އިންޓަނެޓް އަގުހެޔޮ ކުރަން މަސައްކަތް އެބަކުރަން

އިންޓަނެޓް އަގުހެޔޮ ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ރަނގަޅު ނަތީޖާއެއް ސަރުކާރުން ނެރޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނާއެކު ރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި އިންޓަނެޓްގެ އަގުހެޔޮ ކުރުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިންޓަނެޓް އަގުހެޔޮ ކުރުމަށް މަސައްކަތް ކުރުން ކަމަށާއި މޯލްޑިވްސް 2.0 ގެ ތެރެއަށް ދާއިރު ރަނގަޅު އަގެއްގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތްވުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އެކަމަށް ވަރަށް މަސައްކަތް އެބަކުރަން. ރަނގަޅު ނަތީޖާއެއް ނެރޭނަން ތިކަމުގައި،" ރައީސް ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގުތަކަށް އެންމެފަހުން ހެޔޮ ބަދަލެއް ގެނެސްފައިވަނީ ކުރީ ސަރުކާރުގައި 2021 ވަނަ އަހަރު އެވެ.
އެގޮތުން ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް އޭރު ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.
މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.
ރާއްޖޭގައި މިވަގުތު އިންޓަނެޓްގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ