އާލިއާގެ ކޮއްކޮ ހުރީ ހުސްކޮށެއް ނޫން

ބޮލީވުޑްގެ އެންމެ މަގުބޫލު އަދި އެންމެ އަގުބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ އާލިއާ ބަޓްގެ ކޮއްކޮ ޝާހީން ބަޓްގެ ހަޔާތުގެ ބައިވެރިޔާ ދައްކާލައިފިއެވެ. މަހޭޝް ބަޓްގެ ދެވަނަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ޝާހީނަކީ އާލިއާއާ އަޅާބަލާއިރު ވަރަށް ތަފާތު މިޒާޖެއްގެ މީހެކެވެ. އާލިއާއަކީ ކުޑައިރުއްސުރެ ވެސް ފިލްމީ ދާއިރާއިން ކުރިއަށްދާން ބޭނުންވި މީހެއް ނަމަވެސް ޝާހީންއަކީ އަބަދުވެސް ވަރަށް އެކަހެރިކޮށް ފިލްމު އިންޑަސްޓްރީގެ ހަލަބޮލި ދުނިޔެއާ މުޅިން ދުރުގައި އުޅެން ބޭނުންވި މީހެކެވެ. ޝާހީނަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި އާއްމުކޮށް ހިއްސާކުރާ މީހަކަށްނުވެފައި މީޑިއާ ވެސް ވަރަށް ދުރުގައި އުޅުމަށް ލޯބިކުރާ މީހެކެވެ. ބަތަލާ އާލިއާ ޝާހީން ބަޓްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ އެހެންނަމަވެސް، ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނީ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު އިޝާން މެހެރާއާ އެކު ނަގާފައިވާ ފޮޓޯއެއް ޝާހީން ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ. އިޝާން މެހެރާގެ އުފަންދުވަހާ ގުޅުވައިގެން ޚާއްސަ މެސެޖަކާ އެކު ޕޯސްޓުކުރި ފޮޓޯތަކުން ދެ މީހުންގެ މެދުގައި ވަރަށް ޚާއްސަ ގުޅުމެއް އޮތްކަން ދޭހަވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ބަތަލާ އާލިއާގެ ދިރިއުޅުމުގެ އެންމެ މުހިއްމު މީހުންގެ ތެރެއިން ޝާހީނަކީ އާލިއާގެ ދިރިއުޅުން އެ މީހަކާ ނުލާ ފުރިހަމަ ނުވާނެ މީހެއް ކަމަށް އާލިއާ ވަނީ ބުނެފައެވެ. ޝާހީނަށް އާއްމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ޢުމުރުން 18 އަހަރުން ފެށިގެން ޑިޕްރެޝަންގެ ބައްޔާއި ހަނގުރާމަ ކުރަމުންދިޔަކަން އިއުލާނުކޮށް އެކަމާ ގުޅިގެން ކުރި ތަޖުރިބާތައް ހާމަކަން ބޮޑު ގޮތެއްގައި އާއްމުންނާ ހިއްސާކުރުމުންނެވެ. ފަސް އަހަރު ވަންދެން ނަފުސާނީ ބަލިކަށިކަމެއްގެ ތެރޭގައި އުޅެން ޖެހުނުއިރު ޝާހީން އުޅުނީ އާއިލާގެ މެންބަރުންނަށް އެކަން ސިއްރުކޮށްގެންނެވެ. ޝާހީން ވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި ނަފުސާނީ ދުޅަހެޔޮކަމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެކަމަށް ޚާއްސަ ފޮތެއް ވެސް ނެރެފައެވެ. ޝާހީން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފައިވާ އިޝާން މެހެރާއަކީ، ޔޫތު އޭޝިއަން ގޭމްސް އެންޑް އެތުލީޓްސްގައި ބައިވެރިވެފައިވާ ފެތުންތެރިއެކެވެ. އިޝާންއަކީ އޭޓީޖީ-ސަޓިފައިޑް ފިޓްނަސް ކޯޗެކެވެ. އިޝާން ވަނީ ޝާހީން އާއި އާލިއާ އަދި ރަންބީރުގެ އާއިލާއިން މި އަހަރުގެ އާ އަހަރު ފާހަގަ ކުރުމަށް ތައިލޭންޑަށް ކުރި ދަތުރުގައި ވެސް ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ