ރައީސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްގީ ކުރާ ފަސިންޖަރުންގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އެ ޓާމިނަލަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ތަފްސީލް -  ރައީސް އޮފީހުން ބުނިގޮތުގައި ވީއައިއޭ ހިންގާ އެމްއޭސީއެލް އާއި އާ ޓާމިނަލްގެ މަސައްކަތްކުރާ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުގެ އިސްވެރިން، އެ ތަނުގެ މަސައްކަތާ ގުޅޭ ފަހުގެ މައުލޫމާތު ރައީސްއަށް އެރުވި އެވެ.
އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭގޮތަށް ތަރައްގީ ކުރާ 72،000 އަކަފޫޓުގެ އާ ޓާމިނަލްއާ އެކު ވީއައިއޭ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު އަންނާނެ ކަމަށް އުއްމީދުކުރެވެ އެވެ. 
ޒަމާނީ ހިދުމަތްތަކާ އެކު އަދި ރާއްޖޭގެ ރީތިކަން ސިފަވާގޮތަށް ތަރައްގީކުރާ ޓާމިނަލުގައި:
47 ޗެކް އިން ކައުންޓަރު ހުންނާނެ
6 ސެލްފް ސާވިސް ކިއޮސްކު ހުންނާނެ
ޒަމާނީ ބެގެޖު ހޭންޑްލިން ސިސްޓަމް ހުންނާނެ
އެޑްވާންސްޑް ސެކިޔުރިޓީ ސްކްރީނިން ނިޒާމެއް ގާއިމް ކުރާނެ
މަތިންދާބޯޓަށް އަރާފޭބުމަށް އޭރޯ ބްރިޖު ހުންނާނެ
ރައީސްގެ އަރިހުގައި ބައެއް ވަޒީރުން ވެސް އާ ޓާމިނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް މިއަދު އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ