ޤަޠަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް އަގުބޮޑު ޖެޓެއް ހަދިޔާ ކުރަނީ
ޤަޠަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮއިން މަރުކާގެ ލަގްޒަރީ ޖެޓެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އެމެރިކާގެ ރައީސުން ހަދިޔާ ގަބޫލުކުރުމުގައި ހަރުކަށި ގަވާއިދެއް އޮތް ނަމަވެސް، ޓްރަމްޕް ބޭނުންފުޅުވަނީ މި ޖެޓް އެއާފޯސް ވަންގައި ރަސްމީ ދަތުރުތަކުގައި ވެސް ބޭނުންކޮށް އަދި ވެރިކަން ނިމުމުން އަމިއްލަ ގޮތުން ވެސް ބޭނުންކުރާށެވެ. އޭބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޖެޓަކީ ބޮއިންގް 747-8 ޖަމްބޯ ޖެޓެކެވެ. އެއީ، މިހާތަނަށް އެމެރިކާގެ ރައީސަކަށް ލިބިވަޑައިގެންނެވި އެންމެ އަގު ބޮޑު ހަދިޔާ ކަމަށް ބެލެވޭ ކަމަށް ވެސް އޭބީސީން ބުނެފައިވެއެވެ. މި ވާހަކަ ރިޕޯޓްކުރުމާ އެކު ގަތަރުން ވަނީ އެއީ ހަދިޔާއަކަށް ދޭ އެއްޗެއް ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ބުނެފައެވެ. އަދި، އެއާފޯސް ވަންގައި ވަގުތީ ގޮތުން ބޭނުން ކުރުމަށް ދޭ މަތިންދާބޯޓެއް ދިނުމާ ގުޅޭ ގޮތުން ޤަޠަރުގެ ދިފާއީ ވަޒީރާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާ ދެމެދު މަޝްވަރާ ކުރިއަށްދާ ކަމަށާއި އެކަމަށް އަދި ގޮތެއް ނުނިމޭ ކަމަށް އެމެރިކާއަށް ގަތަރުން ކަނޑައަޅާފައި ހުންނަވާ މީޑިއާ އެޓާޗޭ އަލީ އަލް އަންސާރީއާ ހަވާލާދީ ގަތަރުން މީޑީގައި ބުނެފައިވެއެވެ. އެމެރިކާގެ ގާނޫނުއަސާސީގައި ބުނާގޮތުން ބޭރުގެ ދައުލަތްތަކުންނާއި، ރަސްކަލުންނާއި، އަމީރުން ދޭ ހަދިޔާ ގަބޫލުކުރުމަކީ ސަރުކާރު މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމާ ބެހޭ ގޮތުން އޮންނަ މާއްދާއެއްގެ ދަށުން އެމެރިކާގެ އޮފިޝަލުންނަށް މަނާކަމެކެވެ. ނަމަވެސް، އެ މާއްދާތަކުން ރެކިވަޑައިގަތުމަށް ޓްރަމްޕްގެ ވެރިކަން ނިމުމުން ޖެޓް ހަވާލުކުރާނީ ޕްރެޒިޑެންޝަލް ލައިބްރަރީއަށް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެއީ، އެމެރިކާގެ ރައީސުންނަށް ލިބިވަޑައިގަންނަވާ ހަދިޔާ އެ ބޭފުޅުންނާ ގުޅުން ހުރި އެހެނިހެން ތަކެތި ޒަމާންތަކަށް ދެމިގެންދާ ގޮތަށް ބަލަހައްޓާ އިދާރާއެވެ. ޖެޓް ހަދިޔާ ކުރަން ނިންމާފައިވާކަން އިއުލާނުކުރީ ޤަޠަރު ހިމެނޭ ގޮތަށް ޓްރަމްޕް މި ހަފުތާގައި މެދުއިރުމަތީގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަށް ނިއުޔޯކު ޓައިމްސް އަދި އޭބީސީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މިހާރު އެއާ ފޯސް ވަންގައި ބޭނުންކުރާ ބޮއިން 747-200ބީ މަރުކާގެ ޖެޓްތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންވާކަން ޓްރަމްޕު ކުރިން ވެސް ވަނީ ހާމަކުރައްވާފައެވެ. ބޮއިންއިން ވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން 747-8 މަރުކާގެ ދެ މަތިންދާބޯޓު 3.9 ބިލިއަން ޑޮލަރުގެ އަގެއްގައި ސަޕްލައިކޮށްދޭން 2018 ވަނަ އަހަރު އެއްބަސްވެފައެވެ. ނަމަވެސް، އެ ބޯޓުތައް ލިބުން ލަސްވާތީ ޓްރަމްޕް ވަނީ ބޮއިން ނޫން އެހެން ގޮތެއް ހޯދަން ވިސްނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ