ޑިޒްނީގެ ތީމް ޕާކެއް ފުރަތަމަ ފަހަރަށް މެދުއިރުމައްޗަށް

ވޯލްޓް ޑިޒްނީގެ ތީމް ޕާކެއް ފުރަތަމަ ފަހަރަށް މެދުއިރުމަތީގައި ހުޅުވަން ނިންމައިފިއެވެ. އަބޫދާބީގެ ޔާސް އައިލެންޑްގައި ހަދާ އެ ޕާކަކީ ޑިޒްނީއާއި ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ މިރާލް ގުޅިގެން ހަދާ ޕާކެކެވެ. އުތުރު އެމެރިކާ ޔޫރަޕް އަދި އޭޝިއާގައި ޑިޒްނީގެ ހަ ތީމް ޕާކް މިހާރުވެސް ހުރެއެވެ. އެންމެ ފަހުން ހުޅުވިފައިވަނީ 2016 ވަނަ އަހަރު ޝަންހާއީގައެވެ. މިރާލްއަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ޔަސް އައިލެންޑް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ ސީވޯލްޑް އަދި ވޯނާ ބްރޯސް ވޯލްޑް ހިންގާ ހެރީ ޕޮޓާ ތީމް ޕާކެއް ވެސް ތަރައްގީކުރަމުންނެވެ. ތީމް ޕާކް ތަރައްގީކުރާކަން އިއުލާނުކުރަމުން ޑިޒްނީން ބުނީ، ޔޫއޭއީއަކީ ފަތުރުވެރިކަމުގެ މައި ހަބު ކަމަށާއި، ދުނިޔޭގެ ތިންބައިކުޅަ އެއްބައި މީހުންނަށް އެ ގައުމަށް ފަސޭހަކަމާ އެކު ދަތުކުރެވޭ ކަމަށެވެ. އަބޫދާބީއާއި ދުބާއީ މެދުވެރިކޮށް ކޮންމެ އަހަރަކު 120 މިލިއަން ފަސިންޖަރުން ދަތުރުކުރާއިރު، އެމިރޭޓްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ގްލޯބަލް އެއާލައިން ހަބަކަށް ވާނެ ކަމަށެވެ. ޑިޒްނީގެ ފުރަތަމަ ތީމް ޕާކް ހުޅުވީ 1955 ވަނަ އަހަރު ކެލިފޯނިއާގެ އަނަހައިމްގައެވެ. އޭގެ ފަހުން 1971 ވަނަ އަހަރު ފްލޮރިޑާގެ އޮލަންޑޯގައި ވަނީ ހުޅުވާފައެވެ. އޭގެ ފަހުން 1983 ވަނަ އަހަރު ޓޯކިޔޯގައި ޕާކެއް ގާއިމުކުރިއެވެ. އަދި، 1992 ވަނަ އަހަރު ޕެރިސްގައި ޕާކެއް ހުޅުވައި، 2005 ވަނަ އަހަރު ހޮންކޮންގް އަދި 2016 ވަނަ އަހަރު ޝަންހާއީގައި ޕާކެއް ހުޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ