ޝަމާޙުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިއްޔެ ވަކިކުރި އަޙްމަދު ޝަމާޙް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފިއެވެ.
ޝަމާޙްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހެޅިފައިވާކަން އެކޮމިޝަނުން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ގުޅޭ ތަފްޞީލް ހާމަކޮށްފައި ނުވެއެވެ.
ޝަމާހުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށާފައިވާއިރު، އޭނާ ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ތަކެއްވެސް އިއްޔެވަނީ ލީކުވެފައެެ. މައުލޫމާތު ލިބޭގޮތުން އޭނާ މަގާމުން ވަކިކުރީ އެ އޯޑިއޯއާ ގުޅިގެންނެވެ.
ލީކުކޮށްލާފައިވާ އޯޑިއޯގައި ދައްކަމުން ދިޔައީ ސްޓެލްކޯގެ ތެރޭގައި ހިންގާ ވައްކަމުގެ ވާހަކަ އެވެ. އެ ވާހަކަ ދައްކަމުން ދިޔައީ ފަހުރުވެރިކަމާ އެކު އެވެ. ވަރަށް ގިނައިން ހުތުރު ބަސްތައްވެސް ބޭނުން ކޮށްފައިވެ އެވެ.
"އެންމެ ކައިރީ ހުންނަ --[ހުތުރުބަހެއް]-- އޮޅުވާލައިގެން މިކުރަނީ," ސްޓެލްކޯގައި ހިންގާ ކަންތައްތަކާއި ގުޅޭގޮތުން ސަމާހް ކަމަށް ބުނާ މީހާ ބުނާތީ އިވެ އެވެ. 
އެހެން ބުނުމުން އޭނާގެ ކައިރީގައި ތިބި މީހުން ވަނީ އެކަންކަން އެހެން އެއްވެސް މީހަކަށް ހަމަ ނޭންގޭނެތޯ ސުވާލުކޮށްފަ އެވެ. އަދި އަޒްހަދަށްވެސް ނޭންގޭތޯ ސުވާލު ކުރެ އެވެ. އަޒްހަދަކީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާ އަކީ ކުންފުނީގެ ޕްރޮކިއުމަންޓްގެ ވެރިޔާ އެވެ.
އެ ސުވާލުކުރުމުން ސަމާހު ކަމަށް ބުނާ މީހާ އޭނާ ހިންގާ ކަންކަން އަޒްހަދާއި ސާއިދު އަށް އެނގޭނެ ކަމަށް ބުނެ އެވެ. އެކަންކަން މީހުން އެހީވާ ކަމަށްވެސް ބުނެ އެވެ. ސާއިދު އަކީ ދާދި ފަހުން ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން ޔުނިޓްގެ ހެޑްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ސީނިއާ މެނޭޖަރެއްގެ ގޮތުގަ އެވެ.
އެ މަގާމަށް އޭނާ އައްޔަނުކުރީ ވެސް ސަމާހް އެވެ.
އޭގެ ފަހުން ސްޓެލްކޯ އިން ފިހާރައެއް ހުޅުވާ އޭގެ ފައިދާ ހޯދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. އެކަމާއި ޑީއެމްޑީ މުޒުނާއާ ވާހަކަ ދެއްކި ކަމަށްވެސް ބުނެ އެވެ.
"--[ހުތުރުބަހެެއް] މަ ރޭޓްކޮށްފައި އޭނީ ވަރަށް ދަށުން. އެހެންވީމަ އޭތި މަށަށް ވަަރަށް ސަޅި އަސްލު," ފިހާރައިގެ ކަންކަމަށް ވަރަށް ފަސޭހައިން މުޒުނާ އެއްބަސްވިކަން ފާހަގަކޮށް އޭނާ ބުނެ އެވެ.
އޭގެ ފަހުން ވެސް ވަރަށް ފަހުރުވެރިކަމާއެކު އޭނާ ހިންގާ އެއްވެސް ކަމެއް ސްޓެލްކޯގެ ވެރީންނަށް ނޭންގޭ ކަމަށް ބުނެ އެވެ. އަދި އެ މީހުންގެ ނަޒަރުގައި އޭނާ އަކީ މާބޮޑަށް ފައިސާއަށް ވިސްނާ މީހެއް ނޫން ކަމަށް ބުނެ އެވެ. އެ މީހުންނަށް އޭނާ ހީވެފައި އޮންނަނީ ނުބައި އެހެން އަމަލެއް ހިންގާ މީހެއްގެ ގޮތުގައި ކަމަށް ބުނެ ވަރަށް ބާރަށް ހެމުން އޭނާގެ އެކުވެރީންނަށް އެ ވާހަކަތައް ކިޔައިދެ އެވެ.
"ސްޓްލެކޯގައި ޓޮޕް ލެވެލްގައި މިއުޅޭ މީހުން މަ ނިންމާފައި އިންނަނީ --[ހުތުރުބަހެއް]-- މޮޔަވެފައި ހުންނަ --[ހުތުރުބަހެއް] ގޮތުގައި. ލާރިއަކީ މަ ވިސްނާ އެއްޗެއް ނޫން ކަމަށް މި މީހުން އޮންނަނީ ނިންމާފައި,"
އޭގެ ފަހުން ދެން ބުނަނީ އޭނާ ކޮށްލާ ކަންކަން އެނގޭނަމަ އެ މީހުން [ބެލެވެނީ ސަރުކާރުގެ ވެރީން ނުވަތަ ސްޓެލްކޯގެ ވެރީން] ނޯށުން ރޯނެ ކަމަށެވެ. އަދި އަނެއްކާ ވެސް ފަހުރުވެރިކަމާއެކު އޭނާ އަކީ އެކަންކަން ކުރުމުން ޕީއެޗްޑީ ނަގައިގެން ހުރި މީހެއް ކަމަށް ބުނެ އެވެ.
"މި މީހުން ނޯށުން ރޯވެ މި ހުރިހާ ކަމެއް އެނގޭނަމަ. މި މީހުންނަކަށް ނޭންގެ މިއީ އެ ދާއިރާއިން ޕީއެޗްޑީ ހަދައިގެން އައިސްހުރި --[ހުތުރުބަހެެއް] ކަމެއް," ސަމާހު ކަމަށް ބުނާ މީހާ ބުނާތީ އިވެ އެވެ. 
މި އޯޑިއޯއާ ގުޅޭގޮތުން ސަމާހު ވިދާޅުވީ އެއީ ހަދާފައިވާ އެއްޗެއް ކަމަށެވެ. އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށާ އެއީ ހަގީގަތެއް ނޫން ކަަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ