ވިހެއުމަށްފަހު މަންމައާއި ދަރިފުޅު މަރުވީ އިހުމާލުންކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ
ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ރޭ ވިހެއިތާ ގިނައިރުތަކެއް ނުވެ ނިޔާވިފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފައިވާކަމަށް މިއަދު ބުނެފިއެވެ. ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށްފަހުގައެވެ. އެ ހާދިސާއާ ގުޅިގެން އެ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު އަަންނަނީ ކުރަމުންނެވެ. އަދި ފަރުވާ އެންމެ އެކަށީގެންވަ ފުރިހަމަ ގޮތުގައި އެ ހޮސްޕިޓަލުން ލިބެން ނުހުންނަކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން "ސަން"އާ ވަހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަން ފަށައިފައިވާ ކަމަށާއި، ނަމަވެސް އިތުރު ތަފްސީލް މިވަގުތު ނެތްކަމަށް ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ވާހަކަ ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުންނެވެ. އެއާއެކު މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި އެ ފަދަ ބައެއް ހާދިސާތައް ހިނގައިފައިވާކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ