ރޭ އިންޓަ މިލާން ކޮޅަށް ފަސް ލަނޑު ޖަހައިގެން ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީއަށް ހޯދައިދިނުމާ އެކު ކޯޗު ލުއިސް އެންރީކޭގެ އަންހެން ދަރިފުޅުގެ ހަނދާންތަކުން ސޯޝަލް މީޑިއާ ފުރިއްޖެ އެވެ.
ފުޓްބޯޅަ ދަނޑެއްގެ ސެންޓަ ސާކަލް މެދުގައި ބާސެލޯނާގެ ދިދައެއް ހަރުކުރަން ޒާނާ އުޅުނު އިރު އޭނާއަށް އެހީތެރިވީ އެންރީކޭ އެވެ. އެއީ ބާލިންގައި 2015ގައި އޮތް ފައިނަލް މެޗުގައި ޔުއެންޓަސްގެ މައްޗަށް ބާސެލޯނާ ހޯދި ކާމިޔާބީއަށް ފަހު ދަނޑު މަތިން ފެނުނު ލޯބިން ފުރުނު މަންޒަރެެކެވެ.
ރޭގެ ކާމިޔާބީއަށް ފަހު ދަނޑު މަތީގައި އަދި ލައިވް ޓީވީގެ ކުރިމަތީގައި 55 އަހަރުގެ ކޯޗު ވަނީ ދަރިފުޅާއި އޭނާ ޕީއެސްޖީގެ ދިދައެއް ޖަހަން އުޅޭ މަންޒަރު ހިމެނޭ ޓީޝާޓެއް ލައިފަ އެވެ.
އޭގެ ފަހުން ފެނުނީ ޕީއެސްޖީގެ ސަޕޯޓަރުން ބޮޑު ފޮތިގަނޑެއް ދަމާލިތަނެވެ. އެ ފޮތިގަނޑުގައި ވަނީ ޕީއެސްޖީގެ ޖާޒީގައި ޒާނާ އާއި އެންރީކޭ ދިދައެއް ހަރުކުރާ ކުރެހުމެކެވެ.
ޕީއެސްޖީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެ އުފާވެރި ރޭގެ މި މަންޒަރުތަކުން އެތައް އަސަރެއް އުފައްދައިދިނެވެ.
ޒާނާ 2019ގައި މަރުވީ ވަރަށް މަދުން ނޫނީ ނުޖެހޭ ކަށީގެ ކެންސަރުގަ އެވެ. އޭގެ ފަހުން އެންރީކޭ އުޅެމުން އަންނަނީ ދަރިފުޅުގެ ހަނދާންތަކާ އެކު އެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ސަޕޯޓަރުން އަހަރެންގެ އާއިލާއަށްޓަކައި އެ ބެނާ ދައްކާލުމަކީ ވަރަށް ޖަޒުބާތީ ކަމެއް. އަބަދުވެސް އަހަންނަށް ދަރިފުޅާ މެދު ވިސްނޭ،" މެޗަށް ފަހު އެންރީކޭ ބުންޏެވެ.
"ފުރަތަމަ ދުވަހު ވެސް އަހަރެން ބުނިން މުހިންމު ތަށިތައް ކާމިޔާބުކުރަން ބޭނުންވާ ވާހަކަ. ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނެތް. އެހެންކަމުން އެ ތަށި ހޯދުމަކީ އެތައް ބަޔަކަށް އުފަލެއް."
އެންރީކޭއަކީ ދެ ޓީމެއްގައި ހުރެ މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަވަނަ ކޯޗެވެ. މިޔުނިކްގައި ކުޅުނު ފައިނަލް މެޗުގައި 5-0ގެ ބޮޑު ތަފާތަކުން މޮޅުވުމަކީ ވެސް އޭގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ފެނުނު ނަތީޖާއެއް ނޫނެވެ.
އެންރީކޭގެ ކާމިޔާބީއާ އެކު ދަރިފުޅުގެ ހަނދާންތައް ދިރިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ