ފަނިހަދަނީ' ކަމަށެވެ. އެބަސް ރީތިކޮށްލާ ނަމަ ބުނެވޭނީ ކުރީގެ ރައީސް ނަޝީދު ދޫކުރެއްވި ޕާޓީއަށް އެނބުރިވަޑައިގެންފައި، ވަގުތުގެ ފައިދާ ނަންގަވަމުން، 'ފަނިހައްދަވަނީ' ކަމަށެވެ. ސިޔާސީ ފަންޏެކެވެ.
ޗެއާޕާސަންގެ މަގާމުން ގަފޫރު ވަކިކުރުމުގެ މައްސަލަ މިއަދު ހުށައަޅާނެ ކަމަށްވެ އެވެ. އޭގެ ފަހުން ގައުމީ މަޖިލިހުގެ ޖަލްސާއަކަށް ދާން ޖެހޭނެ އެވެ.
ޗެއާޕާސަންގެ މަގާމުން ފަޔާޒު އިސްތިއުފާ ދެއްވުމުން ގަފޫރު އެ މަގާމަށް ހަމަޖެއްސީ ވަގުތީ ގޮތުންނެވެ. އޭރު ވިސްނުން ހުރީ ކައުންސިލް އިންތިހާބު ނިމޭތާ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވާލުމެވެ. އެހެންކަމުން އެއް ގޮތަކީ ގަފޫރު ވަކިކުރުުމުގެ ކުރިން އިންތިހާބު އިއުލާންކޮށް އޭނާ އިސްތިއުފާ ދެއްވުމެވެ. އޭރުން ވަގުތީ ގޮތުން އެ ޒިންމާއާ ހަވާލުވާން ގައުމީ މަޖިލިހުން އަނެއްކާވެސް ބޭފުޅަކު ހޮވާނީ އެވެ. ނުވަތަ މިހާރު ހުންނެވި ޗެއާޕާސަން ނައިބު، މާލީ، ކުރީގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲއާ ހަވާލުކުރާނީ އެވެ.
އަނެއް ގޮތަކީ ގައުމީ މަޖިލިހުގެ ޖަލްސާއެއް ނުބާއްވައި ކުރިއަށް ދިއުމެވެ. ނަމަވެސް އެއީ ފަސޭހަ ގޮތަކަށް ނުވާނެ އެވެ.
ގައުމީ މަޖިލިހުގެ ކޮންޓްރޯލް ސޯލިހުގެ އަތްޕުޅުގައި ނެތް ނަމަ އިންތިހާބުގެ ކުރިން ވަގުތީ ޗެއާޕާސަންގެ މަގާމަށް ސީދާ ނަޝީދު ނުވަތަ ނަޝީދު ބޭނުންފުޅުވާ ބޭފުޅަކު ވަޑައިގަންނަވާފާނެ ކަމަށް ވެސް، އެމްޑީޕީގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.
"އިބޫއަށް ގައުމީ މަޖިލިހުގެ މެޖޯރިޓީ މިހާރު ނެތް ނަމަ އަހަރެން ބުނާނީ ޗެއާޕާސަންގެ މަގާމަށް ނަޝީދު އަތުވެދާނެއޭ، އޭރުން ޕާޓީ އެދިޔައީ ނަޝީދުގެ އަތަށް،" މިހާރު އެމްޑީޕީގެ އެތެރޭގައި ކަންތައް ވަމުން އަންނަ ގޮތަށް ބިނާކުރައްވައި، އޭނާ ވިދާޅުވި އެވެ.
އެކަމަކު ދާއިމީ ޗެއާޕާސަންގެ އިންތިހާބުގެ ކުރިން ގައުމީ މަޖިލިހުގެ މެޖޯރިޓީ އަދި ކޮންމެ ބޭފުޅަކަށް ދިޔަ ނަމަވެސް އެމްޑީޕީގެ ހަގީގީ ބާރުވެރިޔަކީ ކޮން ބޭފުޅެއްކަން ކަށަވަރެއް ނުވާނެ އެވެ. ދާއިމީ ޗެއާޕާސަންގެ މަގާމަށް ޒުވާން މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް އަހުމަދު ނަސީމް ނުކުންނަވަން ހުންނެވީ ތައްޔާރުގަ އެވެ. އެމްޑީޕީގެ ސިޔާސީ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ މީކާއީލްއާ ވާދަކުރައްވަން، ނަޝީދުގެ ފަޅިން ވެސް ބޭފުޅަކު ނުކުންނަވާނެތާ އެވެ.
"އަޅުގަނޑަކަށް އަދި ހިއެއްނުވޭ އެމްޑީޕީގައި ބާރު އޮތީ ކާކުގެ އަތުގައިކަން ނިންމިދާނެހެންނެއް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
'އެކަން އެނގޭނީ ދާއިމީ ޗެއާޕާސަންގެ އިންތިހާބުން. އޭގެ ކުރިން ދެން ހުންނާނެ ނޫންތޯ އެކި ކަންކަން."
އެ އިޝާރަތްކުރެއްވީ މިހާރު މި ފެންނަ މަންޒަރުތަކަށެވެ. އުފާ ފާޅުކުރުމުގެ ހަފުލާ ދިޔަ ގޮތެވެ. ގަފޫރު ވަކިކުރަން އުޅޭ އުޅުމެވެ. ދެން ގައުމީ މަޖިލިހުން ނަގާ ވަގުތީ ޗެއާޕާސަނެވެ. ނުވަތަ ވަގުތީ ޗެއާޕާސަނަކު ނުނެގުމެވެ.
އާންމު ބައެއް މީހުން ބުނާ ގޮތުން ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ގިނަ ބަޔަކު ނޫނެކޭ ބުނީ ހަމައެކަނި އެމްޑީޕީއަށް އޮތް ސަޕޯޓް ދައްކާކަށެއް ނޫނެވެ. އެކަމަކު އެ ދެ ވޯޓުގައި ސަރުކާރު ބަލިވުމުގެ ކްރެޑިޓް އެމްޑީޕީއަށް ނުދީ ވެސް ނުވާނެ އެވެ. ސަރުކާރުގެ ގިނަ ކެންޑިޑޭޓުން ބަލިކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. "ނޫނެކޭ' ވޯޓަށް ރައްޔިތުންގެ ވިސްނުން އަނބުރާލުމުގައި ވެސް އެމްޑީޕީ އިންތިޒާމީ ގޮތެއްގައި މަސައްކަތް ކުރި އެވެ.
"ނަޝީދު ކޮން އިރަކު ކެމްޕޭންގައި ބައިވެރިވީ؟" ކުރީގެ ރައީސަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުން ސަބަބަކަށް ހައްދަވައިގެން ޖަލްސާ ބޮއިކޮޓްކުރެއްވުމަށް އިޝާރަތްކުރައްވާ، އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
"ފުރަތަމަ އުޅުއްވީ ހިޔާލު ހޯދުމުގެ ވޯޓަށް ވެސް އާނއެކޭ ބުނަން. އެމްޑީޕީގެ އެތެރޭގައި އެކަން ގޯސްވީމާ ނޫނެކޭ ބުނީ. ދެން ކިހާ ވަރަކަށް އެ ކެމްޕޭންގައި ބައިވެރިވީ، ބަލާބަލަ!"
ނަޝީދާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބި މީހުން އެއިން ކަމަކާ މިހާރު ނުވިސްނާނެ އެވެ. މިހާރު މި އޮތީ ނަޝީދުގެ ސިޔާސީ ބާރު އަލުން އެ ޕާޓީގެ އެތެރޭގައި ގަދަވާކަން ދައްކަވަން ފުރުސަތު ލިބިވަޑައިގެންފަ އެވެ.
އެއާ ހިލާފަށް ސޯލިހަކީ މަޑުން ހުންނަވައިގެން ކަންކަން ރާވާ ބޭފުޅެކެވެ.
ނަޝީދު 'ފަނިހައްދަވައިފި،" ދެން އޮތީ ނިމޭ ގޮތް ބެލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ