ފަރުހާން އަންހެނުން ޝިބާނީއާ އެކު ރާއްޖޭގައި

ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާން އަޚްތަރު އަނބިމީހާ ޝިބާނީއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ފަރުހާންގެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ދެމަފިރިން ތިބީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޝިބާނީ ވަނީ ފިރިމީހާ ފަރުހާންއާ އެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފޮޓޯތައް ހިއްސާކުރަމުން އޭގެ ކެޕްޝަންގެ ގޮތުގައި ޝިބާނީ ބުނެފައިވަނީ ހަޔާތުގެ ބައިވެރިޔާއާ އެކު ރާއްޖޭގައި ހޭދަކޮށްފައިވާ ހަނދާންތައް މުޅި އުމުރަށް ވެސް ރައްކާކުރަން ބޭނުންވާ ކަމަށެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2022 ވަނަ އަހަރު ކައިވެނިކޮށްފައިވާ މި ދެމަފިރިންގެ ކައިވެނީގެ ހަނދާންތައް ވެސް ގުޅިފައިވަނީ ރާއްޖެއާއެވެ. ފަރުހާން އަދި ޝިބާނީ ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/އެންޑީޓީވީ އެގޮތުން 2022 ވަނަ އަހަރު މަޝްހޫރު މަޖައްލާ 'އެލް' އިންޑިއާގެ އެޑިޝަނަށް ޝިބާނީ ދިން އިންޓަވިއުއެއްގައި ބުނީ ފަރުހާނު އޭނާ ގާތު އިންނަން އެހީ ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ކުރި ދަތުރެއްގައި ކަމަށެވެ. މީގެ ކުރިން ކައިވެންޏެއްކޮށް ދެ ކުދިން ވެސް ލިބިފައިވާ ފަރުހާނާއި ޝިބާނީއަކީ އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ފިލްމީ ދެ ފަންނާނުންނެވެ. ފިލްމު "ދިލް ޗަހަތާ ހޭ"، އަދި "ޑޮން" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ފަރުހާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2021 ވަނަ އަހަރު ގެނެސްދިން ފިލްމު "ތޫފާން"އިންނެވެ. ފަރުހާން އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2011 ވަނަ އަހަރު އުފެއްދި ފިލްމު "ޑޮން 2"އެވެ. މި ފްރެންޗައިސްގެ ތިން ވަނަ ފިލްމު އިއުލާނުކޮށްފައިވާއިރު އަންނަ އަހަރުގެ ޖަނަވަރީ މަހުތެރޭ ފިލްމުގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ