އަތްފައި ބުރިވެފައިވާ ފަލަސްތީނު އެތައް ބަޔަކު މިސްރުގައި ތާށިވެފައި!
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ރަޙުމްކުޑަ ޙަމަލާތަކުގައި ޒަޚަމްވެ، އަތްފައި ބުރިކުރަން ޖެހިފައިވާ އެތައް ހާސް ބަޔަކު، އިތުރު ފަރުވާއަށް މިޞްރަށް އެތެރެވުމަށްފަހު އެ ގައުމުގައި ތާށިވެއްޖެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އަދި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 6،000 އަށްވުރެ ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަތް ނުވަތަ ފައި ވަނީ ބުރިކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ބައެއްގެ ގުނަވަންތައް ބުރިކުރަން ޖެހުނު ފުރަތަމަ ފަހަރެވެ. ފަލަސްޠީނުގެ ޞިއްޙީ ނިޒާމު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހިފައިވަނީ އެނެސްތީސިއާ ނުވަތަ ހޭނައްތާ ބޭހާ ނުލައެވެ. މީގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ހޭނުނައްތައި ގުނަވަންތައް ބުރިކުރުން ނޫން އިތުރު ގޮތެއް ޑޮކްޓަރުންނަށް ނޯވެއެވެ. ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދުވަސްވަރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް 10 ކުޑަކުދިންގެ އެއް ފައި ނުވަތަ ދެ ފައި ބުރިކުރަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. ޞިއްޙީ ފަރުވާ ހޯދުމަށް ރަފަޙް ބޯޑަރު ހުރަސްކޮށް މިޞްރަށް އެތެރެވާ މީހުންނަށް، ޖިސްމާނީ ގޮތުން ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ހޯދުމަކީ ވެސް ތަކުލީފަކަށް ވަނީ ވެފައެވެ. މިޞްރުގެ ވެރިރަށް ޤާހިރާގައި މިހާރުވެސް އެތައް ސަތޭކަ ބަޔަކު ދަނީ އަތްފައިގެ ބަދަލުގައި ލައްވާ މަސްނޫޢީ ގުނަވަންތައް (ޕްރޮސްތެޓިކްސް) ހޯދުމަށާއި، ދިގު މުއްދަތުގެ ރިހެބިލިޓޭޝަން ފަރުވާއަށް އިންތިޒާރުކުރަމުންނެވެ. ނަމަވެސް، އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ޤާނޫނީ ގޮތުން ހުރި ހުރަސްތަކުގެ ސަބަބުން މި ފަރުވާ ހޯދުމަކީ ގިނަ ބަޔަކަށް ނުހަނު ދަތި ކަމަކަށް ވަނީ ވެފައެވެ. މިޞްރުގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 36 އަހަރުގެ އޮލާ ޖަމާލްއަކީ މިފަދަ އެތައް ހާސް ބައެއްގެ ތެރެއިން އެކަކެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހު ޣައްޒާގެ އައްނަޞްރު ހޮސްޕިޓަލަށް އިސްރާއީލުން މިސައިލް ޙަމަލާއެއް ދިން ވަގުތު، އޮލާ އިނީ އޭނާގެ އުމުރުން އެންމެ ދެ މަހުގެ ދަރިފުޅު ޒައިންއަށް ގާތުން ކިރުދޭށެވެ. އެ ޙަމަލާގައި ގޮވި އެއްޗެހީގެ އެތިކޮޅުތައް ވަނީ އޮލާގެ އަތް ފޫދުއްވާލާފައެވެ. ޤާހިރާގައި ހުންނަ ޕްރޮސްތެޓިކް ސެންޓަރެއްގައި އިނދެ އޮލާ, "ދަ ގާޑިއަން" ނޫހަށް ކިޔައިދިން ގޮތުގައި، އޭނާގެ ޢާއިލާއާއެކު ހޮސްޕިޓަލަށް ދިޔައީ އެއީ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ވުމުން އެތަން ރައްކާތެރިވާނެ ކަމަށް ހީކޮށެވެ. "އަހަރެންގެ ޢާއިލާއާއެކު ހޮސްޕިޓަލަށް ދިޔައީ ރައްކާތެރިކަން ހޯދުމަށް. އެއީ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ވުމުން އެތަން ރައްކާތެރިވާނެ ކަމަށް އަހަރެމެން ހީކުރިން،" އޮލާ ބުންޏެވެ. ނަމަވެސް ޙަމަލާއާއެކު ހޮސްޕިޓަލުގައި ތިބި އެންމެން ހަޅޭއްލަވަން ފެށި ކަމަށާއި، އޭނާގެ އަތުން ފޭބި ލޭތައް ދަރިފުޅު ޒައިންގެ މޫނުމަތީގައި ހޭކުނު ކަމަށް އޮލާ ކިޔައިދިނެވެ. "ޙަމަލާއާއެކު ހޮސްޕިޓަލުގައި ތިބި އެންމެން ހަޅޭއްލަވަން ފެށި. އަހަރެންގެ އަތުން ފޭބި ލޭތައް ހުރީ ޒައިންގެ މޫނުމަތީގައި ހޭކިފައި. އޭރު އަހަރެންގެ އަނެއް ތިން ކުދިންވެސް ތިބީ ކައިރީގައި،" އޮލާ ކިޔައިދިނެވެ. އެ ޙާލަތުގައި އެމްބިއުލާންސެއް ލިބެންދެން ގަޑިއިރެއްހާއިރު މަޑުކުރަން ޖެހުނު ކަމަށާއި، އައްޝިފާ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ އަތް ބުރިކޮށްލަން ޖެހުނު ކަމަށް އޮލާ ބުންޏެވެ. މި މުއްދަތުގައި އޭނާގެ ކުދިންނާ ވަކިވާން ޖެހުނުއިރު، އެ ކުދިން ބެލެހެއްޓީ އެހެން ޢާއިލާއަކުންނެވެ. މީގެ އިތުރުން، ދެ ކުދިންގެ ބައްޕައެއް ކަމަށްވާ ޝާދީ ޝަރީފް އައްޔާޝް އައްސޫސްއަކީ ވެސް މިފަދަ ހިތްދަތި ތަޖުރިބާއެއް ކޮށްފައިވާ މީހެކެވެ. މި އަހަރުގެ ފެބްރުއަރީ މަހު ޤާހިރާގެ ކްލިނިކަކަށް އޭނާ ދިޔައީ ފުރަތަމަ ފަހަރަށް މަސްނޫޢީ ފައެއް ލެއްވުމަށެވެ. ޝާދީގެ ފައި ބުރިކޮށްލަން ޖެހުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު ތިން ވަނަ ދުވަހު ދިން ޙަމަލާއެއްގައެވެ. "އަހަރެމެން ދިރިއުޅެމުން ދިޔައީ އައްޒަހްރާ ސަރަޙައްދުގައި ހުރި ޓެންޓެއްގައި. އަހަރެންގެ ފައި ބުރިވީ ތިމާގެ މީހުންނާއެކު ދަރު ހޮވަން ގޮސް އުޅެނިކޮށް ދިން މިސައިލް ޙަމަލާއެއްގައި،" ޝާދީ ބުންޏެވެ. ފުރަތަމަ އޭނާގެ ފައި ޒަޚަމްވީ ކަކުލުން ތިރިއަށެވެ. ފައި ސަލާމަތްކުރެވޭތޯ މިޞްރަށް އައި ނަމަވެސް، އޭނާ މިޞްރަށް ފޯރިއިރު ފައިގައި އިންފެކްޝަން އުފެދި ގޭންގްރީން ވެފައިވުމުން، ކަކުލުން މަތިން ފައި ބުރިކޮށްލަން ޖެހުނީއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހަމައެކަނި ޞިއްޙީ ފަރުވާ ހޯދުމެއް ނޫނެވެ. ޣައްޒާއިން ބޭރުވާ މީހުން އެންމެ ފުރަތަމަ އެތެރެވާ ޤައުމަކީ މިޞްރު ކަމަށްވާއިރު، ފަރުވާ ހޯދުމަށް މިޞްރަށް އެތެރެވާ ގިނަ މީހުން ތިބެންޖެހެނީ ޤާނޫނީ ގޮތުން އެއްވެސް ޙައިސިއްޔަތެއް ނެތް ޙާލަތެއްގައެވެ. މިޞްރު ސަރުކާރުން އެ މީހުންނަށް ރަސްމީކޮށް ރެސިޑެންސީ ނުވަތަ ރެފިއުޖީންގެ ދަރަޖަ ދީފައެއް ނުވެއެވެ. އަދި އދ. އިންވެސް މިޞްރުގައި ތިބި ފަލަސްޠީނު މީހުންގެ ޒިންމާ ނަގާފައެއް ނުވެއެވެ. ޞައްޙަ ރެސިޑެންސީ ޕާމިޓެއް ނެތުމުގެ ސަބަބުން، މި މީހުންނަށް ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތެއް ނޯވެއެވެ. ގިނަ މީހުން ދިރިއުޅެމުންދަނީ ހޮސްޓެލްތަކުގައި ނުވަތަ އެހެން ޢާއިލާތަކާ ގުޅިގެން ކުދި އެޕާޓްމަންޓްތަކުގައެވެ. މިފަދަ ވަގުތީ ޙާލަތެއްގައި ތިބެންޖެހުމުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާ ނުލައި، ޒަމާނީ ޓެކްނޮލޮޖީގެ މަސްނޫޢީ ގުނަވަންތައް ހޯދުމަކީ އެ މީހުންނަށް މުސްތަޙީލު ކަމެކެވެ. މަސްނޫޢީ ގުނަވަނެއް ހެދުމަށް އެތައް ހާސް ޑޮލަރެއް ޚަރަދުވާއިރު، ހަނގުރާމައިގެ ސަބަބުން ގެދޮރާއި މުދާ ގެއްލިފައިވާ މި މީހުންނަށް މިއީ އަމިއްލައަށް އުފުލޭނެ މާލީ ބުރައެއް ނޫނެވެ. ޤާހިރާގައި ހުންނަ އޯތޮމެޑިކްސް ކްލިނިކްގެ ސެޓިފައިޑް ޕްރޮސްތެޓިސްޓެއް ކަމަށްވާ އުމުރުން 25 އަހަރުގެ ޔޫސުފް އައްދީބް ބުނި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އޭނާގެ ކްލިނިކުން ވަނީ ފަލަސްޠީނުގެ 300 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައެވެ. މި ފަރުވާތައް ދީފައިވަނީ ތުރުކީގެ ޖަމްޢިއްޔާއެއް ކަމަށްވާ 'ސަދަކަތާޝީ' ފަދަ އެންޖީއޯތަކުގެ އެހީތެރިކަމާއެކުގައެވެ. "ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލައަށް މަސްނޫޢީ ގުނަވަންތަކަށް ޚަރަދުކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ނަމަވެސް އެންޖީއޯތަކުން އެމީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރަމުންދާކަން އެއީ ރަނގަޅު ކަމެއް،" ޔޫސުފް ފާހަގަކުރިއެވެ. ޖިސްމާނީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވަނީ ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކޮށްފައެވެ. އޮލާ ޖަމާލްގެ ދަރިފުޅު ޒައިންއަށް މިހާރު ދެ އަހަރު ފުރިފައިވާއިރު، ޙަމަލާގެ ވަގުތުގައި ލިބުނު ނަފްސާނީ ޓްރޯމާގެ އަސަރު އަދިވެސް އޭނާގެ ކިބައިން ފެންނަމުންދެއެވެ. މަންމައާ ވަކިން ދެ އަހަރު ވަންދެން ޒައިން ބެލެހެއްޓީ ހަތް އަންހެނުންނެވެ. އޭގެ ސަބަބުން، އުމުރުން ދެ އަހަރުގައި މަންމައާއި ބައްޕަ ފެނުމުންވެސް ޒައިންއަށް އެއީ ކޮން ބައެއްކަން ނޭނގުނު ކަމަށް އޮލާ ކިޔައިދިނެވެ. ޤާހިރާގައި ރައްކާތެރިކަން އޮތް ނަމަވެސް، އޮލާގެ ޢާއިލާއިން އަދިވެސް ބޭނުންވަނީ އެނބުރި ޣައްޒާއަށް ދާށެވެ. "ކޮންމެ ދުވަހަކުވެސް ކުދިން ބުނޭ މަންމާއޭ، އަހަރެމެން ޣައްޒާއަށް އެނބުރި ދާން ބޭނުމޭ،" އޮލާ ކިޔައިދިނެވެ. މިޞްރުގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައެއް ޖަމްޢިއްޔާތަކުން މަސައްކަތްކުރި ނަމަވެސް، ބޭނުންވާ މިންވަރާ ގާތަށްވެސް މި ޚިދުމަތްތައް ނުލިބެއެވެ. ހަމައެފަދައިން، ޝާދީވެސް އިންތިޒާރުކުރަމުން ދަނީ އެނބުރި ޣައްޒާއަށް ދެވޭނެ ދުވަހަކަށެވެ. އޭނާ ބޭނުންވަނީ އޭނާގެ އަންހެން ދަރިންގެ ގާތަށް އެނބުރި ދިއުމަށެވެ. އެނބުރި ޤައުމަށް ދިއުމަށް އޭނާ ވަނީ ނަން ނޯޓުކޮށްފައެވެ. ނަމަވެސް، ރަފަޙް ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ލިބުމަކީ ނުހަނު އުނދަގޫ ކަމަކަށް ވެފައިވާއިރު، މިޞްރުގައި ތިބި އަތްފައި ބުރިކޮށްފައިވާ އެތައް ހާސް ބަޔަކު މިވަނީ ވަގުތީ އެހީތެރިކަމަށް ބަރޯސާވެ، މުސްތަޤުބަލާމެދު ގޮތެއް ނިންމަން ނޭނގޭ ފަދަ ނާޒުކު ޙާލަތެއްގައި ތާށިވެފައެވެ. ބޯޑަރު ހުރަސްކުރުމަށް ހުއްދަ ދެމުންދަނީ ވަރަށް މަދު ބަޔަކަށް ކަމަށްވުމުން، މި މީހުންގެ އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެއް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ