"ވެރިކަން ކުރާ ޕާޓީއަށް މަޖިލިސް މެޖޯރިޓީ ދޭން ހެޔޮނުވާނެ"

މިދިއަ ހަފުތާގެ އަންގާރަދުވަހު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ބޭރުކޮށްލީ ނުކުޅެދުންތެރިންކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީއަށް ލިބެން ޖެހޭ ފައިސާ ހަމަޖެހުން ލަސްވުން ވެސް ހިމެނޭ މައްސަލައެކެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށައެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަން ވެސް ޕީއެންސީން ބޭނުމެއް ނުވި އެވެ.
އެކަމަކު އެއީ މުހަައްމަދު އިބްރާހިމް އެއްގޮތަކަށް ވެސް ހީކުރެއްވި ނިންމުމެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިހާރު ދިމާވެފައިވާ ބޮޑު މައްސަލައަކާ މެދު މަޖިލިހުގައި ވާހަކަ ދައްކާލުމުގެ ޝައުގުވެރިކަން ވެސް ޕީއެންސީގެ މެޖޯރިޓީ މެމްބަރުންގެ ނެތުމުން އޭނާ ހުންނެވީ ހައިރާންވެވަޑައިގެންފަ އެވެ.
"އަޅުގަނޑު ހަމަ ހީވެސް ނުކުރަމޭ އެ ބޭފުޅުން [އެ މައްސަލަ] ބޭރުކޮށްލާނޭ. ހަމަ ކުޑަކޮށް ވެސް ހިއެއްނުކުރަމޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ނިސްބަތްވާ ޕީއެންސީގެ 44 މެމްބަރުން ރަތް ފިތަށް ފިއްތާލެވި އިރު އޭގެ ތެރެއިން ބައެއް މެމްބަރުންގެ ނުކުޅެދުންތެރިކަން ހުރި ކުދިން ވެސް ތިބޭކަން، މުހައްމަދު އިބްރާހިމް ފާހަގަކުރެއްވި އެވެ. އެކަމަކު އެފަދަ މެމްބަރުންގެ ހިތުގައި އޮތް އިހުސާސްތަކުގައި ވެސް މަތިއަޅައި، އެ ބޭރުވިޔަ ނުދީ ހިފެހެއްޓީ މަޖިލިހުގެ ބޮޑު ކޮންޓްރޯލް ސަރުކާރުގެ ޕާޓީއަށް އޮތުމުންނެވެ.
ވޯޓަށް ފަހު ސައި ގަޑީގައި ނުވަތަ މަޖިލިހުގެ ގޯތިތެރޭގައި ހުންނަ ކުޑަ ދޮށުގައި ތިއްބަވާ އިރު މެމްބަރުންގެ ވާހަކަ ބަދަލުވެ އެވެ. އޭގެ މިސާލެއް ވެސް އޭނާ ދެއްކެވި އެވެ.
ފަހުން "ބައެއް ބޭފުޅުން ވިދާޅުވި އަހަރެން ބޭނުންވިއޭ [ވާހަކަ ދައްކަން]. އެހެން ނަމަވެސް ބޯޓު ދެއްވީ [އެކަމާ] އިދިިކޮޅަށް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
"ހަގީގަތުގައި މެޖޯރިޓީ ބޭނުންކޮށްގެން މީތި [މަޖިލިސް] އެބިއުސްކުރާކަށް ނުވާނެ. [ނަމަވެސް] އެކަން ކުރޭ."
ފުރަތަމަ ފަހަރަށް އިންތިހާބަކަށް ކުރިމަތިލައްވައި، ގޮނޑި ކާމިޔާބުކުރެއްވި އިރު އޭނާއަކީ ކުރިންސުރެ އިޖުތިމާއީ ކަންކަމުގައި އަޑުއުފުއްލަވާ ބޭފުޅެކެވެ. އެހެންކަމުން ސިޔާސީ ވިސްނުމުގައި ކަސްތަޅު އެޅުނަސް މަޖިިލިހުގައި އެންމެން ވެސް މަޝްވަރާކޮށް، ބަހުސްކޮށް ނުވަތަ ވާހަކަ ދައްކާލެވެން ޖެހޭނެ މައުލޫއުތައް ހުންނާނެކަން އޭނާ ގަބޫލުކުރައްވަ އެވެ. އެކަން ނެތި، މެޖޯރިޓީ އޮންނަ ޕާޓީއަކުން ބޭނުންހާ ގޮތަކަށް ރައްޔިތުންގެ އެންމެ މަތީ ބާރު ބޭނުންކުރާ ނަމަ، އެއީ ވަރަށް ބޮޑު ގޯހެކެވެ.
މުހައްމަދު އިބްރާހިމް ހިތުގެ އަޑިން ވެސް އަދި ފާޅުގައި ވެސް ގޮވަނީ "ވެރިކަން ކުރާ ޕާޓީއަށް މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ދޭން ނުޖެހޭނެއޭ" އެވެ.
"އަޅުގަނޑު ހަމަ ތަކުރާރުކޮށް ބުނަމުން އަންނަ ވާހަކައެއް، ވެރިކަން ކުރާ އެއްވެސް ޕާޓީއަކަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބެން ހެޔޮ ވެސް ނުވާނެ، އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
"މިއޮތީ ވަރަށް ބޮޑު އިންބެލެންސްއެއް. އަޅުގަނޑު އަމިއްލަ ގޮތުން، ޕާޓީގެ އެހީތެރިކަމާ އެކު، ކުރާ މަސައްކަތް ވަރަށް ގިނަވާނެ. އެކަމަކު ފްލޯއާ ހިސާބަށް ދާއިރު އެބްސޮލިއުޓް މެޖޯރިޓީ [މި އޮންނަނީ] ވެރިކަންކުރާ ޕާޓީއަށް. އެ ބޭފުޅުން ހަމަ ހެއްދެވި ގޮތެއް [އޮންނާނީ]."
އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް މި ދުވަސްކޮޅު ނުވެސް ނެތެވެ. އިދިކޮޅު މެމްބަރުން މައްސަލައެއް ހުށައަޅުއްވައިފި ނަމަ ކުރަނީ ބޭރެވެ. މިއީ އެހާ ބޮޑު މެޖޯރިޓީއެއް އެއް ޕާޓީއަކަށް ލިބިއްޖެ ނަމަ އަމަލްތައް ހުންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ދިނީ ވެސް ރައްޔިތުންނެވެ. އެހެންކަމުން މުހައްމަދު އިބްރާހިމް ވިދާޅުވީ އޭގައި ކުރާނެ ކަމެއް ނެތް ކަމަށެވެ.
"ރައްޔިތުން ބޭނުންވި ގޮތް މިއީ. އާ ބަޔަކަށް [މަޖިލިސް] ދޭން. ރައްޔިތުން ބޭނުންވީ ވެރިކަންކުރާ ޕާޓީއަށް ދޭން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންނާ ދިމާއަށް އެއްޗެއް ބުނާކަށް ނޫން. ހަގީގަތުގައި ވެފައި މި އޮތީ ވެރިކަންކުރާ ޕާޓީއަށް އެބްސޮލިއުޓް މެޖޯރިޓީ ދިނީމާ އެބޭފުޅުން ބޭނުންވީމާ އެއްޗެހި ތަޅުންކުރަނީ [ތަޅުމަށް ގެންނާނީ]."
އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މާތް ﷲ ގަންދީ ކުރައްވާ ހުވާގައި އޮންނަނީ އެހެންނެއް ނޫނެވެ. ރައްޔިތުންގެ މަންފާ އާއި މަސްލަހަތާއި ގައުމުގެ ފައިދާއަށް އިސްކަން ދޭން ޖެހޭ ވާހަކަ އެވެ. ގާނޫނުއަސާސީ ނެގެހެއްޓުމުގެ ވާހަކަ އެވެ. ސަރުކާރުން ބޭނުންވާ ގޮތަކަށް އަމަލްކުރުމަކީ މެމްބަރުންގެ ހުވާގައި އޮންނަ އެއްޗެއް ނޫނެވެ.
"ޕާޓީއަށް ވަފާތެރިވާކަށް ނޫން [ހުވާގައި] އޮންނަނީ. ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކުގައި، ރައްޔިތުންގެ މަސްލަހަތު ހުރި ކަންތައްތަކުގައި ރައްޔިތުންނަށް ހެޔޮ ގޮތް ލާބަ އާއި މަންފާ ހޯދައިދޭން މަސައްކަތްކުރުން ގާނޫނު ހަދައިގެން. ގާނޫނުއަސާސީ ހިމާޔަތްކުރުން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
"އެހެން އޮއްވާ ޕާޓީ ލައިނުން މި ވޯޓު ދެނީ. ހުވާގައި އޮންނަނީ އެހެން ގޮތެއް. މަސައްކަތްކުރަނީ އެހެން ގޮތަކަށް. [އެހެންވީމާ] ހުވާގައި އޮންނަ ގޮތަކަށް ނޫން ކަންތައްކުރަނީކީއެއް."
އަންގާރަދުވަހު ހުށައެޅުއްވި މައްސަލަ ވެއްދުމުގެ ބޭނުމަކީ، އޭނާ ވިދާޅުވިި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ނުލިބެއޭ ބުނުމެއް ނޫނެވެ. މައްސަލަތަކެއް މިހާރު ދިމާވާކަން ދެނެގަނެ، އެކަމާ މަޖިލިހުގައި ވާހަކަ ދެއްކުމެވެ. އޭނާގެ ނަޒަރުގައި އެއީ މެމްބަރުން ކުރަައްވަން ޖެހޭނެ ކަމެކެވެ.
"އަޅުގަނޑުމެންގެ ޕޮއިންޓަކީ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ވާހަކަ ދައްކާލަން ހިނގާށޭ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އެކަމަކު މެޖޯރިޓީ މެމްބަރުން ތަޅުމުން ނުކުންނެވީ "ބޭނުމެއް ނޫނޭ" ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ