މިދިޔަ އަހަރު 375 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ނޮވެމްބަރު މަހުން ފެށިގެން، ރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ އެންމެންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް އޮންނަނީ ގާނޫނަކުން މަނާކޮށްފަ އެވެ. އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ބައިވެރިކުރުން ވެސް މަނަލެވެ.
މި ޖެނެރޭޝަނަލް ބޭންއަށް އެހީއެއްގެ ގޮތުން، ސަރުކާރުން މިހާރު އަންނަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ސިޒޭޝަން ކްލިނިކްތައް ވެސް ހިންގަމުންނެވެ. މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކޮށްފައިވާއިރު، އެކަމަށް ބޭނުންވާ ގަމާއި ޕެޗް ވެސް އާސަންދައިގެ ދަށުން ހިލޭ ލިބެ އެވެ.
ތަފްސީލް - ހެލްތު މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުންފަތް ހުއްޓާލަން ބޭނުންވެގެން ސިޒޭޝަންގެ ހިދުމަތް 2003 މީހަކު ހޯދާފައިވެ އެވެ. އޭގެތެރޭން 375 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާފައިވާ ކަމަށް މި އަދަދުތަކުން ދައްކަ އެވެ.
މިއަދުގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ގައިން ގަޔަށް އަރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އެހެންވެ ދުންފަތް ބޭނުންކުރުން ހުއްޓުވުމަށް އެޗްޕީއޭން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް މުޅި ރާއްޖޭގައި ހިންގާ ސިޒޭޝަންގެ ހިދުމަތް ދިނުމަށް 494 މުވައްޒަފަކު ތަމްރީނުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ހިދުމަތް 1676 އަށް ގުޅައިގެން ވެސް ހޯދޭނެ އެވެ.
މިދިޔަ އަހަރު ދުންފަތް ހުއްޓާލަން 2003 މީހަކު އެހީ ހޯދި؛ ހުއްޓާލީ 375 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ