ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗެއް ހޯދަނީ

ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުޓްބޯއެލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ކޯޗަކު ބޭނުން ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި ޝައުގުވެރިވާ ކޯޗުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗްކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އެންމެ ދަށްވެގެން އޭއެފްސީ/ޔޫއެފާގެ ނުވަތަ އެ ފެންވަރުގެ ލައިސަންސަތެއް އޮތުމާ އެކު މަދުވެގެން ސީނިއާ ލެވެލްގައި ޓީމެއްގައި ހަ އަހަރު މަސައްކަތްކޮށްފައިވުން ހިމެނެ އެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމަށް ނަގާ ކޯޗްގެ މަގާމަކީ ފުލްޓައިމް ވަޒީފާއެއް ކަމަށާއި މުސާރަ ހަމަޖައްސާނީ ފެންވަރާއި ތަޖުރިބާ އަށް ބިނާކޮށް ކަމަށެވެ.
ގައުމީ ޓީމަށް ކޯޗެއްގެ އިތުރުން އެސިސްޓެންޓް ކޯޗަކާއި ކީޕަރަކާއި ފިޒިކަލް ޓްރެއިނަރެއްގެ އިތުރުން ޑޮކްޓަރަކު ވެސް ހޯދަން އިއުލާންކޮށްފައިވެ އެވެ.
އެ މަގާމުތަކަށް ވެސް އެޕްލައި ކުރަން ޖެހެނީ 27 ގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ