ޕީޖީއަށް ނުލިބިވާ ފައިސާގެ ތެރެއިން 6ލައްކަ ރުފިޔާއަކީ އޮފީސް ޚަރަދުގައި ކިޔެވުމަށްފަހު ވަަޒީފާއިން ވަކިވުމުން ދައްކަންޖެހޭ ފައިސާ

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ލިބެންޖެހި، ނުލިބިވާ ފައިސާގެ ގޮތުގައި 2023ވަނަ އަހަރު ނިމުނުއިރު ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށާއި، އޭގެތެރެއިން ބޮޑުބަޔަކީ އެ އޮފީހުގެ ޚަރަދުގައި ކިޔެވުމަށްފަހު ވަޒީފާއިން ވަކިވުމުން އެ އޮފީހަށް އަނބުރާ ދައްކަންޖެހޭ ފައިސާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. ޕީޖީ އޮފީހުގެ 2022އަދި 2023ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ވަނީ މިއަދު އާންމުކޮށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި 2023ވަނަ އަހަރު ނިމުނުއިރު، ޕީޖީ އޮފީހަށް ލިބެންޖެހި ނުލިބި 671،908 ރުފިޔާ އެބައޮތެވެ. އޭގެ ތެރެއިން ބޮޑުބަޔަކީ އެ އޮފީހުގެ ޚަރަދުގައި މުވައްޒަފަކު ކިޔެވުމަށްފަހު، ފުރިހަމަކުރަންޖެހޭ ފަސް އަހަރު ދުވަހުގެ ބޮންޑު ފުރިހަމަނުކޮށް ވަޒީފާއިން ވަކިވުމުން އެ މުވައްޒަފުގެ ކޯހަށް އެ އޮފީހުން ޚަރަދުކުރި ފައިސާގެ ބާކީއެވެ. އެއީ އެ ކޯހަށް ޕީޖީ އޮފީހުން ޚަރަދުކުރި 619،668 ރުފިޔާ އެކި މަސްތަކަށް ބަހާލައިގެން އަނބުރާ ދެއްކުމަށް އެ މުވައްޒަފާއެކު އެ އޮފީހުން ނޮވެމްބަރު 16، 2017ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދައްކާވާ ފައިސާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ. އެއްބަސްވުމުގައި ވާގޮތުން ނަމަ އެ ފައިސާ ނޮވެމްބަރު 10، 2022ގެ ކުރިން ދައްކާ ޚަލާސްކުރަންޖެހެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ މުވައްޒަފު ވަޒީފާއިން ވަކިވެފައި ވާއިރު، އޭގެ ފަހުން އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެއެވެ. އެ ފައިސާގެ ތެރެއިން ޕީޖީ އޮފީހަށް މިހާރު ނުލިބި އޮތީ 609،668 ރުފިޔާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ. އެކަމުގައި އޮޑިޓް އޮފީހުން ލަފާދީފައި ވަނީ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، އެ ފައިސާ ލިބުން އަވަސްކުރެވޭނެ ގޮތެއް ހޯދުމަށެވެ. މީގެ އިތުރުން ޕީޖީއަށް ނުލިބިވާ ފައިސާގެ ތެރޭގައި ހިމެނެނީ: ސެކިއުރިޓީ ބޮންޑް/ ސްޓައިޕެންޑް: 41،566 ރުފިޔާ މުސާރައާއި އެލަވަންސްގެ ގޮތުގައި އިތުރަށް ދެވިފައިވާ ފައިސާ: 3،324 ރުފިޔާ ދަތުރު ފައިސާގެ ގޮތުގައި ދީފައިވާ ފައިސާއިން އަނބުރާ ލިބެންޖެހޭ ފައިސާ: 17،350 ރުފިޔާ އެކި ގޮތް ގޮތުން ދައުލަތަށް ލިބެން ޖެހި، ނުލިބިވާ ފައިސާގެ އަދަދުތައް އިތުރެވެ. އެ ފައިސާ ކޮންމެހެން ވެސް ހޯދުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ