ރައުދު ބަންދުން ދޫކޮށްލައިފި

ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް، އެ މައްސަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާގޮތާ މެދު އާންމުންގެ ފާޑުކިއުންތައް ބޮޑުވެފައިވަނިކޮށް ރައުދު ހައްޔަރުކުރީ މިދިޔަ އެޕްރީލް 25ގަ އެވެ.
އޭގެ ފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދު މުރާޖައާކޮށް، އެ އަމުރު ކްރިމިނަލް ކޯޓުން ދަމަހައްޓާފައި ވެއެވެ. ރައުދު ބަންދުން ދޫކޮށްލާފައި މިވަނީ، ބަންދުކުރި އަމުރު ބާތިލުކޮށްދިނުމަށް ހައި ކޯޓަށް އޭނާގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ. 
ތަފްސީލް - ރައުދު ބަންދުން ދޫކޮށްލާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާގެ ބަންދު އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމުން ބަންދުން ދޫކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ.
ރައުދު ބަންދުން ދޫކޮށްލާފައިވާތީ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. 
ފާހަގަކޮށްލެވޭ ކަމެއް - ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.
ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ