މިދިޔަ އަންގާރަ ދުވަހު މާލޭ ކެފޭއެއްގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި މާރާމާރިއާ ގުޅިގެން އެ ތަނުން އެކަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީ ހިންގާފައިވަނީ މާވެޔޮ މަގުގައި ހުންނަ ތާސީރު ކެފޭގެ ބަދިގެ ތެރޭގައެވެ. ފުލުހުން މީގެކުރިން މީޑިއާތަކަށް ބުނެފައިވަނީ މި މާރާމާރީ ހިންގާފައިވަނީ އެ ކެފޭގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލް މީހަކާއި، ހެލްޕަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްގެ މެދުގައެވެ.
އެ ދެ މީހުންވެސް އެ ދުވަހު ވަނީ އައިޖީއެމް ހޮސްޕިޓަލަށް، ފަރުވާ ދިނުމަށް ގެންގޮސްފައެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ސިދާރްތާ ގުރުންގު (24އ.) މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ ކޯޓުން އަމުރު ކޮށްފައެވެ.
މި މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސްވެ، އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ބިދޭސީންގެ މާރާމާރީ: ނޭޕާލް މީހާ ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ