އެމީހަކު ބޭނުން މީހަކަށް ވޯޓުލާންވީ: ގާސިމް

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން އިއްޔެ ނިންމާފައި ވިޔަސް އެ ޕާޓީގެ މެމްބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް އެންމެ ރަނގަޅު ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ވަނީ ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމުމުގެ ބާރު ގާސިމް އިބްރާހީމަށް ދެއްވާފަ އެވެ.ނިމިގެން ދިޔަ ތިން ރިޔާސީ އިންތިހާބުގައިވެސް ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީއަށް ލިބުނު ހިތި ނަތީއްޖާއަށް ބެލުމަށްފަހު ގާސިމް ނިންމެވީ މިއަހަރުގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ.ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައިވަނީ ޕާޓީގެ ނަން ބޭނުންނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށެވެ."ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމުގައި އަޅުގަނޑު ދެކޭތީ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ." ގާސިމް ވިދާޅުވި އެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވިޔަސް މި މަހުގެ 9 ގައި ބޭއްވި ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލައި ދެ ވަނަ ބުރަަށް ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ