ރިޔާސީ ބަޔާން 2025: މަސައްކަތްކުރަނީ މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ރާއްޖެ ގެނައުމުގެ އަމާޒު ޙާޞިލުކުރުމަށް: ރައިސް

މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ރާއްޖެ ގެނައުމުގެ އަމާޒު ޙާޞިލުކުރެއްވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވާ، ޤައުމާ މުޚާޠަބު ކުރައްވާ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދިޔަ 2024ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރު ކަމަށާއި، 2023 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި އަހަރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 9 އިންސައްތަ އިތުރުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މި އަހަރުގެ އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަަކުރެއްވިއެވެ. އެކަން ޙާޞިލުކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ އަތޮޅު، ތ އަތޮޅު ފަދަ އަތޮޅުތަކުގައި މިއަހަރުތެރޭގައި އިންވެސްޓްކުރުމަށް ލުއިތައް ދެއްވައިގެންނާއި، އެ ނޫން އިންސެންޓިވްތައް ދެއްވައިގެން ރިސޯޓުތައް ހެއްދެވުމުގެ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވައިޑްބޮޑީ އެއާކްރާފްޓް އިފުތިތާހުކޮށް، ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ޤައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، މި އަންނަ އޮކްޓޫބަރު މަހުގައި އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނެވި، ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަނޑުވެރިކަން ޒަމާނީ ކުރަން އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާނެ ކަމަށާއި އެ ގޮތުން ދިވެހި އިޤުތިޞާދުގެ މުހިންމު ބައިވެރިއަކަށް ދިވެހި ދަނޑުވެރިކަން ބަދަލުކުރަން ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްޞަ ތަރައްޤީގެ މަސައްކަތްތަކެއް މިއަހަރު ކުރުމެއްވުމަށް ރާއްވަވާފައިވާ ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން ދަނޑުވެރިކަމުގެ ޚާއްޞަ އިޤްތިޞާދީ ޒޯނެއް ޤާއިމުކުރެވިގެންދާނެ ކަމަށާއި ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް، ފުޑް ސެކިއުރިޓީ ޤާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއް މިއަހަރު ތެރޭ ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަޝްރޫޢު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެ ކަމުގައިވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ