އީރާނުގެ އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން 60 މީހުން މަރުވެއްޖެ

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ކަމަށްބުނެ، އިސްރާއީލުން ރޭ ފަތިހުން ފެށިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން، ވެރިރަށް ތެހެރާންގައި މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީ 60 މީހުން މަރާލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީން ބުނެފިއެވެ. އޭގެތެރޭގައި 20 ކުޑަކުދިން ވެސް ހިމެނެއެވެ. އދ.ގައި ހުންނަވާ އީރާނުގެ ސަފީރު އިއްޔެ ވިދާޅުވި ގޮތުގައި އިސްރާއީލުން ދިން ފުރަތަމަ ހަމަލާތަކުގައި 78 މީހުން މަރުވެ، 320 މީހުން ވަނީ ޒަޚަމްވެފައެވެ. މި ދަނޑިވަޅުގައި ގައުމުގެ ރައްޔިތުން އެއްބައިވަންތަވުމަށް އީރާނުން ވަނީ ގޮވައިލާފައެވެ. އީރާނުން އެގޮތަށް ގޮވައިލާފައި ވަނީ ސަރުކާރާ ދެކޮޅަށް ތެދުވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ ރައްޔިތުންނަށް ގޮވައިލާފައިވަނިކޮށެވެ. އީރާނުގެ ރައްޔިތުންނަށް ސީދާ އިލްތިމާސް ކުރައްވައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އީރާނަކީ ފިއްތުންތެރި ވެރިކަމެއް އޮންނަ ގައުމެއް ކަމަށާއި ރައްޔިތުން އެކަމުން މިނިވަންވުމަށް ސަރުކާރާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ. އިސްރާއީލުން ދޭ އެ ހަމަލާތަކުގެ ރައްދުގައި ރޭ ފަތިހު އީރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. އެ ހަމަލާތައް ވެރިރަށް ތެލް އަވީވްގެ ގާތްގަޑަކަށް ހަ ސަރަހައްދަކަށް އަމާޒުވެފައިވާ ކަމަށް އިސްރާއީލުގެ އެމްބިއުލާންސް ޚިދުމަތުން ބުނެއެވެ. އީރާނުގެ ހަަމަލާތަކުގައި ހަލާކުވެފައިވާ ކާރެއް. ފޮޓޯ/ރޮއިޓާސް އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ނިއުކްލިއާ މަރުކަޒަކަށް އަމާޒުވެފައިވާ ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އީރާނުން އިސްރާއީލާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގެ ނަމަކީ "އަލްވަޢްދުއްސާދިގު 3" ނުވަތަ ''ޓްރޫ ޕްރޮމިސް 3" އެވެ. އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓުވުމަށް އެހީތެރިވެދީފިނަމަ، އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްގެ މަރުކަޒުތަކާއި ބޯޓުތަކަށް ހަމަލާތައް އަމާޒުވާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައިވާ ކަމަށް ވެސް ދައުލަތުގެ ޓީވީން ބުނެއެވެ. "އިރާނުން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓުވުމުގައި، ބައިވެރިވާ ކޮންމެ ގައުމަކަށް ވެސް ޕާޝިއަން ގަލްފް ގައުމުތަކުގެ އަސްކަރީ މަރުކަޒުތަކާއި ޕާޝިއަން ގަލްފާއި ރަތް ކަނޑުގައި ހުރި ބޯޓުތަކާއި ކަނޑުގެ އުޅަނދުތަކަށް އީރާނުގެ ސިފައިން ހަމަލާ އަމާޒުކުރާނެ" އީރާނުގެ ސެމީ އޮފިޝަލް ނިއުސް އެޖެންސީ މެހްރް އާ ހަވާލާދީ ސަރުކާރުގެ ބަޔާނެއްގައިވެއެވެ. އިސްރާއީލުގެ އެ ހަމަލާތަކުގެ މަގުސަދަކީ އީރާނުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަމަށް ހުރަސްއެޅުން ކަމުގައި ވިޔަސް، އޭގެ އަސްލު މަގުސަދަކީ އީރާނުގެ ވެރިކަން ބަލިކަށިކޮށްލާ ހަމަނުޖެހުން ހިންގުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިއްޔެ ދޭންފެށި އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމައެކަނި ނިއުކްލިއާ ފެސިލިޓީތަކަށާއި މިސައިލް އުފައްދާ ތަންތަނަށް ނޫން ކަމަށާއި އީރާނުގެ އެތެރޭގެ ހަމަޖެހުމުގެ މުހިންމު ބައެއް ކަމަށްވާ އިސް އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންސްވެރިންނަށް ވެސް އަމާޒުކޮށްފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސަރަހައްދީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ހަމަލާތަކަކީ އީރާނުގެ ވެރިކަމަށް ލޮޅުންއެރުވުމަށް ގަސްދުގައި ދޭ ހަމަލާތަކެކެވެ. "މި އަމަލުތަކުގެ ސަބަބުން ވެރިކަން ބަދަލުވެދާނެ ކަމަށް އިސްރާއީލުން އުންމީދުކުރާކަމަށް ވަރުގަދަ ހީއެއް އެބައޮތް،" ވޮޝިންޓަން އިންސްޓިޓިއުޓް ފޯ ނީއާ އީސްޓް ޕޮލިސީގެ އަދި އެމެރިކާގެ ކުރީގެ އޮފިޝަލް މައިކަލް ސިންގް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ