މިއީ ހިސާބު ހާމަނުކުރަން ސުޕްރީމް ކޯޓަށް ދިޔަ ހަމައެކަނި ސަރުކާރު: އިމްތިޔާޒް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލިއްޔާއިން އެތައް ގޮތަކުން ވައްކަންކޮށް ހިޔާނާތް ވެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަތައް ތަހުގީގުކޮށް ސަރުކާރު ޖަވާބުދާރީކުރާނެ ކަމަށް 'ދަ ޑިމޮކްރެޓްސް'ގެ އިސް މެމްބަރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައްކަމާއި ހިޔާނާތުގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތު ކުރައްވައި، އެމަނިކުފާނު ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ވިދާޅުވެ، އިމްތިޔާޒް ވާހަކަދައްކަވާފައިވަނީ މިރޭ 'ދަ ޑިމޮކްރެޓްސް'ގެ ހަރުގެ ރަސްމީކޮށް ހުޅުވުމަށް އެ ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާގަ އެވެ.
ރައީސް ސޯލިހަށް ވަރަށް ފާޅުގައި ފާޑުވިދާޅުވެ، ވަރަށް ފޯރީގައި އިމްތިޔާޒް ދެއްކެވި ވާހަކައަށް ޕާޓީގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑު ތަރުހީބެއް ލިބިވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2021 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހިސާބުކިތާބު ހާމަ ނުކުރުމަށްޓަކައި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރެއްވުމުން އިމްތިޔާޒް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ތިޔަބޭފުޅުންގެ މާލިއްޔަތަށް ހަދާ ގޮތްތައް ހާމަނުކުރުމަށް ހަމައެކަނި ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ސަރުކާރަކީ މި ސަރުކާރު. މިއީ ހިޔާނާތުގެ ސަރުކާރު،" ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ރައީސް ސޯލިހުގެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވަމުން އިމްތިޔާޒް ވިދާޅުވި އެވެ.
ރައީސް ސޯލިހަކީ މަކަރުވެރި، ހީލަތްތެރި ކެހިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، މި ސަރުކާރުގައި ހިންގާފައިވާ ވައްކަމާއި ހިޔާނަތުގެ މައްސަލަތަކަށް އިމްތިޔާޒް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެއް މައްސަލައަކީ:
ސޮނެވާފުށީގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ވަގު ކޯޓޭޝަންތަކެއް ހޯދަން އެދިގެން، މިނިސްޓްރީގެ ތެރެއިން 900 އެތައް ބަޔަކަށް ވަގަށް ކޯޓާ ދޫކޮށްފައިވޭ
އެކަންތަކުގެ ތެރެއިން 200 އެތައް ބަޔަކު ރާއްޖެއަށް ވަގަށް އެތެރެވެ، އެ ފައިސާ "ދިރުވާލުމުގައި" ސަރުކާރުގެ އިސް މީހުން ބައިވެރިވޭ
އެ މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅާފައި، އެހެންނަމަވެސް، ސަރުކާރުން ވަނީ މައްސަލަ ބެލުން ހުއްޓުވާފައި
ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން އެއް އަހަރުތެރޭގައި ހަތަރު ފަހަރަށް ތިޖޫރި ފަޅާލާފައިވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އަދި އެކުންފުނިން 13 މިލިއަންގެ "ޕެޓީ ކޭޝް ކޮޅެއް ދިރުވާލައި"، އެކަން އޮއްބާލާފައިވާ ކަމަށް ވެސް އިމްތިޔާޒް ތުހުމަތު ކުރެއްވި އެވެ.
ކޮވިޑުގެ ހާލަތުގައި ރައްޔިތުން އެންމެ ހާލުގައި ތިބި ވަގުތު ވެންޓިލޭޓަރުން ކުރި ވައްކަމުގެ ތަހުގީގު ވެސް ކޮޅެއްގައި ޖެހިފައި ނުވާކަން ފާހަގަކުރެއްވައި، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެކަންތައް ވެސް ތަހުގީގުކޮށް ބަލާނެ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން، ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް ބަދަލުދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، އެތައް ބަޔަކަށް ނުހައްގުން ދައުލަތުގެ މުދާ ބަހާފައިވާ ކަމަށް ވެސް އިމްތިޔާޒް ތުހުމަތު ކުރެއްވި އެވެ.
"ބަދަލުދިނުމުގެ ކަންކަން ހިނގާ އުސޫލެއް އެނގޭ މީހަކު ނެތް މި ރާއްޖޭގައި. ބޭނުން މީހަކަށް ގަނޑުކޮށް ރާއްޖޭގެ ރައްޔިތުންގެ މާލިއްޔަތު ނަގާ ހުސްކުރަނީ. އެ ހުސްކުރަނީ. އެއީ ހިޔާނާތް. ސަރުކާރުގެ ވެރިންނަށް ބައި ލިބޭ ގޮތަށް އެކަން ކުރަނީ،" އޭނާ އަޑަށް ބާރުލާފައި ވިދާޅުވި އެވެ.
"ސީދާ ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ،"
'ދަ ޑިމޮކްރެޓްސް'އިން ވަރުގަދަ ކެމްޕޭނަކަށް ނުކުންނަނީ ރައީސް ސޯލިހުގެ މަކަރުވެރިކަމާއި ހިޔާނާތުން ގައުމު ސަލާމަތްކޮށް، މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޔަތުގައި ކަމަށް ތަކުރާރުކޮށް އިމްތިޔާޒް ވިދާޅުވި އެވެ.
"ފަސް އަހަރުގެ ދައުރެއް، ބޮޑު ވައުދުތަކެއް ރައްޔިތުންނަށް ވެގެން ގެނެސް، އަދި ނުވިތާކަށް މަޖިލީހުގެ ފުރިހަމަ ބާރުވެރިކަން ދިނީމަ ކީއްހޭ ކުރީ؟ މިއީ ސީރިއަސް ސުވާލެއް. ޒިންމާ ނަގަން ޖެހޭނެ. ވެރިކަމަށް ވަޑައިގެން ދައުރު ނިންމާ އިރުގައި ޒިންމާ ނަންގަވަން ޖެހޭނެ،"
"މި ދައުވާތަކާއި މި މައްސަލަތައް ބެލުމުގައި އަޅުގަނޑުމެން ކުރިއަށްދާނެ. ދަ ޑިމޮކްރެޓްސް ކުރިއަށް ދާނެ. ދަ ޑިމޮކްރެޓްސް ކުރިއަށްދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ޖަވާބުދާރީ ކުރުވާނަން."
އިމްތިޔާޒްގެ ވާހަކަ ނިންމަވާލެއްވީ އިރާދަކުރެއްވިއްޔާ މިއަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ