ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑޮކްޓަރ ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ހިޒް އެކްސެލެންސީ ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ހިޒް އެކްސެލެންސީ ރުޒައިނަރ ބިން ރަމްލީ، މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހިޒް އެކްސެލެންސީ ބަދްލީ ހިޝާމް އަޙްމަދު، އަދި، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު އެވެ. ރައީސުލްޖުމްހޫރިއްޔާ އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ