އަހުނާއާ މެދު ފޮނި އުއްމީދުތަކެއް ނުކުރަންވީ ސަބަބެއް ނެތް

ހދ. ކުޅުދުއްފުށީ ދުވާ ޓްރެކްގައި ތަމްރީން ހަދާ ތަން ފެނިއްޖެ ނަމަ، އޭގެ ހަގީގަތް ނޭނގޭ މީހަކު ވިއްޔާ އަހާނީ، ފިރިހެން ކުދިންނާ އެކު އެ ދުވަނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކީ މި އެވެ: އަހުނާ ނިޒާރުއަށް ތަމްރީން ހޯދެން އޮތީ އެގޮތަށެވެ. އޭނާއާ ވާދަކުރެވޭނެ ނުވަތަ އޭނާ އެ ހުރި ފެންވަރުގައި އެކުގައި ދުވެވޭނެ އަންހެން ދުވުންތެރިޔަކު އެ ރަށުގައި ވެސް ނެތީ އެވެ.
އުމުރުން 16 އަހަރުގެ އަހުނާގެ ދުވުމުގެ ފުރަތަމަ ފިޔަވަޅުން ފެށިގެން ގައުމީ ރެކޯޑާ ވާދަކުރެވޭ ފެންވަރަށް އެ އައީ އުފަން ރަށް އަދި ދިރިއުޅެމުން ވެސް އަންނަ ކުޅުދުއްފުށީގައި ހުރެގެން ހަދާ ތަމްރީންތަކުންނެވެ. އޭނާގެ ކޯޗަކަށް އެ ހުރީ ގްރޭޑް ދޭކުން ފެށިގެން އޭނާއަށް ތަމްރީން ދެމުން އަންނަ އަދި ކުޅުދުއްފުށީގައި ހުންނަ އެތުލެޓިކްސް އެސޯސިއޭޝަންގެ ރަސްމީ ކޯޗު އަލީ ޝަރީފް އެވެ.
އަހުނާ ފެންވަރުގެ އަންހެން ދުވުންތެރިޔަކު މާލެއިން އުތުރުން އަދި ނުއުފެދެ އެވެ. ސްކޫލްތަކުގެ މުބާރާތްތަކުގައި އޭނާ ވާދަކުރި ކޮންމެ ފަހަރަކު ވެސް، ކޮންމެ އިވެންޓެއްގައި ވެސް ހޯދަނީ ރަން މެޑެއްޔެވެ. މިހާރު އެއީ 100 މީޓަރާއި 200 މީޓަރުގައި ރާއްޖޭގެ އެންމެ މޮޅު އަންހެން އެއް އެތުލީޓެވެ.
މިދިއަ މަހު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އެ ދެ އިވެންޓުން ރަން މެޑެލް ހޯދި އެވެ. މިދިއަ އަހަރު އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެތުލެޓިކްސްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑް ކާމިޔާބުކުރި އެވެ. އެހާ ކުޑައިރު އެ މަގާމާ ހަމައަށް ވާސިލްވުމުން އެ ކިޔައިދެނީ ވަރަށް އުފާވެރި ވާހަކައެކެވެ.
"އަހުނާއާ މެދު ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް،" އަންހެން ދުވުންތެރިޔާ ތަމްރީންކުރުމުގައި 10 އަހަރު ހޭދަކުރި ކޯޗު ޝަރީފް ބުންޏެވެ.
އަހުނާއަކީ ހަ ކުދިން ހިމެނޭ އާއިލާއެއްގެ އެންމެ ހަގު މެމްބަރެވެ. ދެ ބޭބެ އާއި ތިން ދައްތައިގެ ތެރެއިން ނަޝާ ނިޒާރަކީ ގައުމީ ފެންވަރުގެ އެތުލީޓެކެވެ.
"ދައްތަ ރަށުގައި ދުވި އިރު ވެސް މުބާރާތްތައް ބަލަން ދަން. ދައްތަ އެގޮތަށް ދުވާތަން ފެނުނީމާ ދުވާ ހިތްވި،" އަހުނާ ބުންޏެވެ.
ނަމަވެސް ނަޝާ މިވަގުތު ހުރީ ދުވުމާ ދުރުގަ އެވެ. އޭގެ ބަދަލުގައި ކޮއްކޮގެ ކުރިއެރުމާއި ހުނަރު މިހާރު އެ ފެންނަނީ މާ މަތިކޮށެވެ. 
ޝަރީފް ބުނި ގޮތުގައި އަހުނާއަކީ ވަރަށް ތަފާތު ދުވުންތެރިއެކެވެ. އަހުލާގު ރަނގަޅެވެ. ތަމްރީންތަކުގައި ހިތްވަރުކުރެ އެވެ. ކޯޗުން ބުނާ ގޮތް ހަދަ އެވެ. މި ސިފަތަކުގައި ދެމިހުރުމުން ޝަރީފަށް ޝައްކުނުކުރެވޭ ވަރުގެ އުއްމީދުތަކެއް އަހުނާއާ މެދު ކުރެވެ އެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި އަންހެނުންގެ 100 އާއި 200 މީޓަރުގެ ގައުމީ ރެކޯޑް ހެދޭނެކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.
އަހުނާގެ 100 މީޓަރުގެ އަމިއްލަ ރެކޯޑަށް ބަލާ ނަމަ އޭނާގެ ތަފާތު ވަޒަންކޮށްލެވެ އެވެ. ވެލި ޓްރެކެއްގައި ތަމްރީން ހަދައިގެން 12.25 ސިކުންތުން 100 މީޓަރު ދުވި އަންހެން ދުވުންތެރިޔަކު ރާއްޖެއިން އަދި ނުފެނެ އެވެ.
"ވެލި ޓްރެކްގައި ދުވެގެން ނޯންނާނެ 12 ސިކުންތުން ދުވެފައެއް. ހަމްނާއަކީ ކުޅުދުއްފުށީ ވެލިގަނޑުގައި ދުވަމުން އަންނަ ކުއްޖެއް،" ޝަރީފް ބުންޏެވެ.
ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 11ގައި ކިޔަވަމުން އަންނަ ދުވުންތެރިޔާއަށް ތައުލީމު ވެސް މުހިންމެވެ. އެހެންކަމުން އޭނާ ބޭނުންވާ ވަރަށް ތަމްރީންތަަކަށް ވަގުތު ހުސްކުރެވޭކަށް އަދި ނެތެވެ. 
"މި ވަގުތު ސްކޫލަށް ޓައިމް ދޭން ޖެހޭ. ތަންކޮޅެއް އުނދަގޫވާނެ [ބޭނުންވާ މިންވަރަށް] ދުވުމަށް ވަގުތު ހުސްކުރަން،" އަހުނާ ބުންޏެވެ.
"ސްކޫލް ނިންމާފައި [ތަމްރީންތަކަށް] އެވަގުތު ދީގެން ރަނގަޅު ޓައިމިންއެއް [ދުވުންތަކުގައި] ނެރެވޭނެ."
މިހާރު ވެސް ދުވުމަކީ އޭނާގެ ކުރިމަގުގެ ވެސް އެންމެ ބޮޑު ލޯބިކަން ޔަގީނެވެ. އެކަން އެނގެނީ ދުވުން ނޫން އެހެން ކުޅިވަރެއްގައި ބައިވެރިނުވާތީ އެވެ. ޝަރީފް ދެކޭ ގޮތުގައި އެއީ އަހުނާ ނިންމި ވަރަށް މުހިންމު ނިންމުމެކެވެ.
"ސްކޫލްގެ ގްރޭޑް އަށަކުން ފެށިގެން ހާއްސަ ވެއްޖެ އެތުލެޓިކްސްއަށް. އެއީ ވެސް އިސްނެގުމެއް. އެހެން ކުޅިވަރުތައް ހުންނައިރު އެއީ ވަރަށް ބޮޑު ނިންމުމެއް،" ޝަރީފް ބުންޏެވެ.
"އެހެން ނޫނީ މިއަދު އެ މަގާމުގައި ނުއެއް ހުރެވޭނެ ހުރިހާ ކުޅިވަރަށް ދަންޏާ."
ޝަރީފް ގަބޫލުކުރާ ގޮތުގައި މިހާތަނަށް ވެސް އަހުނާ ދެއްކި ހިތްވަރާއި ކުރިއަރަން ކުރާ މަސައްކަތަށް ބަލާ ނަމަ ދެން ވެސް އޮތީ ތަފާތު ފެންނާނެ ދުވަސްތަކެކެވެ.
މި ފަހުން ރާއްޖެއިން ވަރަށް އުއްމީދީ ދުވުންތެރިންތަކެއް އުފެދުނެވެ. އެ ދުވުންތެރިންނަށް ބޭރު ގައުމުތަކުގައި ތަމްރީން ހެދުމުގެ ފުރުސަތު ވެސް ލިބުނެވެ. ބައެއް ދުވުންތެރިން ބުނެފައި ވަނީ އޮލިމްޕިކްސްއަށް ކޮލިފައިވާން ބޭނުންވާ ވަގުތަށް ދުވެވޭ ވަރަށް ކުރިއެރުން ހޯދޭނެ ކަމަށެވެ.
ނަމަވެސް ބޮޑު ހަރަދެއްކޮށްގެން ބޭރަށް ފޮނުވައިގެން މިވީ ތިން އަހަރުގެ ތެރޭގައި އޭރު އުއްމީދުކުރިވަރުގެ ނަތިޖާއެއް ނުނެރެވުނެވެ. އެހެންކަމުން އަހުނާ މިހާރު އެ ހުރި އުމުރުގައި ފެނުނު އުއްމީދީ ދުވުންތެރިންގެ އަމާޒަށް ދަތުރުނުކުރެވި ފެއިލްވާކަން އެނގެ އެވެ.
އެ ސުވާލުކުރުމުން ޝަރީފަށް އޮތް ޔަގީންކަމަކީ އަހުނާގެ ކުޅިވަރުގެ އަހުލާގެވެ.
"ޑިސިޕްލިން ވަރަށް ރަނގަޅު އެތުލީޓެއް. އެހެން އެތުލީޓުންނަށް ނަމޫނާއެކޭ ބުނެވޭނެ އެތުލީޓެއް،" އަހުނާގެ ހުރި ތަފާތު ސިފަތަކާ ބެހޭ ގޮތުން ޝަރީފް ބުންޏެވެ.
އަހުނާއާ އެ ސުވާލުކުރުމުން ފުރަތަމަ ބުނީ ބައެއް ރިލޭތަކުން ބައިނަލްއަގުވާމީ މެޑެލް މިހާރު ވެސް ލިބިފައި ހުރި ކަމަށެވެ. އެހެންކަމުން އޭނާގެ އަމާޒަކީ އިންޑިވިޖުއަލް ބައިން ބައިނަލްއަގުވާމީ މެޑެލް ހޯދުން ކަމަށް ބުންޏެވެ. އޭގެ މާނައަކީ ބުރަ މަސައްކަތެއްނުކޮށް އެކަން ހާސިލްނުވާނެ ކަމެވެ. އެހެން ދުވުންތެރިންނަށް ވާ ގޮތް ބަލަން އޭނާ ނުހުންނާނެ ކަމެވެ. އެކަން އޭނާ ގަބޫލުކުރެ އެވެ. އެކަމަށް ދެ އިރުގެ ތަމްރީންތައް ބޭނުންވާކަން ވެސް އެނގެ އެވެ. އޭނާ ތައްޔާރުވެގެން އެ ހުރީ އޭ ލެވެލްއަށް ފަހު އެ ގުރުބާނީއަށް ނުކުންނާށެވެ.
"ސްކޫލް ނިންމާފައި ޓްރޭނިން ފެށިއްޖެއްޔާ ވަރަށް ކައިރީގައި [އަވަސް މުސްތަގުބަލެއްގައި] ކުރެވިދާނެ ކަމެއް ހަމައެކަނި ދުވުމަށް ފޯކަސްކޮށްގެން ދެ ގަޑީގައި ޓްރޭނިން ހަދައިފިއްޔާ،" އަހުނާ ބުންޏެވެ.
މިހާތަނަށް ލިބުނު އެއްވެސް ކާމިޔާބީއަކީ އޭނާގެ ކުރިމަގަށް އޮތް ހުރަހެއް ނޫނެވެ. އެހާ ޅައިރު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ލިބުމަކީ އަމިއްލަ ނަފުސަށް އޮޅުމެއް ނާރާނެތޯ ކަމެއްތޯ ސުވާލުކޮށްލެވިދާނެ އެވެ. އޭގެ ޖަވާބަކީ، އަހުނާ ބުނި ގޮތުގައި، އެހެން ނުވާނެކަމެވެ. އޭގެ ބަދަލުގައި ދެން ވެސް މަސައްކަތްކުރާނީ އެ އެވޯޑް ހޯދަން ކަމަށާއި އެއީ އޭނާގެ ކުރިއެރުމުގައި އުފެދޭ އިތުރު ހިތްވަރެއް ކަމަށް ވެސް ބުންޏެވެ.
ޝަރީފް ބުނި ގޮތުގައި އަހުނާގެ މިޒާޖަށް ބަލާއިރު ބޮޑާވެގެން ނުވަތަ ތިމާއަށް ތިމާ ފެނިގެން އުޅޭނެ ކަމަކަށް ގަބޫލެއްނުކުރެވެ އެވެ. މިހާތަނަށް ވެސް މަސައްކަތްކުރަމުން އެ އަންނަނީ އެ ގޮތަށް ކަމަށް ބުންޏެވެ.
"ވަރަށް ޑެޑިކޭޓެޑް ކުއްޖެއް އެއީ. ސްކޫލްގައި ކިޔަވަމުން އެކަމަށް ވަގުތު ދެމުން، އަޅުގަނޑުގެ ގައިޑެންސް އަޑުއަހަމުން އެ ދަނީ. ވަރަށް ޑިސިޕްލިން އެތުލީޓެއް ވީމާ އެ ޔަގީންކަން އެބަ އޮތް،" މިހާރު ހޯދަމުން އަންނަ ކުރިއެރުންތައް އެހާ އަވަހަށް ހުއްޓިދާނެތޯ ސުވާލުކުރުމުން ޝަރީފް ބުންޏެވެ.
އޭނާގެ އުއްމީދަކީ އަހުނާ ލައްވާ 12 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ދުއްވުމެވެ. އެއީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ވެސް، ޝަރީފްއަށް ލަފާކުރެވެ އެވެ. މިހާރު ރާއްޖޭގެ ރެކޯޑަކީ 12.02 ސިކުންތެވެ.
އަހުނާގެ އުއްމީދުގެ ނަޒަރު ވެސް ހުއްޓިފައި ވަނީ އެ އަމާޒަށެވެ. އެފަދަ ކުރިއެރުންތަކެއް ދައްކައިފި ނަމަ އޭނާ ވާނީ ރާއްޖޭގައި މިހާތަނަށް ނުއުފެދޭ ފަދަ ބާރު އަންހެން ދުވުންތެރިޔަކަށެވެ.
އެ ދުވަހަކުން ކުޅުދުއްފުއްޓަށް އެކަންޏެއް ނޫނެވެ. މުޅި ރާއްޖެއަށް ވެސް ހިނިތުންވުން ގެނެސްދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ