ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގާފައިވާ ކަަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ގެޒެޓުގައި އިއުލާނުކޮށްފި އެވެ.
މިނިސްޓްރީން މި ގޮތަށް ނިންމާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި، ވަރަށް އަވަހަށް ރާއްޖޭގެ ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) މީގެ ހަފްތާއެއް ކުރިން، ވިދާޅުވެފައިވަނިކޮށެވެ.
އެ ގޮތުން، މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ބީއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހަށް ހަމަވިއިރު، އެ އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމަށެވެ. އަދި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވާތީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާ އެކު، ބީއޭއެމްގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރެވެންދެން ބީއޭއެމް އަށް ދެވިފައިވާ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ ކިބައިން ނެގުނީ ކަމަށެވެ.
މީގެ އިތުރުން، އިއުލާނުގައިވާ ގޮތުން، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް މިއަދުން ފެށިގެން ބީއޭއެމްގެ ނަމުގައި އެއްވެސް މުޢާމަލާތެއް ކުރުން މަނާވާނެ ކަމާއި އެފަދަ އެއްވެސް މުޢާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރި ނަމަވެސް އެއީ ޞައްޙަ މުޢާމަލާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
"އެހެންނަމަވެސް، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ،" އިއުލާނުގައިވެ އެވެ.
ބީއޭއެމްގެ ގައުމީ ހައިއްސިޔަތު އެ އެސޯސިއޭޝަންގެ ކިބައިން ނަގަން ނިންމި ސަބަބުތަކެއްގެ ގޮތުގައި އިއުލާނުގައި ދެން ފާހަގަކޮށްފައިވަނީ، ބީއޭއެމްގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި، ބީއޭއެމްގެ އަމަލުތައް ހުރި ގޮތުން، އެ އެސޯސިއޭޝަންގެ މެންބަރުންނާއި، އޮފިޝަލުން އަދި ހާއްސަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުންދާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބީއޭއެމްގައި ހުރި މައްސަލަތައް ހައްލުކޮށް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރި ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
މީގެ އިތުރުން، އިއުލާނުގައިވާ ގޮތުން، ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން 3 މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ކޮމިޓީގެ މަސައްކަތް ކޮމިޓީ އެކުލަވާލާ ތާރީހުން ފެށިގެން 45 ދުވަސް ތެރޭގައި މަސައްކަތްތައް ނިންމައި، އަލަށް އިންތިހާބު ކުރެވޭ ބީއޭއެމްގެ ހިންގާ ކޮމިޓީ އާއި އެ އެސޯސިއޭޝަން ހަވާލު ކުރެވޭނެ ކަންވެސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ