ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައިފި

މައުލޫމާތު ހޯދުމުގެ ހައްގު (އާރުޓީއައި) ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންނާއި އެމީހުންގެ މުސާރައާ ބެހޭ ތަފްސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު އަނބުރާ ގެންގޮސްފި އެވެ.
އަމިއްލަ ފަރާތަކުން މި މައުލޫމާތަށް އެދުނު ނަމަވެސް އެއީ ޒާތީ މައުލޫމާތެއް ކަމަށް ބުނެ ސަރުކާރުން ފުރަތަމަ އެމައުލޫމާތު ހާމަކުރުމަށް ދެކޮޅު ހެދި އެވެ.
އައިކޮމްއިން ވަނީ މައުލޫމާތު ހާމަކުރުމަށް އަމުރުކޮށްފަ އެވެ. އެއަށްފަހު ސަރުކާރުން މިކަމަށް ހައިކޯޓުގައި ގޮންޖަހާފައިވީނަމަވެސް މިހާރު ވަނީ އިސްތިއުނާފު ބާތިލްކުރުމަށް ނިންމާފައެވެ.
Advertisement
އެ މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވިއެވެ.
ރައީސް އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ 3 ފެބްރުއަރީގައި އިސްތިއުނާފު އަނބުރާ ގެންދިއުމަށް އެދި ހައިކޯޓަށް ހުށަހަޅާފަ އެވެ.
 މީގެ ކުރިން ސިޔާސީ މުވައްޒަފުންގެ މަގާމުން ވަކިކުރި 228 ސިޔާސީ މުވައްޒަފެއްގެ ނަމާއި މަގާމު ހޯދުމަށް އެދުނު މައްސަލައަކާ ގުޅިގެން އާންމު ފަރާތެއް ވަނީ ދައުލަތުގެ ސިޔާސި މުވައްޒަފުންގެ އަދަދު ހޯދުމަށް އެދިފައެވެ. އެވަގުތު ރައީސް އޮފީހުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ހަވާލާދީ އެކަމަށް ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ