މި ސަރުކާރުގެ ވަޒީރުން އުޅެނީ ޕާޓީ ކުރާކަށް ނޫން: ފަލާހު

މި ސަރުކާރުގެ ވަޒީރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބައެއް ކަމަށާއި އެ ބޭފުޅުންނަކީ އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންހެން "ކާލައިގެން، ހުކުރު ވިލޭރޭ ޕާޓީކުރަން އުޅޭ ބައެއް ނޫން" ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް މަޖިލީހުގެ ރިޔާސަތުން ހުރަސް އަޅާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހުން މިހާތަނަށް ކުރި މަސައްކަތްތައް ނިމިދިޔަ 19 ވަނަ މަޖިލީހުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު ކަމަށެވެ.
ބުނީ ކީކޭ؟ - ތަނަކުން ތަނަކު ނުޖެހޭ ނުބައި ގަރާރުތައް މަޖިލީހުގެ ތަޅުމަށް ހުށަނޭޅުމަށް ފަލާހު ވަނީ އެމްޑީޕީ މެންބަރުންނަށް ގޮވާލައްވައިފަ އެވެ.
ވަޒީރުންނާ ސުވާލު ކުރުމަށް ހުށަހެޅުމުން އެ ކަމަށް ގިނަ ވަގުތު ނަގާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ ކުރުމަށް ފަލާހު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ވެސް ވަޒީރުން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
"މި ސަރުކާރުގެ ވަޒީރުންނަކީ ވަރަށް ބުރަކޮށް އުޅޭ  ވަޒީރުންތަކެއް. ވަރަށް މަސައްކަތްތަކެއް، ވަރަށް ގިނަ ވަގުތު ކުރައްވާ ވަޒީރުންތަކެއް. ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވައިގެން އިގުތިސޯދީ ގޮތުން ހަލާކުވެފައި އޮތް ގައުމެއް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ވަޒީރުންތަކެއް،" އޭނާ ވިދާޅުވި އެވެެ.
"އެމްޑީޕީގައިހެން މިހެން ކާލައިގެން، ހުކުރު ވިލޭރޭ ޕާޓީކޮށްގެން އެހެން އުޅުނު ވަޒީރުންނެއް ނޫން މިހާރު މި އުޅެނީއެއް."
މަޖިލީހުގެ މެންބަރުން ވަޒީރުންނާ ސުވާލު ކުރުމަށް ހުށަހެޅުމުން އެ ކަމަށް ގިނަ ދުވަސް ނަގާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ، ވަޒީރުންނާ ސުވާލު ކުރަން މީގެ ކުރިން ވެސް 14 ދުވަސް ހަމަވާ ދުވަހު ވަޒީރު މަޖިލީހަށް ހާޒިރު ނުކުރާ ކަމަށެވެ.
"އެކި ވަޒީރުން އެކި ދުވަހު، އެކި ތަނުގައި މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ވަޒީރުން މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް އިދިކޮޅުން ބުނާއިރު، ވަޒީރުންނަށް 14 ދުވަސް ފިޔަވާ އިތުރު ވަގުތު ދޭން ޖެހޭ ކަމަށާއި އެގޮތަށް އަމަލު ކުރަމުން އަންނަނީ ވަޒީރުންނަށް ސުވާލު ކުރައްވަން ހުށަހަޅުއްވާ މެންބަރުންނާއި ވަޒީރާ ދެ ބޭފުޅުންނާ މަޖިލީހުގެ އިދާރީ ބޭފުޅުން ވާހަކަ ދައްކައި އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ.
"ގާނޫނުއަސާސީގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވެސް މަނާ ކަމެއް ނޫން 14 ވަނަ ދުވަހު ވަޒީރު މިތަނަށް ހާޒިރުވެ، ޖަވާބު ދޭން ޖެހޭނެއޭ. ވަޒީރު އާލާސްކަންފުޅާ ވެސް އުޅުއްވަފާނެ، ރާއްޖެއިން ބޭރުގައި ވެސް އުޅުއްވަފާނެ. ނޫނީ އެހެން ސަބަބަކާ ހުރެ ވެސް ވަޒީރަށް މިތަނަށް ހާޒިރު ނުވެވިދާނެ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ އެމްޑީޕީގެ މެންބަރުންނަށް އަހުލާގު ދަސްކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ގުޅުން ހުރި - މި ސަރުކާރުގެ ވަޒީރުން ޕާޓީ ނުކުރައްވާ ކަމަށް ފަލާހު ވިދާޅުވީ، މި މަހުގެ 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅުމަތީ ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ކުރިން އޭނާ އާއި އިތުރު ބަޔަކު މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގޭގައި ހަރަކާތްތެރިވި ކަމަށާއި އެ މީހުން އެ ގޭގައި ޕާޓީ ކުރިކަން ހާމަވެފައި ވަނިކޮށެވެ.
ނަަމަވެސް، އެ ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ