ރައީސް އާރަށަށް ވަޑައިގަތުމުގެ ޚަރަދު އަށް ލައްކައިގައި، ފަރިއްކުޅުއްވުމުގެ ޚަރަދަށް ހަތް ލައްކަ
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން، ރައީސުންނަށް ޚާއްސަކޮށްފައި އޮންނަ ކ. އާރަށަށް ވަޑައިގަތުމަށް އަށް ލައްކަ ޚަރަދުކޮށްފައިވާ ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ. އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން މިއަދު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު، އެ ބައްދަލުވުން ވަނީ 10 ގަޑިއިރަށް ވުރެ ދިގުލައިގެން ގޮސްފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކުގެ އިތުރުން ރައީސާއި އެ މަނިކުފާނުގެ އާއިލާއާ ގުޅޭ ގޮތުން އާންމުވެފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރަމުންނެވެ. ރައީސް މުއިއްޒާއި އާއިލާ، އާރަށަށް އެހެން ރައީސުންނަށް ވުރެ ގިނައިން ވަޑައިގެން ފަރިއްކުޅުއްވުމަށް ވެސް ވަރަށް ބޮޑެތި ޚަރަދުތައް ކުރައްވާ ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވެއެވެ. އެ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް މިރޭ ވިދާޅުވީ، ފުޓްބޯޅަ ކުޅުމަކީ އެ މަނިކުފާނު ވަރަށް ކުރާހިތްވާ ކަމެއް ކަމަށާއި އެހެންވެ، އާރަށަކީ ފުޓްސަލް ދަނޑެއް އޮންނަ ރަށެއް ކަމަށްވުމުން އެ ރަށަށް އެންމެ ގިނައިން ވަޑައިގަންނަވަނީ ފުޓްބޯޅަ ކުޅުއްވަން ކަމަށެވެ. "މާލޭގައި ހުރި ފުޓްސަލް ދަނޑުތަކަށް ދާން ވެއްޖެއްޔާ ހަމަ ޓްރެފިކް އިޝޫ، ދެން ވަރަށް ތާށި ބޮޑުވާނެ، ވަރަށް މަދު ފުޓްސަލް ދަނޑުތައް މި ހުންނަނީ، އެހެންވީމަ ޑެޑިކޭޓެޑް އޮންނަ ރަށެއް، ގާނޫނަކުން ކަނޑައަޅާފައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ބޭނުންކުރަން އޮންނަ ރަށެއް، އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއް ވީމަ އެތަނަށް ގޮސްގެން އެހެން މީހަކަށް އުނދަގުލެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑު ހަފުތާއަކު ތިން ދުވަހު އަޅުގަނޑަށް ވަގުތެއް ވަންޏާ މިއަދާ ހަމައަށް މިއައީ ކުޅެން ދެވޭތޯ ބަލަމުން." ރައީސް ފުޓްބޯޅަ ކުޅުއްވަނީ: އެ މަނިކުފާނު ވިދާޅުވީ އާރަށަށް އެންމެ ގިނައިން ވަޑައިގަންނަވަނީ ފުޓްބޯޅަ ކުއްވަން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އެ މަނިކުފާނު މައުލޫމާތު ސާފުކޮށްދެއްވުމަށް އެމްއެންޑީއެފްގެ ފަރާތުން ތަފާސްހިސާބުތައް ހޯއްދެވި ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް އެ މަނިކުފާނު އާރަށަށް ވަޑައިގެންފައި ވަނީ 116 ފަހަރު ކަމަށާއި އޭގެ ތެރެއިން 85 ފަހަރު ވަޑައިގަތީ ފުޓްބޯޅަ ކުޅުއްވަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ހަމައެކަނި ފުޓްބޯޅަ ކުޅެން ވަޑައިގަންނަވާއިރު އެކަމަށް ވާނީ ގާތްގަނޑަކަށް ތިން ގަޑިއިރު ކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ. "އޭގެ ތެރެއިން ކުޅުން ފިޔަވައި ހަމަ ފެމިލީއާ އެކީގައި އަޅުގަނޑު ގޮސްފައި ވަނީ 31 ފަހަރު، ދެން މި 85 ފަހަރުގެ ތެރެއިން ބައެއް ހުކުރު ދުވަސްތަކުގައި ފެމިލީ ގޮސްފައި ހުންނާނެ. އެހެންވީމަ ފެމިލީ އެކަނި ކުޅުމަކާ ނުލައި ގޮސްފައި ހުރެވިފައި ހުރީ، ވޭތުވެދިޔަ 532 ދުވަސް ތެރެއިން 31 ފަހަރު އެެހެންވީމަ އެ ދެކެވޭ ވާހަކަ އެހާ ރަނގަޅެއް ނޫން،" ރައީސް ވިދާޅުވިއެވެ. އެއަށްފަހު އެ މަނިކުފާނު ހިއްސާކުރެއްވީ އެ ދަތުރުތަކުގައި ތެލުގެ ޚަރަދަށް އެރި މިންވަރެވެ. "އަޅުގަނޑުގެ ލޯންޗު ދަންޏާ ދާނެ އިތުރު ދެ ސެކިއުރިޓީ ލޯންޗު އެ ދެ ސެކިއުރިޓީ ލޯންޗުގެ ތެލާ އެއްކޮށް ތިން ލޯންޗުގެ ތެޔޮ، މިއަދާ ހަމައަށް ޚަރަދުވެފައި ވަނީ 844،635.60 ރުފިޔާ އެހެންވީމަ އެއީ 116 ދަތުރަށް ބަލާއިރުގައި ކުރެވިފައިވާވަރު،" ރައީސް ވިދާޅުވިއެވެ. އާންމުކޮށް ދިވެހީން ކައި ނޫޅޭ ބާވަތްތަކުގެ، އަގު ބޮޑު ތަކެތި ރައީސް ފަރިއްކުޅުއްވި ކަމަށް ދޭހަވާ ގޮތަށް ބިލެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެކަމަށް ވެސް އެ މަނިކުފާނު ރައްދު ދެއްވިއެވެ. ރައީސް ވިދާޅުވީ އެ ބިލު ފެނުމުން އެ މަނިކުފާނަށް ވެސް ހައިރާންވި ކަމަށާއި އެ މަނިކުފާނު އެ ދުވަހު ފަރިއްކުޅުއްވާފައި ނުވާ އެއްޗެހި ބިލުން ދެކެވަޑައިގަތް ކަމަށެވެ. އެހެންވެ، ރައީސާއި އާއިލާގެ ފަރިއްކުޅުއްވުމުގެ ޚަރަދު ވެސް އެ މަނިކުފާނު ހިއްސާކުރެއްވިއެވެ. "ދެހާސް ސައުވީސް ވަނަ އަހަރު އެއްކޮށް، މުޅި އަހަރު އެއްކޮށް މުލިއާގޭ ކެއުމަށް ޚަރަދުވެފައި ވަނީ 565،703.93 ރުފިޔާ ދެން އާރަށަށް ދިޔަޔަސް ހަމަ މުލިއާގޭ ބަދިގެއިން ދަނީ ހަމަ އާ ރަށަށް ދިޔަޔަސް ހަމަ މި ބަޖެޓު ތެރެއިން އެ ކާ ތަކެތި ގެންގޮސް ކަނީ އެހެންވީމަ އާ ރަށަކަށް ވަކި ބަޖެޓެއް ނޯވޭ ކެއުމަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ. "ދެން މި އަހަރުގެ އޭޕްރިލް މަހުގެ 30 އާ ހަމައަށް މުލިއާގޭގެ ކެއުމަށް ޚަރަދުވެފައި ވަނީ 175،564.17 ރުފިޔާ." އެއީ ޖުމްލަ 741،268.1 ރުފިޔާއެވެ. ރައީސް ވަނީ، އެ މަނިކުފާނާއި އާއިލާއާ ގުޅޭ ގޮތުން ވަރަށް ގިނަ ފަތުރަމުންދާ ކަމަށާއި އެފަދަ ދޮގުތައް ފަތުރަމުންދަނީ ކޮން ވިސްނުމެއްގައިކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ